06 Mar 2011, 12:13
ޓެރެސްޓްރިއަލް ބްރޯޑްކާސްޓިންގެ ހުއްދަ ހޯދުމަށް ސަރުކާރާ އެކު ގިނަ މުއާމަލާތްތަކެއް ކުރުމަށް ފަހު ވެސް އެ ހުއްދަ ނުލިބުމުން ދިޓީވީ ހިންގާ ބްރޯޑްކާސްޓިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ މައްސަލަ ކޯޓަށް ވައްދައިފި އެވެ.
އެ މައްސަލައިގައި މިއަދު ދައުވާ ހުށަހަޅުއްވަމުން ވަކީލު އަރީފް އަހުމަދު ނަސީރު ވިދާޅުވީ ޑިސެމްބަރު 2، 2010ގައި އެ ކުންފުންޏާއި ސަރުކާރާ ދެމެދުވެފައިވާ އެއްބަސްވުމުގެ ދަށުން ލިބެން ޖެހޭ ހުރިހާ މަންފާތަކެއް ލިބުމަކީ އެ ކުންފުނީގެ ހައްގެއް ކަމަށެވެ. އެހެންކަމުން ޓެރެސްޓްރިއަލްކޮށް ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ދިނުމަށް ދިވެހި ދައުލަތުގެ މައްޗަށް އަމުރެއް ނެރެދިނުމަށް ވެސް އެ ކުންފުނީގެ ފަރާތުން އެދުނެވެ.
އެމައްސަލަ ދިޓީވީގެ ފަރާތުން ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހެޅުމުން އެ ކޮމިޝަނުން ބެލުމަށް ފަހު ބުނެފައި ވަނީ އެއް ބަޔަކަށް ޓެރެސްޓްރިއަލް ބްރޯޑްކާސްޓިންގެ ހުއްދަ ދިނުމަށް ފަހު އެހެން ބަޔަކަށް އެ ހުއްދަ ނުދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ދި ޓީވީ އަށް އެ ހުއްދަ ނުދީ ހިފަހައްޓާފައިވާ އިރު އެ ހުއްދަ ދިނުމަށް ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށް ކޮމިނިއުކޭޝަން އޮތޯރިޓީން ބުނެފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެ އެވެ. މީގެ އިތުރުން އެއްބަޔަކަށް ފްރިކުއެންސީ ދިނުމަށް ފަހު އެހެން ބަޔަކަށް އެ ފުރުސަތު ނުދިނުމަކީ ގާނޫނު އަސާސީއާ ހިލާފް ކަމެއް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
ދި ޓީވީގެ ހިދުމަތް މިހާރު ފޯރުކޮށްދެމުން އަންނަނީ ކޭބަލް ޓީވީ މެދުވެރިކޮށެވެ. އެކަމަކު ސަރުކާރުން ހުޅުވާލި ޓެސްޓް ފުރުސަތުގައި މީގެ ކުރިން ދި ޓީވީން ވަނީ ތިން މަސް ދުވަސް ވަންދެން ޓެރެސްޓްރިއަލްކޮށް ހިދުމަތް ފޯރުކޮށްދީފަ އެވެ. އެކަމަކު ސަރުކާރުން ދާއިމީ ހުއްދައެއް ނުދިނުމުގެ ސަބަބުން އޭގެ ފަހުން ޓެރެސްޓްރިއަލްކޮށް ހިދުމަތް ދެވޭ ގޮތް ވަނީ ނުވެފަ އެވެ.