06 Jul 2015, 14:14
ރަމަޟާން މަހުގެ ދުވާލު ވަގުތުގައި ފިހާރައެއްގެ ތެރޭގައި ޗޮކްލެޓެއް ކާން ހުރި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހައްޔަރު ކޮށްފައި ވަނީ އުމުރުން 35 އަހަރުގެ ފިރިހެނަކު ކަމަށެވެ.
އެމީހާ ހައްޔަރު ކޮށްފައި ވަނީ މަޖީދީމަގުގައި ހުރި ފިހާރައަކުން ޗޮކްލެޓެއް ގަތުމަށް ފަހު އެ ފިހާރަ ތެރޭގައި ޗޮކްލެޓް ކާން ހުއްޓައި މިއަދު 11 ޖަހާއެހާކަންހާ އިރު ކަމަށް ފުލުހުން ބުނެ އެވެ.
ރޯދަ މަހު ދުވާލު ވަގުތަކުގައި ރޯދައަށް ނުހުރެ ކެއިން ބުއިމަކީ ކޮންމެ އަހަރެއްގެ ރޯދަ މަހު ވެސް ފެންމަތިވާ މައްސަލައެކެވެ.
އެގޮތުން މިރޯދަ މަހު ފުރަތަމަ 10 ނުނިމެނިސް ރޯދައަށް ނުހުރެ ކައިގެން ފުލުހުންނަށް ހުށައެޅި ހަތް މައްސަލައަކާ ގުޅިގެން މިހާތަނަށް ވަނީ އަށް މީހަކު ހައްޔަރުކޮށްފަ އެވެ.
ރޯދަ މަހު ދުވާލު ރޯދަ ދޫކޮށްލައިގެން މިހާތަނަށް އާންމުކޮށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމްތަކުގައި ވަނީ 150 ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ. ނަމަވެސް ވަރަށް މަދު ފަހަރެއްގައި ހަ މަހަށް ޖަލަށްލުމަށް ވެސް ހުކުމް ކޮށްފައިވެ އެވެ.
ދީނީ ގޮތުން ބަލާއިރު މަގުބޫލް އުޒުރެއް ނެތި ރޯދަ ދޫކޮށްލައިފި މީހާ އެކަމަށް ތައުބާވެ ޖެހިޖެހިގެން ދެ މަސް ވަންދެން ރޯދަ ހިފަން ޖެހެ އެވެ.