މި މަހުގެ 15ގައި މާލޭގައި ފެންއަރުވާ ވަޑާމާ އެކު ޒަމާނީ ތިން ޕާކެއް ހުޅުވާނެ ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފި އެވެ.

މާލެތެރެ ޒީނަތްތެރިކޮށް ހިތްގައިމު ތަނަކަށް ހެދުމަށް ޓަކައި ހައުސިން މިނިސްޓްރީ އިން ކުރަމުން އަންނަ މަސައްކަތްތައް ހިއްސާ ކުރަމުން އެ މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރު އަބްދުﷲ ޝަރީފް ސަން އަށް ވިދާޅުވީ މި މަހުގެ 15ގައި ހާބަރު ސަރަހައްދުގަ އާއި ކާނިވާ ސަރަހައްދުގެ އިތުރުން ހުކުރު މިސްކިތުގެ ގޯތިތެރޭ ސަރަހައްދުގައި ފެން އަރުވާ ވަޑާމާ އެކު ހިތްގައިމު ޕާކްތަކެއް ހުޅުވާނެ ކަމަށެވެ.

"އެތާގައި ވެސް ހިމެނޭނެ ކުޑަކުދިން ކުޅޭނެ ކުޅިވަރު ސާމާނާއި ހިތްގައިމު ޒަމާނީ ފެންވަރުގެ ފައުންޓަން [ފެންއަރުވާ ވަޑާމް] އަކާއި ރީތި ގަސްތަކަކާއި ލައިޓުތަކެއް." ޝަރީފް ވިދާޅުވި އެވެ.

އަޅާނުލެވި ގޮނޑުވެފައިވާ އެތިން ސަރަހައްދުގައި އަލަށް ގާއިމް ކުރާ ތިން ޕާކަކީ ވެސް ހައުސިން މިނިސްޓްރީގެ ހަރަދުގައި ތަރައްގީކުރަމުން އަންނަ ތަންތަން ކަމަށް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެޕާކްތަކުގެ އިތުރުން ޖުމްހޫރީ މައިދާނުގައި ވެސް ފެންއަރުވާ ވަޑާމެއް ހަދަމުންދާއިރު އެސަރަހައްދުގެ ވިނަ އާ ކުރުމާއި އެސަރަހައްދު ޒީނަތްތެރި ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މިއީ ވަކި މުނާސަބަތަކާ ގުޅުވައިގެން ކުރާ ކަމެއް ނޫން، މިދިޔަ ޑިސެމްބަރު ދެ އެއްގައި މުނިސްޕަލް ކަންކަން މިވަނީ މިނިސްޓްރީއާ ހަވާލުކޮށްފައި، އެހަވާލުވި ތާރީހުން ފެށިގެން މިހެން ހުރި ހުރިހާ އިޝޫސްތަކަށް އަޅުގަނޑުމެން ފޯކާސްޓް ކުރަމުން މިދަނީ." ޝަރީފް ވިދާޅުވި އެވެ.

މިހާރު މާލޭގައި ހަދާފައިވާ ޕާކްތަަކަކީ ގޭންގުތަކުގެ އަތް ދަށުވެ ބަދުއަހުލާގީ އަމަލު ހިންގުން ފަދަ އާންމުއިޖުތިމާއީ މިންގަނޑްތަކާ ހިލާފު އެތައް ކަމެއް ހިންގާތަންތަން ނަމަވެސް ކުރިއަށް އޮތްތަނުގައި ޕާކްތައް އެހެން ވެގެން ނުދާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން ދެއްވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.