06 Jul 2015, 11:02
ކީރިތި ޤުރްއާނުގައި އީމާންކަމުގެ އަހްލުވެރީންނަށް އަމުރު ކުރައްވައިފައިވެއެވެ.
"އަދި ތިޔަބައިމީހުން ޙުރުމަތްތެރިވެގެންވާ މިސްކިތަށް (އެބަހީ: ކަޢުބަތުﷲ ގެފުޅަށް) ތިޔަބައިމީހުން ދިޔަނުދީ ހުރަސްއެޅި ކަމަށްޓަކައި، ބަޔަކުމީހުންގެ މައްޗަށް ތިޔަބައިމީހުންގައި އުފެދުނު ނުރުހުންތެރިކަމެއް އެއީ، އެހެންމީހުންގެ މައްޗަށް ނަހަމައިން ތިޔަބައިމީހުން ހައްދުފަހަނަޅައިދިޔުމުގެ ސަބަބެއްކަމުގައި މެދުވެރި ނުކުރާށެވެ! އަދި ހެޔޮކަންތައް ކުޅައުމާއި، ތަޤްވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި ޢަދާވަތްތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ ވާގިވެރިނުވާށެވެ! އަދި ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ. ހަމަކަށަވަރުން ﷲއީ ޢުޤޫބާތް ގަދަފަދަވެގެންވާ ރަސްކަލާނގެއވެ." (އަލްމާއިދާ: 2)
ހިޖްރައިން ހަވަނަ އަހަރު މައްކާގެ މުޝްރިކުންވަނީ އިސްލާމްދީނުގެ ނަބިއްޔާ އާއި މުސްލިމުން މައްކާއަށް އަރައި ވަޑައިގަތުން މަނާކޮށްފައެވެ. މުސްލިމުން ޢުމްރާގެ އަޅުކަން އަދާކުރުމަށް ހުރަސްއަޅައިފައެވެ. އެދަނޑިވަޅުގައި މުޝްރިކުންވަނީ މުސްލިމުންނާމެދު އިންތިޔާދަރަޖައިގެ ބޭއިންސާފުކަންތައްތަކެއް ހިންގައިފައެވެ. މުސްލިމުން ރުޅިއެރުވޭތޯ ފުރޮޅެންހުރި ހުރިހާ ގާތަކެއް ފުރޮޅައިފައެވެ. މުސްލިމުންވެސް އެކަމާ ވަރަށް ރުޅިއައެވެ. ބަދަލުހިފުމުގެ ގޮތުން ކުރެވެން އޮތް ކޮންމެ ކަމެއް ކުރަން ޤަސްދުކުރިއެވެ. އިސްވެދިޔަ އާޔަތުގައި މުސްލިމުންނަށް މަނާކުރައްވައިފައިއެވަނީ މުސްލިމުން މިކަމާގުޅިގެން އަޅަން ޤަޞްދުކުރި ފިޔަވަޅުތަކެވެ. އެފިޔަވަޅުތައް މަނާކުރެއްވުމާއެކު އިތުރަށް އަމުރު ކުރައްވައިފައި އެވަނީ ދުޝްމިނުކަމުގައި އަމިއްލަ ނަފުސުތައް ބުއްދީގެ ބާރުން ނެއްޓިގެން ދިޔަނުދިނުމަށެވެ. ކޮންމެފަދަ ހާލަތެއް ކުރިމަތިވިޔަސް އަމަން އަމާންކަމާއި މެދުމިންވަރުގައި ސާބިތުވެތިބުމަށެވެ. ހަަމައެއާއެކު އަމުރު ކުރައްވަނީ ހެޔޮކަމާއި ތަޤްވާވަރިވުމުގައި އެކަކު އަނެކަކަަށް ވާގިވެރިވުމަށާއި ފާފަވެރިވުމާއި އަނިޔާވެރިވުމުގައި އެކަކު އަނެކަކަށް ވާގިވެރި ނުވުމަށެވެ.
އިސްވެދެންނެވި ޙާދިޘާއާ ވިދިގެން މުސްލިމުންނަށް މިފަދަ އަމުރުފުޅެއް އައި ސަބަބާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ކީރިތި ޤުރްއާނުގެ މަޝްހޫރު މުފައްސިރު މައުލާނާ ޝަބީރު އަޙްމަދު ޢުޘްމާނީ އެކަލޭގެފާނުގެ ތަފްސީރުގައި ލިޔުއްވައިފައިވެއެވެ.
"މީހަކު ބަދަލުހިފުމުގެ ޖޯޝުގައި އަނިޔާވެރިވެގެންފިނަމަ އެކަން ހުއްޓުވޭނެ ތަދްބީރަކީ އިސްލާމީ ޖަމާޢަތް އެއަނިޔާވެރިކަމާއި ޢަދާވަތްތެރިކަމުގައި ބައިވެރިނުވުމެވެ. އަދި ކީއްހެއްޔެވެ؟ އެންމެން އެކަތިގަނޑަކަށް ވެގެން ހެޔޮކަމާއި ތަޤްވާވެރިކަން ކުރިޔަށް ނެރުމެވެ. މީސްތަކުން އަނިޔާވެރިވުމާއި އިންސާފުން އެއްކިބާވުން މަނާކުރުމެވެ." (ޞަފުޙާ: 137)
އެއްވެސް ޖަމާއަތެއްގައި ހިމެނޭ އެންމެންނަކީ ހަރުދަނާ ވިސްނުންތެރީންނެއް ނޫނެވެ. ޖަޒުބާތީ މިޒާޖުގެ މީހުންވެސް ތިބެއެވެ. އިދިކޮޅުފަރާތުން ހައްދުފަހަނަޅައިދާތަން ފެނުމުން އެފަދަ މީހުންނަކަށް އެބައި މީހުންގެ ނަފުސުގެ މައްޗަކަށް ބާރެއް ނުފޯރުވެއެވެ. ނަފުސު މަތައެއްނުކުރެވެއެވެ. އެފަދަ ވަގުތުވަގުތުގައި ޖަމާޢަތުގެ ދެންތިބޭ މީހުންގެ ވާޖިބަކީ ޖަޒުބާތީ މީހުން ޙިމާޔަތްކުރުމުގެ ބަދަލުގައި އެފަދަ މީހުންނަށް ހުރަސްއެޅުމެވެ. އެބައިމީހުން މަޅައިގަންނަ އަތްތަކުގައި ހިފެހެއްޓުމެވެ. ޖަމާޢަތުގެ ހެޔޮލަފާމީހުން މިވާޖިބު އަދާނުކޮށްފިނަމަ އެބައިމީހުންވެސް ވާނީ ކީރިތި ޤުރްއާނުގައި އަންގަވއިފައި އެވާ ފާފަވެރިވުމާއި ޢަދާވަތްތެރިވުމަށް އެހީތެރިވި ކުށްވެރީންކަމުގައެވެ.