ކަނޑަށް ވެއްޓިފައިވާ ޓްރާންސް މޯލްޑިވިއަން އެއާވޭސް(ޓީއެމްއޭ)ގެ ސީޕްލޭން އިން ދަތުރު ކުރި ޓޫރިސްޓުންގެ ލަގެޖްތައް ނަގައި ރިސޯޓާއި ހަވާލުކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވެއްޓި ކަނޑުގެ އަޑިޔަށް ދިޔަ އެ ބޯޓު ކައިރިއަށް ވޭތުވެ ދިޔަ ތިން ދުވަހު ސިފައިން ފީނާފައިވާ އިރު ސަން އަށް އެނގިފައިވާ ގޮތުގައި 31 ލަގެޖް ވަނީ ނަގާފަ އެވެ. ސިފައިން އެ ސަރަހައްދުން ނެގި ތަކެތީގެ ތެރޭގައި ލަގެޖުގެ އިތުރުން އަގުބޮޑެތި ކެމަރާއާއި ފޯންގެ އިތުރުން އައިޕެޑް ފަދަ ތަކެތި ހިމެނެ އެވެ.

ލޮނުވަދެ ލަގެޖްތަކަށް ވަނީ ގެއްލުންތަކެއް ވެފައިކަން ސަން އަށް ވަނީ އެނގިފަ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ކަނޑުގެ 38 މީޓަރު އަޑީގައި އޮތް އެ ބޯޓު ފެނުން މައްޗަށް ނެގުމަށް ޓަކައި މިހާރު ވަނީ ވާޖަހައިފަ އެވެ. ނަމަވެސް ބޯޓު ނެގުމުގެ އަމަލީ މަސައްކަތް އަދި ނުފަށަ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އަދުނާން މުހައްމަދު ވިދާޅުވީ ބޯޓު ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެބޯޓް ނެގޭނެ ވަކި ދުވަހެއް ވިދާޅުވުމަށް އަދި ނޭނގޭ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު 5:30 އެހާކަންހާއިރު ޅ. ކުރެއްދޫ އައިލެމްޑު ރިސޯޓާ ދެ މޭލު ބޭރަށް ވެއްޓުނު އެ ބޯޓުގެ ދެ ކަނދު ފިޔަވައި އެހެން ބައިތައް ވަނީ އަޑިއަށް ގޮސްފަ އެވެ.

ބޯޓް ވެއްޓުނީ އޭގައި ދަތުރު ކުރަމުން ދިޔަ 11 ފަސިންޖަރުންނާއި ތިން ކުރޫއިންނާ އެކު އެވެ. އެ އެންމެން ވެސް ވަނީ ސަލާމަތް ކޮށްފަ އެވެ.

އެ ބޯޓު ވެއްޓެން މެދުވެރިވި ސަބަބު ޓީއެމްއޭއިންނާއި ކަމާ ގުޅޭ ފަރާތްތަކުން މިހާރު ތަހުގީގު ކުރަމުންދާ އިރު އެ ހާދިސާގެ ތަފްސީލެއް ނުދެއްވަ އެވެ.