06 Jul 2015, 12:43
ކުރިއަށް އޮތް ސީޒަންގައި ވެސް ހުންނާނީ މެންޗެސްޓާ ޔުނައިޓެޑުގައި ކަމަށް އެޓީމްގެ ގޯލް ކީޕަރު ސްޕެއިންގެ ޑެވިޑް ޑެހެއާ ބުނެފިއެެވެ.
ޑެހެއާ މިހެން ބުނެފައި މިވަނީ ސްޕެއިންގެ ރެއާލް މެޑްރިޑުން އޭނާ ގެންދަން ބިޑް ކޮށްފައި ވަނިކޮށެވެ.
ޑެހެއާ ގެންދަން ރެއާލްއިން ހުށަހަޅާފައި ވަނީ 25 މިލިއަން ޕައުންޑުގެ އަގެކެވެ. ނަމަވެސް އެއަގު މެންޗެސްޓާ ޔުނައިޓަޑުން ގަބޫލެއް ނުކުރެއެވެ. ހެއާ ޔުނައިޓެޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާން ބާކީ އެއް އަހަރު އެބައޮތެވެ.
ސްޕެއިންގެ ކޯޓްވާ ޓީވީއިން ކުރި ސުވާލަކަށް ޖަވާބު ދެމުން މިވަގުތު މެޑްރިޑްގައި ހުރި ޑެހެއާ ބުނީ އޭނާ އަންނަ ސީޒަންގައި ކުޅޭނީ ޔުނައިޓެޑަށް ކަމަށާއި ޕްރީ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިއަދު ޔުނައިޓެޑްގެ ޓީމާ ގުޅޭނެ ކަމަށެވެ.
ނަމަވެސް އަންނަ ސީޒަން ނިމޭއިރު އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހު ފްރީ ޓްރާންސްފަރއެއްގެ ދަށުން އޭނާ ރެއާލް މެޑްރިޑާ ގުޅޭނެކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އެތުލެޓިކޯ މެޑްރިޑުން ކެރިއާ ފަށި ޑެހެއާ މެންޗެސްޓާ ޔުނައިޓަޑާ ގުޅިފައިވަނީ 2011 ވަނަ އަހަރު 17.8 މިލިއަން ޕައުންޑަށެވެ.
އޭނާއަކީ ޔުނައިޓެޑްގެ ކުރީގެ ލެޖެންޑް އެޑްވެން ވެންޑަސާ ކުޅުން ހުއްޓާލުމުން އޭނާގެ ބަދަލުގައި ޔުނައިޓެޑްގެ ގޯލް ބަލަހައްޓަން ގެނައި ކީޕަރެވެ.
ފުރަތަމަ ކޮޅު އޭނާގެ ފަރާތުން ދަށް ކުޅުމެއް ފެނިގެން ދިޔަޔަސް ފަހުން އޭނާ ވަނީ ޔުނައިޓެޑްގެ އެންމެ މޮޅު ކުޅުން ތެރިޔާގެ މަގާމަށް ވާދަކޮށްފައެވެ. މިދިޔަ ސީޒަންގައިވެސް ޔުނައިޓެޑްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީވެސް ޑެހެއާއެވެ.