06 Mar 2011, 08:06
މެންޗެސްޓާ ސިޓީގެ ކޯލޯ ޓޯރޭ މިހާރު ހުރީ ބޮޑު ނުތަނަވަސް ކަމެއްގެ ތެރޭގަ އެވެ. އެ ކުލަބުން އޭނާ މިހާރު ދޫކޮށްފައިވަނީ ޑްރަގް ޓެސްޓުން ޕޮޒިޓިވް ވުމާ ގުޅިގެން އެކަމުގެ ސަބަބުން ލިބޭނެ އަދަބަކުން ސަލާމަތްވުމަށް މަސައްކަތް ކުރުމަށެވެ.
އައިވަރީ ކޯސްޓްގެ 29 އަހަރުގެ ކުޅުންތެރިޔާ އަކީ ސިޓީގެ އެންމެ މުސާރަ ބޮޑު އެއް ކުޅުންތެރިޔާ އެވެ. އޭނާ ކުޅިވަރުގެ މަނާ ބޭހަކަށް ޕޮޒިޓިވް ވުމުން ކުލަބުން އޭނާ ވަނީ ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފަ އެވެ. އަދި އެންޓި ޑޯޕިން އެޖެންސީން އޭނާގެ މައްސަލަ ބަލާ ނިމޭއިރު އެއްވެސް ޒަރޫރީ އުޒުރެއްނެތި އޭނާ މަނާ ބޭސް ކޮށްފައިވާނަމަ މަދުވެގެން ދެ އަހަރަށް ކުޅިވަރުގެ ހަރަކާތްތަކުން ސަސްޕެންޑް ކުރާނެ އެވެ.
ޓޯރޭއާ ބެހޭ ގޮތުން މިހާތަނަށް ފާޅުގައި ވާހަކަ ދެއްކީ އޭނާގެ ކުރީގެ ކޯޗު އާސެންވެންގާ އެވެ. ސިޓީ އަށް ބަދަލުވުމުގެ ކުރިން އާސެނަލް އަށް ކުޅުނު ޓޯރޭ އަކީ ގިނަވަގުތު ގޭގައި އުޅޭ ވަރަށް އާއިލީ މީހެއް ކަމަށް ވެންގާ ބުންޏެވެ. މިހެންވެ އޭނާ ތުހުމަތު ކުރަނީ ޓޯރޭ މަނާ ބޭހަށް ޕޮޒިޓިވް ވުމުގެ ފަހަތުގައި އޭނާ އަށް ކެވުނު އެއްޗެއް ނުވަތަ ބޭހެއް ވާނެ ކަމަށެވެ. އަދި ހަށިގަނޑު ލުއިކުރުމަށް އަންހެނުންގެ ލަފާގެ މަތިން ބޭހެއް ބޭނުން ކުރީ ކަމަށެވެ. އަދި ޓޯރޭ އަށް ނޭނގުމެއްގެ ތެރޭގައި މިކަންވިނަމަ އެއީ އޭނާގެ އަންހެނުންގެ ފަރާތުންވީ ކަމެއް ކަމަށް ވެސް ވެންގާ ތުހުމަތު ކުރެ އެވެ.
މި މައްސަލާގައި އެންޑި ޑޯޕިން އެޖެންސީ އަށް ޖަވާބުދާރީ ވުމުގެ ކުރިން ޓޯރޭ އަށް އޭނާގެ ދެ ވަނަ ސާޕްމަލެއް ނެގުމަށް ހުށަހެޅުމުގެ ފުރުސަތު އެބައޮތެވެ.