06 Jul 2015, 10:22
މެޗްގެ އެންމެ ފަހު ވަގުތުގައި ކާމިޔާބު ކުރި ލަނޑުން މޮޅުވެ 3-2 ގެ ނަތީޖާއަކުން ތާވަލްގެ ހަތަރު ވަނައިގައި އޮތް ވިކްޓަރީގެ މައްޗަށް ޓީސީއިން ކާމިޔާބު ހޯދައި އުރީދޫ ދިވެހި ޕްރިމއާ ލީގްގެ ތާވަލްގެ ހަތަރު ވަނައަށް ޓީސީ ޖެހިލައިފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗްގައި ލަނޑުތައް ފެނިގެން ދިޔައީ މެޗްގެ ދެ ވަނަ ހާފުގައެވެ.
ފުރަތަމަ ލަނޑަކީ މެޗްގެ 64 ވަނަ މިނެޓްގައި ޓީސީގެ ޝަފުރާޒު ވިކްޓްރީގެ ކީޕަރު ކައިރިން ނައްޓާލުމަށްފަހު ފޮނުވާލިބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި ވިކްޓްރީގެ ޢަލީ ޝަރީފު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މިލަނޑަށް ފަހު މިނެޓެއްވެސް ނުވަނީސް ވިކްޓަރީން ވަނީ ނަތީޖަ ހަމަހަމަ ކޮށްފައެވެ.
އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ބިދޭސީ މިޑްފީލްޑަރު ގޮޑްފްރޭ ވެސްޓެވެ.
ޓީސީގެ ދެވަނަ ލަނޑު މެޗްގެ 77 ވަނަ މިނެޓްގައި ކުޑޫސް އޮމޮލޭޑް ކެލާނީއެވެ. ކެލާނީ މިލަނޑު ކާމިޔާބު ކުރީ ވިކްޓްރީގެ ޕެނަލްޓީ އޭރިއާގެ ބޭރުން ޓީސީއަށް ލިބުނު ހިލޭޖެހުން އެޓީމްގެ ޒާދު ވިކްޓްރީގެ ޕެނަލްޓީ އޭރިއާއަށް ހުރަސްކުރުމުން ބޮލުންޖަހައި ބޯޅަ ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.
ވިކްޓަރީއަށް އަލުން ނަތީޖާ ހަމަހަމަކޮށްދިނީ މެޗްގެ 82 ވަނަ މިނެޓްގައި ބަހްޖާތު ޢަބްދުލް ޢަޒީޒު (ބަހޫ) އެވެ.
ޓީސީ މެޗުން މޮޅުވި ލަނޑު މެޗްގެ ފަހު ވަގުތު ކޮޅު ތެރޭގައި ކާމިޔާބު ކުރީ އަޙްމަދު ޒާދެވެ.
މިމެޗުން ޓީސީ މޮޅުވުމުން އެޓީމް ހަތަރު ވަނައިގައި އޮތީ އަށް ޕޮއިންޓާއެކުއެކުއެވެ. އަދި މެޗުން ބަލިވި ވިކްޓްރީ ވަނީ ތާވަލްގެ ފަސްވަނަ އަށް ވެއްޓިފައެވެ. އެޓީމަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ.
ލީގްގައި މިރޭ ކުޅޭ މެޗްގައި ބައްދަލު ކުރާނީ އީގަލްސްއާއި ބީޖީއެވެ. މިމެޗްވެސް ފެށޭނީ މިރޭ 10:00 ގައެވެ.