06 Jul 2015, 12:15
މިދިޔަ މަހުގެ ތެރޭ އައްޑޫ ސިޓީގެ ހިތަދޫގައި ތޫނުއެއްޗަކުން ހަމަލާދީ މަރާލި ހިތަދޫ، އެތީނާގެ، ހުސައިން ޝިޔާރު، 19،ގެ މަރުގެ މައްސަލައިގެ ތުހުމަތު ކުރާ ބަޔަކު އެހެން މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.
ނަމަވެސް އެމީހުން ހައްޔަރު ކުރީ ކޮން މައްސަލައެއްގެ ތުހުމަތުގައި ކަމެއް ފުލުހުން ނުބުނެ އެވެ. އަދި ހައްޔަރު ކުރީ ކިތައް މީހުން ކަމެއް ވެސް ފުލުހުން ހާމައެއްނުކުރެ އެވެ.
އެމީހުން އަދިވެސް ތިބީ ހައްޔަރުގައި ކަމަށް ފުލުހުން ބުނެ އެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހުގެރޭ ހިންގި މާރާމާރީގައި ހުސެއިން ޝިޔާރުގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ހަމަލާދިނުމުން ކަފައިގެން ގޮސްފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. އަދި ފަރުވާދެމުން ދަނިކޮށް ޖެހިގެން އައި ދުވަހު އޭނާ ވަނީ މަރުވެފަ އެވެ. މޫނު ނިވާކޮށްގެން ތިބި ބަޔަކު ޝިޔާރަށް ހަމަލަދީފައި ވަނީ އޭނާގެ ގޭގައި ހުއްޓަ އެވެ.
ހުސައިން ޝިޔާރުގެ މަރާ އެކު، މިއަހަރު ރާއްޖޭގައި މަރާލި މީހުގެ އަދަދު ހަތަކަށް ވަނީ އަރާފަ އެވެ.