06 Jul 2015, 11:21
އެތެންސް (ޖުލައި6): ގްރީސްއަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަތަކުން އެގައުމު ސަލާމަތްކޮށްދިނުމަށް ބޭރުގެ މާލީ އިދަރާތަކުން ހުށަހެޅި ޕްލޭނަށް އެގައުމުގެ ރައްޔިތުން ނޫނެކޭ ބުނުމުން ލިބޭ ފިލާވަޅަކީ މިނިވަން ޑިމޮކްރެޓިކް ގައުމެއްގެ ރައްޔިތުންނަށް ފިއްތުންތައް ކުރިމަތިކޮށް ބިރުދެއްކުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމުގެ ފިލާވަޅުކަމަށް އެގައުމުގެ ބޮޑުވަޒީރު އެލެކްސިސް ސިޕްރާސް ވިދާޅުވެއްޖެ އެވެ.
ބޭރުގެ މާލީ އިދާރާތަކުން ހުށަހެޅި ޕްލޭނަށްވޯޓުގެ ރަސްމީ ނަތީޖާއަށް ފަހު ދެއްވި ބަޔާނެއްގައި ސިޕްރާސް ވިދާޅުވީ ވޯޓުގެ ނަތީޖާ ޔޫރަޕް ބޭނުންވިގޮތާ ޚިލާފަށް އައުމަކީ ގްރީސް ޔޫރަޕުން ބޭރުވުން ނޫންކަމުގަ އެވެ. އަދި ގްރީސްގެ ދަރަނިތައް ދެއްކުމާބެހޭ ގޮތުން މިހާރަށްވުރެ ލުއިގޮތްތަކެއް ހޯދުމަށް ބޭރުގެ މާލީ އިދާރާތަކާ އެކު އަލުން މަޝްވަރާގެ މޭޒަށް ގްރީސްގެ ސަރުކާރުން ދާނެކަމަށް ވެސް ސިޕްރާސް ވިދާޅުވި އެވެ.
ވޯޓުގެ ނަތީޖާއަށް ފަހު ސިޕްރާސް ވަނީ ގްރީސްގެ ހުރިހާ ސިޔާސީ ފަރާތްތަކެއް ޝާމިލްވާގޮތަށް ބައްދަލުވުމެއް ބާއްވައިގެން ގްރީސް މިހާރު ވެއްޓިފައިވާ ދަރަނީގެ ވަޅުގަނޑުން އަރައިގަތުމަށް ބޭރުގެ މާލީ އިދާރާތަކާ މުޢާމަލާތްކުރާނެ ގޮތްތަކެއް ކަނޑައެޅުމުގެ ފުރްސަތު ތަނަވަސްކޮށް ދެއްވުމަށް އެގައުމުގެ ރައީސް ޕްރޮކޮޕިސް ޕަލްވޯޕޯލޮސް ގެ އަރިހުން އެދިވަޑައިގެންފަ އެވެ.
ގްރީސްއަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަތަކުން އެގައުމު ސަލާމަތްކޮށްދިނުމަށް ބޭރުގެ މާލީ އިދަރާތަކުން ހުށަހެޅި ޕްލޭނަށް އެގައުމުގެ ރައްޔިތުން ދެކޭގޮތް ބެލުމަށް އިއްޔެ ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންގެ ވަރަށް ބޮޑު ނިސްބަތަކުން އެހުށަހެޅުންތަކަށް ވަނީ ނޫނެކޭ ބުނެފަ އެވެ. މިކަމާބެހޭ ގޮތުން އިއްޔެ ބޭއްވި ފެންނަ ނިފެންނަ ވޯޓުގައި ބައިވެރިވި މީހުންގެ ވޯޓުތައް ގުނައި ނިމިފައިވާއިރު މީގެތެރެއިން 62 އިންސައްތަ މީހުން ބޭރުގެ ހުށަހެޅުންތަކަށް ނޫނެކޭ ބުނެފައިވާ ކަމަށް ގްރީސްގެ ދާޚިލީ ވުޒާރާއިން ރޭ ނެރުނު ރަސްމީ ނަތީޖާ ބުނެ އެވެ.
ގްރީސްގެ ދާޚިލީ ވުޒާރާއިން ނެރުނު މިވޯޓުގެ ރަސްމީ ނަތީޖާތައް ބުނާގޮތުން ބޭރުގެ މާލީ އިދާރާތަކުގެ ޕްލޭން ގަބޫލުކުރުމަށް ތާއީދުކޮށްފައި ވަނީ 38 އިންސައްތަ މީހުންނެވެ. ނޫނެކޭ ބުނެފައިވަނީ 62 އިން ސައްތަ މީހުންނެވެ. އަދި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ގާތްގަނޑަކަށް 10 މިލިޔަން މީހުންގެ ތެރެއިން 61 އިންސައްތަ މީހުން ވޯޓުގައި ބައިވެރިވި ކަމަށް ވެސް ގްރީސްގެ ދާޚިލީ ވުޒަރާ އިން ހާމަކޮށްފައިވެ އެވެ.
ދަރަނީގެ ސަބަބުން އިގްތިސާދު ހީނަރުވެފައިވާ ގްރީސް މާލީ ގޮތުން ނަގަހައްޓައި އަދި ސަލާމަތް ކުރުމަށް އެގައުމަށް މާލީ އެހީދޭ ބޭރުގެ ފަރާތްތަކަކީ ޔޫރަޕިއަން ކޮމިޝަން، އިންޓަނޭޝަނަލް މަނިޓަރީ ފަންޑާ އަދި ޔޫރަޕިއަން ސެންޓްރަލް ބޭންކެވެ. އިދާރާތަކުން ހުށަހެޅި ޕްލޭނަށް ރައްޔިތުން ނޫނެކޭބުނީ އެޕްލޭންގެ ސަބަބުން ރައްޔިތުން ނިކަމެތިވެ ފަގީރުވެ އެއިދާރާތަކުގެ ކޮންޓްރޯލްގެ ދަށަށް ގްރީސްގެ މާލީ ނިންމުންތައް ދާނެތީކަމަށް ވަނީ ބެލެވިފަ އެވެ.
ގްރީސްގެ ރައްޔިތުންގެ މިނިންމުމަކީ މާލީ އިދާރާތަކުގެ އިތުރުން ގްރީސް އަށް ފިއްތުންތައް ކުރިމަތިކުރަން މަސައްކަތްކުރި ޔޫރަޕްގެ ގައުމުތަކަށް ވެސް ލިބުނު ފިލާވަޅެއް ކަމަށް މުރާސިލުން ބުނެ އެވެ. (ނޫސްއެޖެންސީތައް)