ގދ. ގައްދޫ ޢަލީ ކަލޭފާނު ފައުންޑޭޝަނުން އިންތިޒާމް ކުރާ 'ކިކްއޯފް ގައްދޫ' ފުޓްސަލް މުބާރާތް އަށް ޓީމާއެކު ފަށައިފި އެވެ.

ގައްދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ އިސްމާޢީލް ޝަމީމް ޝަރަފުވެރިކޮށްދެއްވި މުބާރާތް ހުޅުވަން ކުޅުނު މެޗުގައި ބީޗްބޯއީސް އާއި ރިއަލްސީ ކުޅުނު މެޗު ނިމުނީ 2-2 ނަތީޖައަކުން އެއްވަރުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ބީޗްބޯއީސްގެ ޢަލީ ޝުޖާއު އެވެ.

ކިކް އޮފް ގައްދޫ ފުޓްސަލް މުބާރާތުގެ ހޫލުވުމުގެ ރަސްމިއްޔަތުގެ ތެރެއިން --- ފޮޓޯ/ ޢަލީކަލޭފާނު ފައުންޑޭޝަން

އެސްޓީއޯގެ ޕިލިޕްސް ބްރޭންޑުން ސްޕޮންސާކޮށްފައިވާ މުބާރާތް ކުރިއަށް ގެންދަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގުރޫޕް އޭ ގައި ހިމެނެނީ ބީޗް ބޯއީސްއާއި ރިއަލްސީގެ އިތުރުން ވާދަވެރިޔާ އާއި ޕެރިސްޕާކް ޓީމެވެ. ގްރޫޕް ބީގައި ހިމެނެނީ ގައްދޫ ޕޮލިސް ޓީމާއި ޔޫތުބޯއީސް އަދި އެފްސީ ބޮއްކުރާ އާއި ގަސްދޮށު ޓީމެވެ.

ޗެމްޕިއަން ޓީމަށް 18،000ރ. އަދި ދެ ވަނަ ޓީމަށް 8000ރ. ހުށަހަޅާފައިވާ މުބާރާތުގެ ކުޅުން އިއްޔަ ރޭ ފެށިއިރު މުބާރާތުގެ ފައިނަލް މެޗް އޮންނާނީ މިމަހު 13 ވަނަ ދުވަހުގެ ރޭގައެވެ.

ކޮންމެ ރެއަކު ދެ މެޗު ކުޅޭ މި މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ލީގު އުސޫލުން އެއްބުރު ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

ކިކް އޮފް ގައްދޫ ފުޓްސަލް މުބާރާތުގެ ހޫލުވުމުގެ ރަސްމިއްޔަތުގެ ތެރެއިން --- ފޮޓޯ/ ޢަލީކަލޭފާނު ފައުންޑޭޝަން

ގައްދޫ ޢަލީކަލޭފާނު ފައުންޑޭޝަނުން ބުނީ މި މުބާރާތަކީ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާ ކުރުމަށާއި އިޖްތިމާއީ ގުޅުން ބަދަހި ކުރުމަށް ބާއްވާ މުބާރާތެއް ކަމަށެވެ. އަދި މުބާރާތް ކުރިއަށްދަނީ މެއިން ސްޕޮންސަރ ކަމަށްވާ ޕިލިޕްސް އާއި ގައްދޫ ދާއިރާގެ މެމްބަރު އަޙްމަދު ރަޝީދުގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކުގައި ކަމަށެވެ. މުބާރާތް ކުރިއަށް އޮތްތަނުގައި މިއަށްވުރެ ފުޅާކޮށް ބޭއްވުމަށް މަސައްކަތް ކުރާނެ އެފައުންޑޭޝަނުން ބުނެ އެވެ.