ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ކައުންސިލަށް ބޮޑެތި ބަދަލުތަކެއް ގެނެއުމުގެ ގޮތުން ގައުމީ ޔުނިވާސިޓީގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ޔުނިވާސިޓީގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ޔުނިވާސިޓީގެ ކައުންސިލުގައި މަގާމުގެ ހައިސިއްޔަތުން ހިމެނިވަޑައިގަންނަވާ ހަތަރު މެމްބަރުން ތިއްބަވާނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ފަސް މެމްބަރުން ވެސް އެ ކައުންސިލުގައި ހިމެނިވަޑައިގަންނަވަ އެވެ. ހަމައެއާ އެކު އިންތިހާބު ކުރާ ހަތަރު މެމްބަރުން ހިމެނުމަށް ވެސް ރިފާއު ވަނީ އިސްލާހު ހުށަހަޅާފައި އެވެ.

ގާނޫނުގައި މިހާރު ބުނެފައިވާ ގޮތް:

  • މަގާމުގެ ހައިސިއްޔަތުން ހިމެނޭ ދެ މެމްބަރުން

  • ތައުލީމީ ކަންތައްތަކާ ބެހޭ އެންމެ މަތީ ވަޒީރަކު އައްޔަން ކުރާ 8 މެމްބަރުން
  • އިންތިހާބު ކުރާ 8 މެމްބަރުން
  • ކައުންސިލަށް ފެންނަ ހިނދެއްގައި ކައުންސިލުން ކަނޑައަޅާ މުއްދަތަކަށް ކައުންސިލުން އައްޔަންކުރާ އެކަކު

ރިފާއު ވަނީ ޖިނާއި ހައްދެއް ނުވަތަ ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން ވޭތުވެ ދިޔަ ވޭތުވެ ދިޔަ ފަސް އަހަރު ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ކައުންސިލަށް ކުރިމަތިލެވޭނެ ކަމަށް ބުނެފައިވާ މާއްދާ އިސްލާހު ކުރުމަށް ހުށަހަޅާފައި އެވެ.

އެ މާއްދާ ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ އިސްލާމްދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ގައުމީ ޔުނިވާސިޓީގެ ކައުންސިލަށް އައްޔަން ނުކުރެވޭނެ ކަމަށެވެ.

މަގާމުގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ކުރާ މެމްބަރުންނަކީ:

  • ޔުނިވާސިޓީގެ ޗާންސެލާ

  • ޔުނިވާސިޓީގެ ވައިސް ޗާންސެލާ
  • ޑެޕިއުޓީ ވައިސް ޗާންސެލާ ( އެޑުމިނިސްޓުރޭޝަން އެންޑު ފައިނޭންސް )
  • ޑެޕިއުޓީ ވައިސް ޗާންސެލާ (ރިސާޗު އެންޑު އިނޮވޭޝަން )

ރިފާއު ވިދާޅުވީ ޔުނިވާސިޓީގެ ގާނޫނަށް އެފަދަ އިސްލާހުތަކެއް އޭނާ ހުށަހެޅުއްވީ ޔުނިވާސިޓީގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ގައުމީ ޔުނިވާސިޓީއާ ދިވެހި ރާއްޖޭގެ އިސްލާމިކު ޔުނިވާސިޓީގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިސްލާމިކު ޔުނިވާސިޓީ އަކީ ދައުލަތުގެ ދެ ޔުނިވާސިޓީ ކަމަށް ވާތީ އެ ދެ ޔުނިވާސިޓީގެ ހިންގުމުގެ އޮނިގަނޑު އެއްގޮތަށް ބަދަލު ކުރުމަށްޓަކައި ކަމަށެވެ.