ދިވެހިރާއްޖޭގެ މިނިވަންކަމާއި ސަރަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުމުގައި ބައިނަލްއަގުވާމީ މުޖުތަމައުގައި ދިވެހިރާއްޖޭގެ ގައުމީ ސިޔާދަތަށް އިހުތިރާމު ކުރުން އިތުރު ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ އަށް އެހީތެރިވެ ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ބަލައިގެންފި އެވެ.

އެ ބިލު މަޖިލީހަށް ބަލައިގަތީ 56 މެމްބަރުންގެ ވޯޓުން ނެވެ.

ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ހުށަހެޅުއްވި ދިވެހި ރާއްޖޭގެ ފޮރިން ސާވިސް ބިލުގައި ބުނެފައި ވަނީ އެފަދަ ބިލެއްގެ މަގުސަދަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތު އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ ދިނުމާއި އެ ސިޔާސަތު ތަންފީޒު ކުރުން ކަމަށެވެ.

ހަމައެއާ އެކު ބައިނަލްއަގުވާމީ މަޝްރަހުގައި ރާއްޖެ އަށް ލިބެން ހުރި ފުރުސަތުތައް ހޯދައި ރާއްޖޭގެ ގައުމީ މަސްލަހަތު ކުރިއެރުވޭނެ ގޮތްތައް ހޯދައި ބަލައި އެކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަކީ ބިލުގެ މަގުސަދެއް ކަމަށެވެ.

ބިލުގައި ބުނެފައި ވަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އަދި އެ ސިޔާސަތު ހިންގުމާ ގުޅޭ ގޮތުން ނިންމަން ޖެހޭ އެންމެހާ ނިންމުންތައް ނިންމުމުގެ އެންމެ އިސްވެރިއަކީ ވެސް ރައީސުލްޖުމްހޫރިއްޔާ އެވެ. އެހެންނަމަވެސް އެ ސިޔާސަތު ތަންފީޒު ކުރާ ފަރާތެއްގެ ގޮތުގައި ބިލުގައި ބުނެފައި ވަނީ ފޮރިން މިނިސްޓަރެވެ.

ފޮރިން ސާވިސްގެ ބިލު މަޖިލީހަށް ހުށަހެޅުއްވި ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން: ފޮޓޯ/ މަޖިލިސް

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ފޮރިން ސާވިސް ބިލުގައި ބުނެފައި ވަނީ ބޭރުގެ ދައުލަތްތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާ ދިވެހި ދައުލަތުން މުއާމަލާތް ކުރުމުގައި ދިވެހި ދައުލަތް ތަމްސީލު ކުރާނީ ފޮރިން ސާވިސްގެ އެންމެހާ ކަންކަން ހިންގެވުމާއި ހަވާލުވެ ހުންނެވި މިނިސްޓަރު ކަމަށެވެ.

ބޭރުގެ ގައުމުތަކުގައި އަދި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގައި ދިވެހި ދައުލަތް ތަމްސީލު ކުރާ ސަފީރުން ކަނޑައެޅުމުގައި ވަކި ހާއްސަ ކަންތައްތަކަކަށް ބަލަން ޖެހެ އެވެ. އެގޮތުން އެފަދަ ފަރާތަކަީ ދިވެހި ދައުލަތް ތަމްސީލުކޮށް ސަފީރު ކަމުގެ މަގާމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާ ކުރެވޭ ފެންވަރުގެ ތައުލީމާއި ތަޖުރިބާއާއި ގާބިލުކަން ލިބިފައިވާ މީހެއް ކަމުގައި ވާން ޖެހެ އެވެ.

ގާނޫނު އަސާސީގެ 130 ވަނަ މާއްދާގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ ކިބައިގައި ފުރިހަމަ ވާން ޖެހޭ އެންމެހާ ޝަރުތުތައް އެފަދަ ބޭފުޅެއްގައި ހުންނަން ޖެހެ އެވެ.

ބިލުގައި ބުނެފައި ވަނީ ރާއްޖެ އިން ބޭރުގައި ރާއްޖޭގެ ޑިޕްލޮމެޓިކު މިންޝަންތަކާއި ކޮންސިއުލޭޓުތައް ގާއިމު ކުރަން ޖެހެ އެވެ.

އެ ދެެ ތަނަކީ ވެސް ރާއްޖޭގެ ގައުމީ މަސްލަހަތު ކުރިއަރުވާ ރާއްޖެ އަށް މަންފާލިބޭނެ ފުރުސަތުތައް ހޯދައި ފުޅާކޮށް ރާއްޖޭގެ މިޝަނެއް ނުވަތަ ކޮންސިއުލޭޓެއް ހުންނަ ސަރަހައްދަކަށް ޒިޔާރަތް ކުރާ އަދި އެތަނުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައި ދިނުމަށް ހުންނަ ތަންތަނެވެ.

ބިލު ހުށަހެޅުއްވި މެމްބަރު ޔާމީން ވިދާޅުވީ އެފަދަ ބިލެއް ހުށަހެޅުއްވި ސަބަބަކީ ހާރިޖީ ސިޔާސަތު މެދުވެރިކޮށް ރާއްޖޭގެ މިނިވަންކަމާއި ސަރަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުމުގައި ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖޭގެ ގައުމީ ސިޔާދަތަށް އިހުތިރާމު ކުރުން އިތުރު ކުރުމުގައި މަސައްކަރް ކުރުމަށް ކަމަށެވެ.