ފަނޑިޔާރުންގެ މުސާރަ ބޮޑުކޮށްދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.

ޖޭއެސްސީގެ މީޑިއާ އޮފިޝަލް ހަސަން ޒަހީން ސަން އަށް ވިދާޅުވީ ފަނޑިޔާރުންގެ މުސާރަ ބޮޑުކޮށްދިނުމަށް އެ ކޮމިޝަނުން މަޖިލީހުގައި އެދިފައިވީ ނަމަވެސް އެކަމުގެ ތަފްސީލު ދެވެން ނެތް ކަމަށެވެ. އަދި އެކަމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުގެ ބަހެއް ވެސް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އެހެންނަމަވެސް ފަނޑިޔާރުންނަށް ބޮޑުކުރާ މުސާރައިގެ ބައެއް ތަފްސީލް ސަން އަށް ވަނީ ލިބިފަ އެވެ. އެގޮތުން ހުރިހާ އެލަވަންސްތަކާ އެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް 120،000 ރުފިޔާ ހަމަޖައްސައިދިނުމަށް އެދިފައި ކަމަށް ސަން އަށް ވަނީ އެނގިފަ އެވެ.

ހައިކޯޓުގެ ފަނޑިޔާރުންނަށް ހުރިހާ އެލަވަންސްތަކާ އެކު ޖުމްލަ 75،000 ރުފިޔާ ހަމަޖައްސައިދިނުމަށް ވެސް ވަނީ އެދިފަ އެވެ.

ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުންނަށް ދެމުންއައި ލިވިން އެލަވަންސް 5000 ރުފިޔާ އަށް ބޮޑުކޮށްދިނުމަށާއި ރިސްކް އެލަވަންސް ވެސް 5،000 ރުފިޔާ އަށް ބޮޑުކޮށްދިނުމަށް ވަނީ އެދިފަ އެވެ.

މެޖިސްޓްރޭޓުންގެ ލިވިން އެލަވަންސް 5000 ރުފިޔާ އަށް ބޮޑުކޮށްދިނުމަށް ވަނީ އެދިފަ އެވެ. އަދި ފޯނު އެލަވަންސް މެޖިސްޓްރޭޓުންނަށް ދޭންނިންމައި އެ އެލަވަންސަށް ކޮންމެ މަހަކު 1000 ރުފިޔާ ދިނުމަށް ވެސް ވަނީ އެދިފައެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެކަމާ ގުޅެން ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުން ވަނީ ބަޖެޓުގެ ދަތިކަން ހުރިގޮތުން އެއީ މިވަގުތު ކުރެވޭނެ ކަމެއްތޯ ސުވާލު އުފައްދަވައި ވާހަކަފުޅުދައްކަވާފަ އެވެ.

އެ މައްސަލައާ ގުޅިގެން ކޮމެޓީގައި މަޝްވަރާކުރެއްވުމަށް ފަހު ފިނޭންސް މިނިސްޓްރީއާ ވާހަކަ ދައްކައިގެން އެކަމުގައި އެ މިނިސްޓްރީގެ ލަފާ ހޯދުމަށް އިގްތިސޯދީ ކޮމެޓީއަށް ފޮނުވުމަށް ވަނީ ފާސްކޮށްފަ އެވެ.