06 Jul 2015, 14:57
އަދާލަތު ޕާޓީއާ އެކު މަޝްވަރާތައް ކުރެވޭނީ އެ ޕާޓީން މަޝްވަރާގެ މޭޒަށް އައުމުން ކަމަށް ސަރުކާރުން ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ މިއަދު ސަން އަށް ވިދާޅުވީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއެކޭ އެއްފަދައިން ސަރުކާރުން ވަނީ އަދާލަތު ޕާޓީއަށް ވެސް މަޝްވަރާގެ ދައުވަތު އަރުވާފައި ކަމަށެވެ.
އެހެންކަމުން މަޝްވަރާތައް ފެށުމުގެ ފުރިހަމަ ބާރު އޮތީ އަދާލަތު ޕާޓީގެ އަތްމަތީގައި ކަމަށާއި އެޕާޓީން މަޝްވަރާގެ މޭޒަށް އައުމުން މަޝްވަރާތައް ފަށަން ސަރުކާރު އޮތީ ތައްޔާރަށް ކަމަށެވެ.
"އަދާލަތު ޕާޓީން މަޝްވަރާގެ މޭޒަށް އައުމުން އެޕާޓީއާ އެކު މަޝްވަރާތައް ފެށޭނީ،" މުއާޒު ވިދާޅުވި އެވެ.
މުއާޒު ވިދާޅުވީ މަޝްވަރާގައި ބައިވެރިވުމަށް ޝަރުތުތަކެއް ކަނޑައެޅުމަކީ ސަރުކާރުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށާއި މަޝްވަރާގެ މޭޒުގައި ބޭނުން ކޮންމެ ކަމެއް ސަރުކާރަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އަދާލަތު ޕާޓީން ކުރިން ބުނެފައި ވަނީ އެ ޕާޓީއާ އެކު ކުރާ މަޝްވަރާގައި ޕާޓީގެ ފަރާތުން ރިޔާސަތު ބަލަހައްޓަ ވާނީ ރައީސް އިމްރާން އަބްދުﷲ ކަމަށެވެ. ނަމަވެސް އިމްރާން މިހާރު ހުންނެވީ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީއާ އެކު ސަރުކާރުން މިހާރު ވަނީ މަޝްވަރާތައް ފަށާފަ އެވެ.