06 Mar 2011, 11:45
މިދިއަ ބުރާސްފަތި ދުވަހެވެ؛ އުފެދެމުން އަންނަ އާ ބާވަތްތަކުގެ ކުށްތައްކަމަށްވާ "އިންޓަނެޓްގައި ހިންގާ ޖަރީމާ"ތަކުގެ ވާހަކަ ރިޔާސީ ބަޔާން މެދުވެރިކޮށް ރައީސް ނަޝީދު ވިދާޅުވަމުން ދިޔަ އެވެ. މާބޮޑު ފަރުވާލެއްނެތި އާދައިގެ މަތިން އަހަރެން ހުޅުވަލީ ފޭސްބުކެވެ. އޮންލައިން ވެގެންތިބި ރައްޓެހިންގެ ލިސްޓު ބަލަމުން ދަނިކޮށް ކުއްލިއަކަށް ލޮލުގައި އަޅައިގަތީ ދަންނަ މޫނެކެވެ. އަހަރެން އެކަންޏެއް ނޫނެވެ. މިހާރު އެންމެން ދަންނަ ރީތި އަންހެން ކުއްޖާ އެވެ. ހަމުގެ ކުލަ ދޮން ފަންއިސްތަށިގަނޑުގެ ވެރިޔާ "އެންޖެލިކް ޝެރޯން" އެވެ. ޒަމާނީ ޓެކްނޮލޮޖީގެ ތެރެއަށް ގަންބައިލާ ސަރުކާރުގެ އެތައް އިސް ވެރިންނެއް "ބަރަހަނާ" ކޮށްލި ކަމަށް ބުނާ ބޮޑުވެގެންވާ ވާހަކަ ނިސްބަތްވާ "ކުއްޖާ" އެވެ. އަހަރެމެން ދެމީހުންގެ މެދު، އެެހެން މީހުންނާ ހުރި ތަފާތަކީ ކުރިންސުރެ އެންޖެލިކްގެ ރައްޓެހިންގެ ލިސްޓްގައި އަހަރެން އޮތުމާއި ފެންމަތިވި ވާހަކަތަކަށް ފަހު ވެސް މިހާތަނަށް ވެސް ރައްޓެހިކަން ދޫކޮށް ނުލައި ހުރުމެވެ.
ބްލެކްމެއިލްގެ ވާހަކަތަކަށް ފަހު، ކިތަންމެ ފޮޓޯ ރީއްޗަސް އެހެން މީހުން ވަނީ އެންޖެލިކް ދޫކޮށްލައިފަ އެވެ.
ބުރާސްފަތި ދުވަހު ހެނދުނު އެންޖެލިކް އޮންލައިންވެފައި އިންދާ އަހަރެން ދުށީމެވެ. ހިތުގައި ވަރަށް ބައިވަރު ސުވާލުތައް އުފެދުނެވެ. އެވަގުތުކޮޅުގެ ތެރޭގައި އުފެދުނު މައިގަނޑު ސުވާލުތަކަކީ އެންޖެލިކް އޮންލައިންވާން އޮންނާނީ ހަތަރު ގޮތެކެވެ. އެކެއް، "ބްލެކްމެއިލް" ވާހަކަތަކުގެ މައްޗަށް ހިނގާ ތަހުގީގުގައި މިހާތަނަށް ވެސް ނުބަނދެވި އެންޖެލިކް ސަލާމަތުން ހުރުމެވެ. ދޭއް، ތަހުގީގަށް ހައްޔަރުވެ އެންޖެލިކްގެ ނަމުގައި ރަޖިސްޓްރީވެފައިވާ އައިޑީ ފުލުހުންގެ އަތްދަށުވެ ފުލުހުން ބޭނުން ކުރަމުން ދިއުމެވެ. ތިނެއް، ތަހުގީގަށް ފަހު އެންޖެލިކަށް އަލުން އެ އައިޑީ ބޭނުން ކުރެވޭނެ ގޮތެއް އަލުން ވުމެވެ. ހަތަރެއް، ހެކަރުން އެ އައީޑިއަށް އަރައިގަތުމެވެ.
އެ ހިޔާލުތަކުގެ ތެރޭގައި އިނދެފައި ވެސް އަހަންނަށް އެކަން މާ ބޮޑު ކަމަށް ނުވެ އެންޖެލިކް އޯފްލައިން ވަންދެން ހައިވެސް ޖަހައިނުލައި އިނދެވުނު އިނދެވުން އެއީ ވެސް ހިތުގައި އުފެދުނު ބޮޑު ސުވާލަކަށް ފަހުން ވިއެވެ.
މައުލޫމާތުތައް ހިފަހެއްޓިފައިވާ ތަހުގީގުތަކަށް ފަހު މިދިޔަ މަހުގެ 21 ވަނަ ދުވަހު ފުލުހުން ހާމަކުރީ ފޭސްބުކްގެ ދެ އައިޑީ އެކެވެ. އެއީ "އެންޖެލިކް ޝެރޯން" އާއި އެ އާއިލާގެ "ލީޝިއާ ލިމޮނަމް" އެވެ. ފުލުހުން އެ އައިޑީ ހާމަކުރި އިރުވެސް އޭންޖެލިކް ޝެރޯން ފޭސްބުކްގެ ފްރެންޑް ލިސްޓުގައި އަހަރެން އޮވެ އެވެ. އަހަރެމެންގެ "ގުޅުމެއް" އުފެދުނު ދުވަސްވަރެއްގެ ހަނދާނެއް ނެތެވެ. އަހަންނާއެކު އެކުގައި މަސައްކަތް ކުރާ އެހެން ނޫސްވެރިއަކު ވެސް އެޖެންލިކް އާ ރައްޓެހިކަން އޮވެ އެވެ. އެއީ ނޫސްވެރިޔާ މުންޑޫ އާދަމް (އެޑަމް) އެވެ. ބުރާސްފަތި ދުވަހު ހެނދުނު އެންޖެލިކް އޮންލައިންވެފައި އިން ވާހަކަ އަހަރެން ހަމައެކަނި ބުނީ ވެސް އެޑަމް ގާތުގަ އެވެ.
"ބްލެކްމެއިލް"ގެ މައްސަލަ ފެންމަތިވި އިރު ފުލުހުން ހާމަ ކުރި އެންޖެލިކް ޝެރޯންގެ ރަހުމަތްތެރިންގެ ތެރޭ އަހަރެމެން ދެމީހުން ހިމެނެ އެވެ. ނަން ހިމެނިފައި އޮތްކަން އެނގުނު ފަހުން ރައްޓެހިންގެ ލިސްޓަށް މީހަކު އިތުރުކޮށް އަދި އުންޏެއް ވެސް އަހަރެމެން ނުކުރަމެވެ. އެހެން ކަމުން އަހަރެން ކުރިން ބުނި ހަތަރު ގޮތުން ކުރެ ކޮންމެ ގޮތެއް ވިޔަސް އޮންލައިން ވެފައި އިނީ މިއުޅޭ "އެންޖެލިކް ޝެރޯން"ގެ އައިޑީ ކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ. ޝައްކު އުފެދެނީ ބޭނުން ކުރަން ފަރުދާގެ ފުރަގަހުގައި އިން ފަރާތަކާމެދު އެވެ.
ކޮންމެއަކަސް އަހަރެންގެ "ބީތާ" ކަމުން ވާހަކަ ދައްކައި ނުލެވެނީސް އެންޖެލިކް ޝެރޯން އޯފްލައިންވީ އެވެ. ފޭސްބުކަށް އަލުން އެނބުރި އައުމަށް ފަހު އެވެ.
ވެދިޔަތަން މަރުވީ ކަމަށް ބަލައި އެކަން ހަނދާން ނައްތާލައިގެން ހުއްޓައި ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 12:00 ޖަހާ ބޮޑުވި ފަހުން ކުއްލިއަކަށް ފެނުނީ އެންޖެލިކް އޮންލައިންވީ ތަނެވެ. މިފަހަރު ވަގުތުން ހައި ޖަހާލައިފީމެވެ. އަހަންނާ އެކު އެޑަމް ވެސް އެންޖެލިކް އާ ވާހަދައްކަން ފެށި އެވެ.
އަހަރެން ފުރަތަމަ އަހާލީ "އަނެއްކާ ވެސް އެންޖެލިކްޝެރޯން ފޭސްބުކަށް އައީ ހެއްޔޭ؟" އެވެ. ފުރަމަ ގޮވައިލުމުން ޖަވާބު އައީ ހިސާބަކަށް ރުންކުރު ގޮތަކަށެވެ. "އާއެކޭ ކީތް ހޭ ވީ؟" އެހެނެވެ. އެހެންނަމަވެސް އިސާހިތަކު "ގާތް ކަމެއް" އުފެދިއްޖެ އެވެ.
އަހަންނަށްވުރެ ބޮޑަށް ގާތްކޮށް އޮލަކޮށް ވާހަކަ ދެއްކީ އެޑަމް އާއެވެ. ވެބް ކެމްއާ ރައްޓެހި ކަމަށް ބުނާ އޭންޖެލިކް އެޑަމް ގާތުގައި އެމްއެސްއެންގެ އައިޑީ ދިނުމަށާއި ކޮމްޕިއުއުޓާ ބެޓަފައިލްއެއް ރަންކުރިޔަސް އެންމެ ރަނގަޅުތޯ ވެސް އެދުނެވެ. (ބެޓަފައިލަކީ އޮޕަރޭޓިން ސިސްޓަމަށް ފޮނުވާ ކޮމާންޑްތަކެއް ހިމެނޭ ސްކްރިޕްޓެކެވެ. އޭގެ އެހީގައި ކޮމްޕިއުޓަރުގެ ވެރިފަރާތަށް ނޭނގި އެ ކޮމްޕިއުޓަރުގެ ކޮންޓްރޯލް ހޯދިދާނެ އެވެ) އަދި އޭގެ ކުރިޔަށް މާފޮޅުވުމޭ ކިޔާކަހަލަ ތަފާތު ވާހަކަތަކުން ކުރިފަޅައިގެން ދިޔައެވެ. އެމްއެސްއެން އައިޑީ ދިން ނަމަވެސް އެމްއެސްއެންއިން ޗެޓްކުރުމަށް އެންޖެލިކް ޝެރޯން ދެކޮޅު ހެދި އެވެ. "ފަހުން އެބަ އަންނަން" ކަމަށް ބުނަމުންނެވެ.
އަހަންނާ އެކު ދެއްކި ވާހަކަތަކުގައި ވަރަށް ސީދަލަށް ބްލެކްމެއިލް ވީޑިއޯތަކުގެ ވާހަކައިން ސުވާލު ކުރުމުން ނޭނގޭ ކަމަށް ބުންޏެވެ. އަދި "އެ ވާހަކައެއް ދައްކަނީ އަންނި ހެއްޔޭ؟ ފުލުހުން ހެއްޔޭ؟" ވެސް އެހީ އެވެ.
ފުރަތަމަކޮޅު އެހެން ބުނި ނަމަވެސް ފަހުން އެކަމުގެ މައުލޫމާތު އެނގޭކަމަށް އެއްބަސްވެ، ދިވެހި މުޖުތަމައުގައި ނުދައްކާ ވާހަކަތަކެއް ހުރި ކަމަށާއި އެ މައްސަލަތަކުން އޭނާ "ވިޔަފާރި ކުރީ" ކަމަށް ވެސް ބުންޏެވެ.
އެންޖެލިކް ޝެރޯން އާއި ފޭކްއައިޑީ އާއިލާ އާ ގުޅުންހުރި 14 މީހަކު ފުލުހުން ހައްޔަރުކޮށް އަދިވެސް ތަހުގީގު ކުރިއަށް ދާއިރު އެންޖެލިކް ޝެރޯން އަލުން ފޭސްބުކުން ފެނި ކުރިޔެކޭ ވެސް އެއްގޮތަށް މީހުންނާ ހަނގާ [ބްލީކުރުން] ކުރުމުގެ ފަހަތުގައި ފޮރުވިފައި ވާ ހަގީގަތްތަކަކީ ކޮބައި ހެއްޔެވެ؟
"އެއާ ގުޅޭ މައްސަލަތައް ތަހުގީގު ކުރަމުން ދާތީ އެކަމާ ގުޅޭގޮތުން ރަސްމީއެއްޗެއް ބުނާކަށް ބޭނުމެއް ނޫން،" ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ވިދާޅުވި އެވެ. އޭރު އަހަރެމެން ތިބީ އެންޖެލިކްއާ އެކު އެފްބީގައެވެ.
http://www.sun.mv/uploads/l_576925.jpg
އުފެދޭ ސުވާލަކީ ފުލުހުންގެ އަތު ނުޖެހި މިކަމުގައި ޝާމިލްވާ އިތުރު ބަޔަކު އުޅެނީ ބާއެވެ؟ ނޫނީ ފުލުހުންގެ އޮންގޮއިން އިންވެސްޓިގޭޝަންގެ ތެރެއިން މުޅިން އައު ސޮފްހާއެއް އެއްލީ ހެއްޔެވެ؟ ނޫނީ މިހާރުވެފައިވާ "ބަރަހަނާ"އަށް ވުރެ އިތުރަށް ބަރަހަނާކުރަން އެންޖެލިކް ޝެރޯން އެނބުރިއައީ ބާއެވެ؟
ރުންކުރުވެފައި "ބައި އޭ" ބުނެ ކުއްލިގޮތަކަށް އޭންޖެލިކް އޮފްލައިން ވުމުގެ ކުރިން އިންޒާރެއްދިނެވެ: "ތަފާތު ކަމަކާ އެކު އަހަރެން އެނބުރި އަންނާނަން. ކަލޭމެންނަށް އެކައްޗެއް ވެސް ނޭނގޭނެ!"
މި އިންޒާރަކީ އެންޖެލިކް ޝެރޯންގެ ބަދަލު ހިފުމަށް އެނބުރި އައުމެއް ބާއެވެ؟ އެހެންވެއްޖިއްޔާ މިފަހަރު އޮތީ އޭންޖެލިކް ޝެރޯންގެ ބަދަލު ހިފަނީ ކޮންގޮތަކަށްތޯ ބަލަން ތިބުމެވެ. ފުލުހުންގެ ތަހުގީގުތައް ކުރިއަށް ދާއިރު އެންޖެލިކް ޝެރޯންގެ އެނބުރި އައުމަކީ ތަހުގީގު ތަކަށް ލިބުނު ޝޮކަކަށް ވެސް ވެދާނެ އެވެ. ނޫނީ އެއީ ކުރިއެރުމަކަށް ވެސް ވެދާނެ އެވެ. ކޮންމެ ގޮތަކަށްވިޔަސް އެންޖެލިކް ޝެރޯންގެ އެނބުރި އައުމުގައި އުފެދޭ ސުވާލުތަކެއް އެބަހުއްޓެވެ. ސުވާލެއް ނެތް ކަމަކީ އެންޖެލިކް ޝެރޯންގެ ރަންޓެހިންގެ ލިސްޓުން އަހަރެންގެ ނަން ރިމޫވް ނުކުރަން ނިންމާފައި އޮތް އޮތުމެވެ.