14:30


ރާއްޖޭގައި ސިޔާސީ ޕާޓީތައް ކުރިއަށްގެންދިއުމަށް ފެނޭތޯ ބެލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ގޮވާލައްވައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ސިޔާސީ ޕާޓީގެ ބިލްގެ އިބްތިދާއީ ބަހުސްގައި ބައެއް މެންބަރުން ވިދާޅުވީ، ސިޔާސީ ޕާޓީތައް އުފެދުމުގެ ސަބަބުން، ރާއްޖޭގައި ކުރިން އޮތް ސުލްހަ މަސަލަސްކަމާއި އެކުވެރިކަން ނެތިގޮސް، ގައުމުގެ ހުރިހާ ސަރަހައްދެއްގައި ފިތުނަ ފަސާދަ އުފެދިފައިވާ ކަމަށެވެ. އަދި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ބަލިމަޑުކަމަކީ، އެކުވެރިކަން ނެތި އެއް ބަޔަކު އަނެއް ބަޔަކާ ޖެހިފައިވުން ކަމަށާއި، އެކަންކަމަކީ ސިޔާސީ ޕާޓީތަކުގެ ސަބަބުން ދިމާވި ކަމެއް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި ރާއްޖޭގެ އާބާދީގެ ނިސްބަތަށް ބަލާއިރު ގިނަ ރައްޔިތުންނަކީ އަދި ވެސް ޕާޓީތަކާ ނުގުޅި ތިބި މީހުން ކަމަށް ވުމުން ރާއްޖެއަށް ސިޔާސީ ޕާޓީ ބޭނުންތޯ ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށްފަހު ޕާޓީތަކައިގެން ކުރިއަށް ދިއުމަށް ވެސް އެ މެންބަރުން އެދިވަޑައިގެންނެވި އެވެ. އަދި ރާއްޖޭގައި ސިޔާސީ ޕާޓީ އުފައްދާފައި ވަނީ އެކަމަށް ތައްޔާރުނުވެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.


ނަމަވެސް ރާއްޖެއަށް ޕާޓީ ސިސްޓަމް ބޭނުން ކަމަށް ވަކާލާތު ކުރައްވާ މެންބަރުން ވިދާޅުވީ، މި ބިލަކީ މަޖިލީހަށް އައުން މިހާރު ވެސް ލަސްވެފައިވާ ބިލެއް ކަމަށެވެ. އަދި ފިތުނަ ފަސާދަ އުފެދިދާނެ ކަމަށް ދެކިގެން ޕާޓީ ނުއުފެއްދުނު ޒަމާނެއް ވެސް ދިޔަ ކަމަށާއި، އެގޮތަށް ރައްޔިތުންގެ ހިޔާލު ހުރި ކަމަށް ދެކިގެން ރައްޔިތުންގެ މަޖިލީހުން ކަންތައްތަކެއް ނިންމި ނަމަވެސް ރައްޔިތުން ހޯދި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން އެކަމަށް ރައްޔިތުން ގޮވާލުމުގެ ސަބަބުން އެ ހައްގަކީ މިހާރު ގާނޫނު އަސާސީގައި ލިޔެވިފައިވާ ހައްގެއް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އެހެންކަމުން ސިޔާސީ ޕާޓީ އުފެއްދުން ނުވަތަ ނުއުފެއްދުން، ނުވަތަ އެކަމާ ބެހޭ ސިއްރު ވޯޓުގެ ވާހަކަ ދެއްކޭނީ ގާނޫނު އަސާސީއަށް ބަދަލު ގެނެސްގެން ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި އިންތިހާބުތަކަށް ބަލާއިރު ކާމިޔާބު ހޯދާފައި ވަނީ ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކުން ކަމަށާއި، ރައްޔިތުންގެ މަޖިލީހުން ފަސޭހަކަމާއި އަވަސްކަމާއެކު ކަމެއް ނިންމެނީ ވެސް ޕާޓީތަކުން ވާހަކަ ދައްކައި މަޝްވަރާކޮށްގެން ކަމަށްވުމުން މިއަދު ދައްކަންވީ ސިޔާސީ ޕާޓީތައް ހަދައިގެން ދެން ކުރިއަށްދާންވީ ގޮތުގެ ވާހަކަ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.


ސިޔާސީ ޕާޓީގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ މިއަދު ވިދާޅުވީ، ސަރުކާރުން މި ބިލު ހުށަހެޅުއްވުމުގެ އެންމެ ބޮޑު ބޭނުމަކީ، ރާއްޖޭގެ ޑިމޮކްރަސީ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ސަރުކާރު ހިންގުމުގައި ރައްޔިތުންގެ ހިއްސާ، ފުޅާ ދާއިރާއެއްގައި ބޭއްވުމާއި، ސިޔާސީ ޕާޓީތަކަށް ގާނޫނީ ހައިސިއްޔަތު ދިނުން ކަމަށެވެ. އަދި ސިޔާސީ ކަންކަމުގައި ސުލްހަވެރިކަމާއެކު ހަރަކާތްތެރިވެ، ބައިވެރިވެއުޅުމުގެ މަގު ތަނަވަސްކޮށްދިނުމަށް ވެރިކަމުގެ ބާރުގެ ތެރެއަށް ރައްޔިތުންގެ ޝުއޫރު ވާސިލުކުރެވޭނެ މަގު ތަނަވަސްކޮށްދިނުން ހިމެނޭ ކަމަށް ވިދާޅުވެ ބިލުގައިވާ ބައެއް ކަންތައްތަކަށް އަލިއަޅުވައިލެއްވި އެވެ.


މި ބިލަށް ކުރިއަށްދިޔަ ބަހުސްގައި ބިލަށް ބައެއް އިސްލާހްތައް ގެންނަންޖެހޭ ކަމަށް މެންބަރުން ވިދާޅުވި އެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ޕާޓީގެ އޮފީހެއް ގާއިމްކުރުމަކީ މަނާކަމެއް ކަމަށް އޮތުން ބަދަލު ކުރުމަށާއި، ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނުތިބުމަށާއި، ޕާޓީ އުފެއްދުމަށް މިހާރު ހުށަހަޅަންޖެހޭ ތިން ހާސް މީހުންގެ ބަދަލުގައި ފަސް ހާސް މީހުންގެ ސޮއި ހުށަހެޅުމަށް ބިލަށް އިސްލާހް ގެންނަންޖެހޭ ކަމަށް އެ މެންބަރުން ވިދާޅުވި އެވެ.


ދިރިއުޅޭތަންތަން ކުއްޔަށް ދޫކުރުމާ ބެހޭ ބިލު މަޖިލީހުން ކުރިއަށް ގެންދިއުމަށް 45 މެންބަރުންގެ ވޯޓުން ބިލު ވަނީ މަޖިލީހަށް ބަލައިގެންފަ އެވެ. އަދި ޓޫރިޒަމާ ބެހޭ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލުގެ ބަހުސް ވެސް މިއަދުގެ ޖަލްސާގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.