މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގައި ކޮންޓެއިނާ އުފުލާ ވެހިކަލަކުން ޖެހި މީހަކަށް އަނިޔާވެއްޖެ އެވެ.

އެމްޕީއެލްގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ، މިރޭ ހިނގި އެހާދިސާގައި ބާޖްހޭންޑްލާ ނަމަކަށް ކިޔާ ވެހިކަލްގެ ދަށަށް ވެއްޓި އަނިޔާވެފައި ވަނީ، ކޮންޓެއިނާ ޗެކްކުރަން ދިޔަ މީހަކަށް ކަމަށެވެ.

އަނިޔާވި މީހާއަށް މިހާރު ދަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ. އޭނާގެ މޫނުމައްޗަށް ވަނީ ގެއްލުންތަކެއް ލިބިފައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އައިޖީއެމްއެޗްގެ ބަހެއް އަދި ލިބޭގޮތެއް ނުވެއެވެ.

ކޮންޓެއިނާ އުފުލާ ބާޖްހޭންޑްލާ--

އެހާދިސާ ހިނގި ގޮތް ހިއްސާ ކުރަމުން އެމްޕީއެލްގެ އޮފިޝަލް ވިދާޅުވީ އެ ވެހިކަލް ދުއްވާފައި ދަނިކޮށް އެ މަޖޫރީ މީހާ އޭގެ ދަށަށް ވެއްޓުނީ ކަމަށާއި އޭނާގައިގައި ޖެހުނީ ވެހިކަލްގެ ދަނގަޑުގަނޑަކުން ކަމަށް ބެލެވޭ ކަމަށެވެ.

"ހެވީ ވެހިކަލްއެއް ވީމަ ވަރަށް އުސްވާނެ. އޭގެ ދަށަށް އެމީހާ ވެއްޓި އޭނާއަށް އަނިޔާވި ކަމަށް ވަނީ. ފުރޮޅުދަށުވި ނަމަ އޭނާ ސަލާމަތް ނުވީސް" އޮފިޝަލް ވިދާޅުވިއެވެ.

ކޮންޓެއިނާ އުފުލާ އެ ސަރަހައްދަށް މީހުން ވަނުމަކީ މަނާ ކަމެކެވެ.

މީގެ ހަފްތާއެއް ކުރިން ވަނީ ކޮންޓެއިނާ އުފުލަން ބޭނުން ކުރާ ދަގަނޑުގަނޑެއްގެ ދަށުވެ، އެމްޕީއެލް މުވައްޒަފެއްގެ އިނގިލިތައް ޗިސްވެފައެވެ.