ލ. ގަމުގައި ކުދި އަދި މެދު ފަންތީގެ ޓޫރިސްޓް ހޮޓަލާއި ގެސްޓްހައުސް ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެ ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

ލ. ގަމު އައްސޭރި ޕްރޮޖެކްޓާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް މުސާ ރަމީޒް މިއަދު ވިދާޅުވީ ލ. ގަމުގެ ހުޅަނގު ފަރާތު ގޮނޑުދޮށުން މީހުން އުޅޭ ހިސާބާ ދުރުން 50 ހެކްޓަރުގެ ބިމެއްގައި ދެ ޓޫރިސްޓް ހޮޓަލާއި އަދި 69 ގެސްޓް ހައުސް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިއަދުން ފެށިގެން އަންނަ މަހުގެ 14 އަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ރަމީޒް ވިދާޅުވީ އެ ސަރަހައްދުގެ އިންފުރާސްޓްރަކްޗާ ތަރައްގީކުރާނީ ސަރުކާރުން ކަމަށެވެ. ނަމަވެސް ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓުންނަށް ބޭނުންވާ އެހެނިހެން ހިދުމަތްތައް ތަރައްގީ ކުރާނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކަމަށް ރަމީޒު ވިދާޅުވި އެވެ.

"އެ ސަރަހައްދުގެ އިންފުރާސްޓްރަކްޗާ. މިދެންނެވީ މަގުތައް ފަދަ ތަންތަން ތަރައްގީ ކުރާނީ ސަރުކާރުން. ކައުންސިލުން އެ ބޭފުޅުން. އަޅުގަނޑުމެން މި ހުޅުވާލަނީ އެ ސަރައްދުގައި ޓޫރިސްޓުންނަށް ބޭނުންވާ ހިދުމަތްތައް ތަރައްގީ ކުރަން. އެކަމަށް ވަރަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އަޅުގަނޑުމެން އުންމީދު މި ކުރަނީ. މިއީ ރާއްޖޭގެ ޓޫރިޒަމް މެދުފަންތިއަށް ޓާކެޓް ކުރުމަށް އެޅޭ ފިޔަވަޅެއް،" ރަމީޒް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. މަރިޔަމް ޒުލްފާ ވެސް ބައިވެރިވެވަޑައިގަތް އެ ބައްދަލުވުމުގައި ޑރ. ޒުލްފާ ވިދާޅުވީ ލ. ގަމުގައި ހިންގާ އެ މަޝްރޫއު ކުރިއަށްގެންދާނީ އަލަށް އުފެދުނު ކައުންސިލްތަކާ މަޝްވާރާކޮށްގެން ކަމަށެވެ. އެގޮތުން ޒުލްފާ ވިދާޅުވީ ގެސްޓް ހައުސްތަކާއި ހޮޓާތައް ކުއްޔަށްދޭނީ ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމުގައި ވިޔަސް އެ ސަރަހައްދުގައި ބިނާ ކުރާ ފިހާރަތަކާއި އެހެނިހެން ހިދުމަތްތަކުގެ ކަންތައްތައް ރާވައި ހިންގާނީ ލ. އަތޮޅު ކައުންސިލުން ކަމަށެވެ.

"މި ޕްރޮޖެކްޓް ހަމަވެގެންދާނެ ކައުންސިލްތަކާ ގުޅިގެން ހިންގާ ލާމަސީލު ނަމޫނާ ޕްރޮޖެކްޓަކަށް،" ޒުލްފާ ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ހުށަހެޅުންތަކަށް ބެލުމަށް ފަހު މުޅި ޕްރޮޖެކްޓް ވަކި ފަރާތަކަށް ދިނުމުގެ ބަދަލުގައި ތަފާތު އެކި ފަރާތްތަކަށް އެ ސަރަހައްދު ތަރައްގީ ކުރުމަށް ފުރުސަތު ދޭގޮތަށް ވެސް ނިންމާފައިވާ ކަމަށެވެ. އެ މިނިސްޓްރީން ބުނީ އެ ސަރަހައްދުގެ އަގުތައް ކުދި އަދި މެދުފަންތީގެ ޓޫރިސްޓުންގެ މާކެޓަށް ފެއްތުމަށް ޓަކައި އެ ސަރަހައްދު ތަރައްގީ ކުރުމުގައި ވަކި މިންގަނޑެއް ގެންގުޅެން ޖެހޭ ކަމަށާއި އެ ސަރަހއްދުގައި ބިނާ ކުރާ ގެސްޓް ހައުސް ފަދަ ތަންތަން ހުންނަންވާނީ ވަކި ފެންވަރެއްގައި ހިފެހެއްޓިފައި ކަމަށެވެ.

ދާދިފަހުން އިކޮނޮމިކް މިނިސްޓްރީން ވަނީ ކުދި އަދި މެދު ފަންތީގެ ޓޫރިޒަމް ތަރައްގީ ކުރަން ބޭނުންވާ ފަރާތްތަކަށް ލޯނު ސްކީމެއް ވެސް ތައާރަފްކޮށްފަ އެވެ.