ނިއުޔޯކްގެ ހައިސެކިއުރިޓީ ޖަލަކުން ފިލި ދެމީހުންގެ ތެރެއިން ދިރިހުއްޓައި ހައްޔަރު ކުރެވުނު ޑޭވިޑް ސްވެޓަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އޭނާ ޖަލަށް ބަދަލުކޮށްފި އެވެ.

ނިއުޔޯކް ޓައިމްސް ބުނީ އޭނާ މިފަހަރު ބަދަލުކުރީ އޭނާ ފިލުމުގެ ކުރިން ހުރި ޖަލާ 250 މޭލު ދުރުގައިވާ ޖަލަކަށް ކަމަށެވެ. ފައިވް ޕޮއިންޓްސް ކަރެކްޝަނަލް ފެސިލިޓީ ނަމަކަށް ކިޔާ އެޖަލުގައި 1294 ކުށްވެރިން އެބަތިބި ކަމަށާއި އެތަން ބެލެހެއްޓުމަށް 669 މުވައްޒަފުންނާއި 511 ސަލާމަތީ މުވައްޒަފުން ތިބޭ ކަމަށް އެމެރިކާގެ ކަރެކްޝަންސް ޑިޕާޓްމަންޓާ ހަވާލާދީ ނޫހުގައިވެ އެވެ.

ސްވެޓް އެ ޖަލަށް ބަދަލު ކުރުމަށް ފަހު އޭނާ ފުރަތަމަ ބަހައްޓާނީ އެޖަލުގެ އިންފާމޭޓްރީގަ އެވެ. އެއީ އޭނާގެ ސިއްހީ ހާލަތު ބެލުމަށެވެ. އެއަށް ފަހު އޭނާ ބަދަލުކުރާނީ ކުޑަގޮޅިއަކަށް ކަމަށާއި ދުވަހެއްގެ 24 ގަޑިއިރުގެ ތެރެއިން 23 ގަޑި އިރު އޭނާ ހުންނާނީ އެކަހެރިކޮށް ކަމަށް ވެސް އެމެރިކާގެ ކަރެކްޝަންސް ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ.

ސްވެޓް ހައްޔަރުކުރެވުނީ އޭނާ ދަންނަ ފުލުހަކަށް އޭނާ ފެނިގެން އޭނާގެ ގަޔަށް ބަޑި ޖެހުމުންނެވެ. އޭނާ ހައްޔަރު ކުރެވުނީ އޭނާއާ އެކު ފިލި ދެވަނަ މީހާ ރިޗަޑްމޭޓް ގަޔަށް ސަލާމަތީ ބާރުތަކުން ބަޑިޖަހައި މަރައިލިތާ ދެދުވަސް ފަހުންނެވެ.