އެންމެ ފަހުގެ ޗެމްޕިއަން ޖަޕާން 5-2ގެ ނަތީޖާއަކުން ބަލިކޮށް އެމެރިކާ އިން އަންހެނުންގެ ވޯލްޑްކަޕް ކަމިޔާބުކޮށްފި އެވެ.

ކެނަޑާގައި ކުރިއަށް ދިޔަ މުބާރާތުގެ ފައިނަލް މެޗްގައި އެމެރިކާ ކާލީ ލޯއިޑް ވަނީ 13 މިނެޓް ތެރޭގައި ހެޓްރިކް ހަދާފަ އެވެ.

އެގޮތުން މެޗްގެ ފުރަތަމަ ލަނޑު ލޯއިޑް ކާމިޔާބު ކުރީ މެޗްގެ ތިން ވަނަ މިނެޓްގަ އެވެ. އޭގެ ދެ މިނެޓް ފަހުން އޭނާ ވަނީ އެމެރިކާގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ.

އެމެރިކާގެ ތިން ވަނަ ލަނޑު މެޗްގެ 14 ވަނަ މިނެޓްގައި ކަމިޔާބު ކުރީ ލައުރެން ހޮލިޑޭ އެވެ.

އޭގެ ދެ މިނެޓް ފަހުން އެމެރިކާގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ ލޯއިޑް އެވެ.

ޖަޕާނުން މެޗްގައި ޖެހި ފުރަތަމަ ލަނޑު މެޗްގެ 27 ވަނަ މިނެޓްގައި ކާމިޔާބު ކުރި ޔުކީ އޮގްމީ އެވެ. ދެހާސް އެގާރަ ވަނަ އަހަރު ޗެމްޕިއަންކަން ހޯދި ޖަޕާންގެ ދެ ވަނަ ލަނޑަކީ އެމެރިކާގެ ޖޫލީ ޖޯންސްޓޮން އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ.

އެމެރިކާގެ ފަސް ވަނަ ލަނޑު ޓޮބިން ހީތު ކާމިޔާބު ކުރީ މެޗްގެ 58 ވަނަ މިނެޓްގަ އެވެ.

އެމެރިކާއިން މިމުބާރަތް ކާމިޔާބު ކުރުމުން އެތީމް ވެފައިވަނީ މުބާރާތް ތިން ފަހަރު މަތިން ކާމިޔަބު ކުރި ހަމައެކަނި ޓީމެވެ. މިގެ ކުރިން އެޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ 1991 އަދި 1999 ވަނަ އަހަރު އެވެ.