ޑެންގީ ޖެހޭ މީހުންގެ އަދަދު ކޮންޓުރޯލް ނުވާ ކަމަށް ހެލްތު ޕުރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ފާތުމަތު ނަޒުލާ ރަފީގު މިއަދު ސަން އަށް ވިދާޅުވީ ވޭތުވެދިޔަ ހަފްތާއެއްގެ ތަފާސް ހިސާބްތަކަށް ބަލާއިރު ޑެންގީ ޖެހުނު މީހުންގެ އަދަދު ވަނީ އިތުރުވެފައި ކަމަށާއި އެހެން ކަމުން އެބަލި ކޮންޓުރޯ އަދިވެސް ނުވާ ކަމަށެވެ.

"ކޮންމެ ދުވަހަކު ވެސް އަޅުގަނޑުމެން މިޑޭޓާތައް ނެރެނީތާ، ވީކްލީ ޓްރެންޑަށް ބަލާއިރު ގިނަވެފައި ދެއްތޯ ހުރީ، ދެން ހަފްތާއެއް ފަހުން އެނގޭނީ ކިހިނެއްތޯ ކޮންޓުރޯލް ވަމުން ދަނީ." ޑރ. ނަޒުލާ ވިދާޅުވި އެވެ.

ޑެންގީ ކޮންޓުރޯލް ކުރުމަށް ކުރެވޭނެ އެންމެ ބޮޑު މަސައްކަތަކީ މަދިރި ނައްތާލުން ކަމަށާއި މަދިރި ކޮންޓުރޯލް ކުރުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުގަިއ ކުރެވޭ މަސައްކަތުގެ ނަތީޖާ ފެންނާނީ އަދި ދުވަސްކޮޅަކުން ކަމަށާއި ޑެންގީ ކޮންޓުރޯލް ކުރެވޭނެ ވަކި ދުވަހެއް ދައްނަވަން އަދި ނޭންގޭ ކަމަށް ނަޒުލާ ވިދާޅުވި އެވެ.

އާންމު ރައްޔިތުންނަށް ޑެންގީ އާއި ގުޅޭ މައުލޫމާތު ލިބި އެކަމަށް މިހާރު ހޭލުންތެރި ކުރެވިފައިވާ ކަމަށް ވެސް ނަޒުލާ ވިދާޅުވި އެވެ.

އެޗްޕީއޭ އިން އެހެން ބުނާއިރު ހެލްތް މިނިސްޓަރު އިރުތިޝާމް އާދަމް އިއްޔެ ވިދާޅުވީ ޑެންގީ ޖެހޭ މީހުންގެ އަދަދު މީގެކުރީ ދުވަސްތަކާ އަޅާ ބަލާއިރު މިހާރު މަދުވެފައިވާ ކަމަށެވެ.

މިދުވަސްވަރު ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ޑެންގީ ހުން ކޮންޓްރޯލް ކުރުމަށްޓަކައި މަދިރި އުފެދޭ ތަންތަން ސާފުކުރުމަށް ސަރުކާރުން ވަނީ ގައުމީ ކެމްޕޭނެއް ފަށާފަ އެވެ. މިފަހަކުން ވަނީ ޑެންގީގައި ތިން މީހަކު މަރުވެފަ އެވެ.