ފުލުހުންނަށް ފިލަން ދުއްވި ސައިކަލެއް ކާރެއްގައި ޖެހި ހުޅުމާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޒަހަމުވި ދެ މީހުންގެ ތެރެއިން އެކަކު މަރުވެއްޖެ އެވެ.

އެކްސިޑެންޓްގައި މަރުވެފައި ވަނީ 22 އަހަރުގެ ޒުވާން ކުއްޖެކެވެ. އޭނާ މަރުވިކަން ފުލުހުން ވެސް އަދި ހޮސްޕިޓަލުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ ޑިރެކްޓަރު އަހުމަދު ޝާކިރު މިރޭ ސަން އަށް ވިދާޅުވީ، އެޒުވާނާ ހުޅުމާލޭ ހޮސްޕިޓަލަށް ގެނައިއިރު ވެސް އޮތީ މަރުވެފައި ކަމަށެވެ. އެޒުވާނާގެ ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު ހަށިގަނޑު ވަރަށް ބޮޑަށް ޒަހަމް ވެފައިވާ ކަމަށް ޝާކިރު ވިދާޅުވި އެވެ.

އެ އެކްސިޑންޓުގައި ސައިކަލުގައި ދެން އިން ޒުވާނާ އަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އެގޮތުން އޭނާގެ އަތާއި ފައި ދެ ތަނުން ބިނދައިގެން ގޮސްފައިވާ އިރު އޭނާ އައިޖީއެމްއެޗް އަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޝަކިރު ވިދާޅުވި އެވެ.

އެ ނުރައްކާތެރި އެކްސިޑެން ހިނގީ މިރޭ 9:05 އެހާކަންހާއިރު ހުޅުމާލޭ އަސުރުމާހިނގުމުގައި 133 ނަމްބަރު ފްލެޓް ކައިރީގައި ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.