06 Jul 2015, 00:45
ރާއްޖޭގެ ސިޔާސީ މަސްރަހު ހަމަޔަކަށް އެޅުވުމަށް ސަރުކާރުން އިސްނަގައިގެން ސިޔާސީ ޕާޓީތަކާއެކު ކުރިއަށް ގެންދާ މަޝްވަރާތައް ކުރިއަށް ގެންދަނީ ދެމެހެއްޓެނިވި ހައްލެއް ހޯދޭނޭ ފަދަ ގޮތަކަށް ކަަމަށް ސަރުކާރުން ބުނެފި އެވެ.
އިދިކޮޅު އެމްޑީޕީއާ އެކު ސަރުކާރުން މިރޭ ބޭއްވި ފުރަތަމަ މަޝްވަރާ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ މިފަހަރުގެ މި ވާހަތައް މިއީ ހަމައެކަނި މިހާރުން މިހާރަށް ހައްލެއް ގެނައުމަށް ދެކެވޭ ވާހަކަތަކަކަށް ނަހަދައި، އެމްޑީޕީ އާއި ސަރުކާރާ ދެމެދުގައި ދާއިމީ ގޮތަކަށް ސިޔާސީ މަސްރަހު ބޭއްވޭނެ ގޮތަކާ ބެހޭގޮތުން ދެކެވޭ ވާހަކަތަކެއް ކަމަށް ހެދުން ކަމަށެވެ.
"[ސަރުކާރުގެ ވިސްނުމަކީ] މިއީކީ މިއަދަށް ނުވަތަ މި މަރުހަލާއަށް ހިންގާ ވާހަކަތަކަކަށް ނަހަދައި އެއަށްވުރެ ދިގުދެމިގެންދާގޮތަކަށް އޮންނަ އެއްބަސްވުންތަކަކަށް ނުވަތަ އަންޑަންސްޓޭންޑިން ތަކަކަށް ވެގެން ދިޔުން،" އުމަރު
މިރޭގެ މަޝްވަރާތަކާ ގުޅޭގޮތުން އުމަރު ވިދާޅުވީ ސިޔާސީ މަސްރަހު ފިނިކުރުމަށްޓަކައި ކުރެވޭނީ ކޮންކަމެއްތޯ ބަލައި އެކަމާ ގުޅޭގޮތުން އެމްޑީޕީއާ ގިނަ ވާހަކަތަކެއް ދެކެވިއްޖެ ކަމަށެވެ.
ހޯމް މިނިސްޓަރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ---- ސަން ފޮޓޯ: އަލީ ނަސީރު
"އޭގެތެރޭގައި އެމްޑީޕީގެ ފަރާތުން ބޭނުންވަނީ ކޮންކޮން ކަމެއްތޯ އަދި ސަރުކާރުން ބޭނުންވަނީ ކޮންކަމެއްތޯއާ ބެހޭގޮތުން ވަރަށް ބޮޑަށް ވާހަކަދެކެވިއްޖެ،" އުމަރު ވިދާޅުވި އެވެ.
މިރޭގޭ ވާހަތަކައް ދިޔައީ ވަރަށް އަމާންކަމާ އެކު ބިނާކުރަނިވިގޮތަކަށް ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް މިގޮތަށް މަޝްވަރާތައް ކުރިއަށްދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.
އެމްޑީޕީގެ ފަރާތުން ބައެއް ކަންކަން ހުށަހެޅިއިރު ވަކި މުއްދަތެއްގެ ތެރޭގައި ބައެއް ކަންކަން ނިންމަން އެދިފައިއޮތަސް އެއްވެސް ހުށަހެޅުމަކަށް މުހުލަތެއް ނުލައި ކުރިއަށްގެންދަން މިރޭ އެއްބަސްވެވިފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ.
ސަރުކާރާއި އެމްޑީޕީއާ އެކު މިރޭ ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން ---- ސަން ފޮޓޯ: އަލީ ނަސީރު
"އެހެންވީމަ އެއްވެސް ކަމަކަށް ޑެޑްލައިން ލައިގެން ނޫން މަސައްކަތް މިކުރަނީކީ. އެމްޑީޕީން ހުށަހެޅި ޕޭޕަރުގަ އަޅުގަނޑަށް ފެންނަނީ އެއީ އެ ރޫހުގަ ސަރުކާރުން މިވެނިކަމެއް މިވެނި ގަޑިއަކަށް ނިންމަން އެގޮތަށް ލާފައޮތް ޑެޑްލައިނެއް ނޫން ކަމަށް،" އުމަރު ވިދާޅުވިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ އެ ޕާޓީއާއެކު ބާއްވާ ދެވަނަ ބައްދަލުވުން އަންނަ ބުދަ ދުވަހުގެ ރޭ އޮންނާނެ ކަމަށެވެ. އެ ބައްދަލުވުމުގައި، ސިޔާސީ ހަމަޖެހުން އަލުން ގާއިމް ކުރުމަށް އެމްޑީޕީން ހުށަހަޅާފައިވާ ކަންކަން ކުރާނެ ގޮތުގެ ތާވަލަކާއި އަދި އެމްޑީޕީން ސަރުކާރަށް ކޮށްދޭންވީ ކޮންކަމެއްކަން ވެސް ސަރުކާރުން ހުށަހަޅާނެ ކަމަށް އިބޫ ވިދާޅުވިއެވެ.
ސަރުކާރާއި އެމްޑީޕީއާ އެކު މިރޭ ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން ---- ސަން ފޮޓޯ: އަލީ ނަސީރު
"އޭގަ އަޅުގަނޑުމެންނަށް ފެނިގެންދާނެ ކޮބައިތޯ އެކަން ކުރެވޭނެ ގޮތަކީ. ހަމައެއާއެކީ އެބޭފުޅުން ހުށަހަޅުއްވާނެ އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތައް ސަރުކާރަށް. އެހެންވީމަ ސަރުކާރުން އެކީގައި ކަންތައްތަކެއް އެއް އުސޫލަކުން ކުރެވިގެންމީގެ ނަތީޖާ ނިކުންނާނީ. އެހެންވީމަ އެކަން އަޅުގަނޑުމެން ވެސް ކުރާނެ ސަރުކާރުން ވެސް އެކަން ކުރައްވާނެ،" އިބޫ ވިދާޅުވި އެވެ.
އެމްޑީޕީން ހުށަހެޅި ބައެއް ކަންކަން:
- ހުކުމް ތަންފީޒުކުރަމުންދާ ބައެއް ސިޔާސީ ބޭފުޅުންނަށް ލުޔެއްދިނުން.
- ސިޔާސީ ހަރަކާތްތަކާ ގުޅިގެން ދައުވާ އުފުލިފައިވާ ސިޔާސީ ބޭފުޅުންނަށް ލުޔެއްދިނުން.
- ސިޔާސީ ހަރަކާތްތަކާ ގުޅިގެން ތަހުގީގު ކުރިއަށްދާ ފަރާތްތަކަށް ލުޔެއްދިނުން.
- ވިޔަފާރިވެރިންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުން.
- ކައުންސިލަރުންނާއި ސިވިލްސާވަންޓުންނާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާއަދާކުރުމުގައި ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުން.
- ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައާ ގުޅޭ މިނިވަން ތަހުގީގެއް ހިންގުން.
- ނޫސްވެރިޔާ އަހްމަދު ރިޟްވާން އަބްދުﷲ ގެއްލުނު މައްސަލައާ ގުޅޭ މިނިވަން ތަހުގީގެއްހިންގުން.
- ސިޔާސީ ފަރާތްތަކަށާއި ނޫސްވެރިންނަށް ބިރުދެއްކުމުގެ ގޮތުން އެސްއެމްއެސްތައް ފޮނުވި މައްސަލައިގެ މިނިވަން ތަހުގީގެއް ހިންގުން.
އެމްޑީޕީއާ އެކު ކުރާ މަޝްވަރާތައް ލީޑު ކުރައްވާ ބޭފުޅެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަނޑައަޅުއްވާފައި ވަނީ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އުމަރުގެ އިތުރުން އެ މަޝްވަރާގައި ސަރުކާރުގެ ބައިވެރިވެވަޑައިގަންނަވަނީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީނެވެ.