ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމުރާއަށް ގޮސް އުޅުނު ދިވެހި ފިރިހެނަކު ގެއްލުނުތާ ތިން ދުވަސް ވެގެން ހޯދަން ފަށައިފި އެވެ.

ހައްޖު ކޯޕަރޭޝަންއިން މައުލޫމާތު ދިން ގޮތުގައި ގެއްލިގެން ހޯދަމުން ދަނީ، ހއ. ބާރަށް، އަލީ މުހައްމަދު، ހާޖީ ނަމްބަރު 217 އެވެ.

މިވަގުތު ސައުދީ އަރަބިއްޔާގައި ހުންނެވި ހައްޖު ކޯޕަރޭޝަންގެ އިސްވެރިއަކު މިއަދު ސަން އަށް ވިދާޅުވީ އަލީ އަބްދުﷲ ގެއްލިފައި ވަނީ މިދިޔަ ހުކުރު ދުވަހު، ހުކުރު ނަމާދަށް ގޮސް އުޅުމުގެ ތެރެއިން ކަމަށެވެ. އޭނާ ގެއްލިފައިވާ އިރު ހައްޖު ކޯޕަރޭޝަން އިން ދީފައިވާ ކާޑު އެ ދުވަހު އޭނާ ނުގެންދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"އެންމެ ކަންބޮޑުވާން ޖެހޭކަމަކީ އަޅުގަނޑުމެންގެ ހައްޖު ކާޑު ވެސް ނާޅާ އެއްވެސް ބޭފުޅަކަށް ނޭނގި ހުކުރަށް ދިޔަ ގޮތަށް ގެއްލިފައި ވަނީ. އެބޭފުޅާއަކީ ކުޑަކޮށް ބީރުވެސް ބޭފުޅެއް،" އޮފިޝަލް ވިދާޅުވި އެވެ.

އެދުވަހަކީ ހަރަމްފުޅު ސަރަހައްދުގައި ވަރަށް ބާރުބޮޑު ދުވަހެއް ކަމަށާއި ހައްޖު ކޯޕަރޭޝަން އިން ދީފައިވާ ކާޑު ގެންދިއުމަށް އަބަދުވެސް އިލްތިމާސް ކުރާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އަލީ އަބްދުﷲ ގެއްލިފައިވާކަން ހައްޖު ކޯޕަރޭޝަންއަށް އެނގުނީ އިއްޔެ މަދީނާ އަށް ފުރަން އުޅުމުގެ ތެރެއިން އެކަކު މަދުވެގެން ސުވާލު ކުރި ހިސާބުން ކަމަށާއި އެއާ އެކު އެ ކޯޕަރޭޝަން އިން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ހޯދުމަށް ހައްޖު ކޯޕަރޭޝަންއިން ސައުދީއަރަބިއްޔާގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކަކަށް ގޮސް އޭނާގެ ޕާސްޕޯޓް ކޮޕީ ހަވާލުކޮށް ހޮސްޕިޓަލްތައް ބަލައި ހަދަމުން އަންނަ ކަމަށާއި ނަމަވެސް މިހާތަނަށް އޭނާ ފެނިފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މިއަހަރު އެންމެ ގިނައިން އުމްރާއަށް މީހުން ގެންދަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުންނެވެ. އެ ގުރޫޕްގެ ހަވާލުގައި 315 މީހުން އުމްރާއަށް މި އަހަރު ދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އެއް ބަޔަކު މިހާރު ސައުދީއަރަބިއްޔާގައި އަޅުކަމުގައި އުޅޭއިރު އަނެއް ގުރޫޕް ފުރުމަށް ހަމަޖެހިފައި ވަނީ މިމަހު ނުވަ ވަނަ ދުވަހު އެވެ.