06 Jul 2015, 14:29
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް، އިންފޮމޭޝަން އޮފިސަރުން ހޭލުންތެރި ކުރުމުގެ ގޮތުން ވޯކްޝޮޕެއް ބާއްވައިފި އެވެ.
އިންފޮމޭޝަން ކޮމިޝަނާސް އޮފީސް މޯލްޑިވްސް (އައިސީއޯއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ވޯކްޝޮޕް މިއަދު ބާއްވާފައި ވަނީ ސްޓެލްކޯގެ ޓްރެއިނިން ރޫމްގަ އެވެ.
މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިސީއޯއެމްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝިހާމް ވިދާޅުވީ މިއަދުގެ ވޯކްޝޮޕުގައި އެ ގާނޫނާ ބެހޭ ގޮތުން މައުލޫމާތު ދީފައިވާ އިރު އިންފޮމޭޝަން އޮފިސަރުންނަށް ދިމާވާ މައްސަލަތަކާ މެދު މަޝްވަރާކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ވޯކްޝޮޕުގައި އިފޮމޭޝަން އޮފިސަރުންނަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ކުރެވިދާނެ ކަންތަކުގެ މައްޗަށް ސުވާލު ކުރެވިފައިވާ ކަމަށެވެ.
މާލޭގެ 70 ވަރަކަށް އޮފީހުގެ އިންފޮމޭޝަންސް އޮފިސަރުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްގައި ދައުލަތުގެ މުއައްސަސާތަކުގެ އިންފޮމޭޝަންސް އޮފިސަރުން ވެސް ބައިވެރިވެފައިވާ ކަމަށް ޝިހާމް ވިދާޅުވި އެވެ.
އައިސީއޯއެމް އިން އަންނަނީ އަތޮޅުތެރޭ ރަށްތަކުގައި މަސައްކަތް ކުރާ އިންފޮމޭޝަންސް އޮފިސަރުންނަށް ވެސް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް ބާއްވައިފަ އެވެ. އެގޮތުން މިހާތަނަށް ހަ އަތޮޅަކުން 129 ބޭފުޅަކު ވަނީ ހޭލުންތެރިކޮށްފަ އެވެ. އަދި ގާނޫނާ ބެހޭ ގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ވެސް އައިސީއޯއެމް އިން ވަނީ ބާއްވާފަ އެވެ.