އެފް.އޭ.ކަޕް ކުއާޓާ ފައިނަލަށް ހޮވި، އަދި ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލަށް ދިއުމުގެ ވަރަށް ތަނަވަސް ފުރުސަތެއް ލިބިފައިވީ ނަމަވެސް އެންމެ ބޮޑަށް އިސްކަން ދެނީ ޕްރެމިއާ ލީގު ކާމިޔާބު ކުރުމަށް ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

އިނގިރޭސި ޕްރެމިއާ ލީގުގައި ވެންގާގެ ޓީމު އޮތީ ޓޭބަލުގެ ކުރީގައިވާ މެންޗެސްޓާ ޔުނައިޓެޑަށްވުރެ އެއް މެޗު މަދުން ކުޅެ ހަތަރު ޕޮއިންޓް ފަހަތުގަ އެވެ. ނަމަވެސް މި ހަފުތާގައި ސަންޑަލޭންޑް ބަލިކުރެވިއްޖެނަމަ އެއް ޕޮއިންޓަށް ފަރަގު ކުޑަކުރެވޭނެ އެވެ.

ލީގަށް އިސްކަންދޭނެ ކަމަށް ވެންގާ ބުނީ ފަސް އަހަރު ތެރޭގައި ތައްޓެއް ހޯދުމަށް ލިބުނު ފުރުސަތު ގެއްލިފައި ވަނިކޮށެވެ. އެއީ ލީގު ކަޕް ފައިނަލުގައި ބާމިންހަމް އަތުން 2-1 އިން ބަލިވުމުންނެވެ. އަދި އެފް.އޭ.ކަޕް ކުއާޓާ ފައިނަލުގައި ވާދަ ކުރަން ޖެހެނީ މެންޗެސްޓާ ޔުނައިޓެޑާ އެވެ. ޗެމްޕިއަންސް ލީގު ދެ ވަނަ ބުރުގައި މި ހަފުތާގައި ވަދަ ކުރަން ޖެހެނީ ބާސެލޯނާއާ އެވެ. މި ދެ ޓީމުގެ ފުރަތަމަ މެޗު 2-1 އިން އާސެނަލް ކާމިޔާބު ކުރުމުން މިހާރު ކުއާޓާ ފައިނަލުގެ ފުރުސަތު ބޮޑީ އާސެނަލް އަށެވެ.

ވެންގާ ބުނީ އޭނާގެ ޓީމަށް މިހާރު ކޮންމެ މެޗަކީ ވެސް ނޮކްއައުޓް މެޗެއް ކަމަށާއި ލީގަށް އިސްކަން ދެނީ ލީގު ހޯދުމުން ލިބޭނެ އުފާ ބޮޑުވާތީ ކަމަށެވެ.