އުތުރުގެ ކުނި މެނޭޖް ކުރުމަށް ލޭންޑިންކްރާފްޓެއް ހޯދުމާއި ބ. މާޅޮހު ކުނިމެނޭޖްކުރާ ސެންޓަރު އިތުރަށް އިތުރަށް ތަރައްގީކުރުމުގެ ކޮންޓްރެކްޓް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ލޭންޑިން ކްރާފްޓެއް ހޯދުމާ ބެހޭ އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ތާރިގު އިބްރާހިމެވެ. ލޭންޑިން ކްރާފްޓް ގެނައުމުގެ މަސައްކަތް ހަވާލުކުރި އިންޑިޔާގެ ވިޖޭ މެރިން ސާވިސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ވެރިޔާ ޖައިރަމް ޑައިލާނީ އެވެ. ކުނި އުފުލުމަށް ބޭނުންކުރާ އެ ލޭންޑިން ކްރާފްޓަކީ 30 މީޓަރު ދިގު 200 ޓަނުގެ ކުނި އުފުލޭނެ ކްރާފްޓެއް ކަަމަށް އެންވަޔަރަމެންޓް މިިނިސްޓްރީން ބުނެ އެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ 645000 އެމެރިކާ ޑޮލަރު (9.94 މިލިއަން ރުފިޔާ) އަށެވެ.

ރ. އަތޮޅު ވަންދޫގައި ރީޖަނަލް ކުނި މެނޭޖްމެންޓް ސެންޓަރެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އެ ސެންޓަރަށް އެކިރަށްތަކުން ކުނި ގެނައުމުގެ މަސައްކަތް ލޭންޑިން ކްރާފްޓް ބޭނުންކޮށްގެން ކުރާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތާރިގު ވިދާޅުވި އެވެ. ރ،ބ،ޅ. އަތޮޅުގެ ސާޅިސް ހަތަރު ރަށުންނާއި އެ އަތޮޅުތަކުގެ އިންޑަސްޓްރިއަލް ރަށްރަށުންނާއި އަދި ރިސޯޓްތަކުން ހަލާކުނުވާ ޒާތުގެ (ކޮމްޕޯސްކޮށްފައި ބާކީ ހުންނަ ކުނި ) ވަންދޫ އަށް ގެންދާނެ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މީގެ ކުރިންވެސް އޮންނާނީ މި ޕްރޮޖެކްޓަށް އިތުރު ބާޖެއް ބަނުމަށް މަސައްކަތް ބަޔަކާއި ހަވާލުކޮށްފައި. އެ މަސައްކަތް މިހާރު ވަނީ ނުމުމަކާއި ހަމައަކަށް އައިސްފައި. އެ މަސައްކަތްކުރާ ފަރާތުން މިހާރު ޝެޑިއުލްކޮށްފަ އޮތީ މި އަންނަ މަހު ތެރޭގައި މި ބޯޓް ބާލާ ބޭނުންކުރެވޭނެ ކަަމަށް،" ތާރިގު ވިދާޅުވި އެވެ.

އެންވަޔަރަމެންޓް މިނިސްޓަރު ތާރިގު އިބްރާހިމް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

ޖައިރަމް ޑައިލާނީ ވިދާޅުވީ މަސައްކަތް ނިންމަން ދީފައި އޮތް ފަސް މަސް ދުވަހުގެ ތެރޭގައި އިންޑިއާގައި ވަރަށް ކޮލިޓީކޮށް އެ ކްރާފްޓް ބަނުމަށް ފަހު ރާއްޖެ ގެންނާނެ ކަމުގެ ޔަގީންކަން އަރުވާ ކަަމަށެވެ.

އުުތުރުގެ ކުނި މެނޭޖް ކުުރުމުގެ ޕްރޮޖެކްޓަކީ ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

ބ. މާޅޮހު ކުނި މެނޭޖްކުރާ މަރުކަޒް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ތާރިގާއި އެ މަސައްކަތް ހަވާލުކުރި ތަޝީޝާ ކުންފުނީގެ ޑިރެކްޓަރު ހުސައިން ޝިފާން އެވެ. ތިން މަސްދުވަހުގެތެރޭގައި ނިންމާ ގޮތަށް 591139 ރުފިޔާ އަށެވެ. އަދި މި މަސައްކަތް ނިމޭއިރު ސަރުކާކާރުން ގަބޫލުކުރާ ފެންވަރަށް މާޅޮހޮގެ ނުކި މެނޭޖް ކުރުމުގެ މަރުކަޒު އަންނާނެ ކަމަށް މިނިސްޓަރު ތާރިގު ވިދާޅުވި އެވެ.

ބ. މާޅޮހު ކުނި މެނޭޖްކުރާ މަރުކަޒު އިތުރަށް ތަރައްގީ ކުރުމަށްވި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒް މޫސާ

މުޅި ރާއްޖޭގައި ކުނި މެނޭޖްކުރަމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކުރައްވާ ކަމަށް ތާރިގު ވިދާޅުވި އެވެ.