05 Jul 2015, 15:01
މާލޭގެ މަގުތަކަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރުމުގެ މަޝްރޫއުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފި އެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ، ދެވަނަ ފިޔަވަހީގެ ބޮޑު ބައެއް ނިމިފައިވާއިރު އަމީނީ މަގުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.
ފަޒުލް ވިދާޅުވީ، އަމީނީ މަގުގުގައި ފެން ބޮޑުވިޔަ ނުދިނުމަށް ކުރަމުންދާ މަސައްކަތް ރޯދަ މަހުގެ ކުރިން ފަށާފައިވާ ކަމަށެވެ. ނަމަވެސް ރޯދަމަހު އެ މަސައްކަތުގެ ސްޕީޑް ދަށްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ތާޖުއްދީން ސްކޫލް ސަރަހައްދުގައި ފެން ހިންދުމަށް ކުރަމުންދާ މަސައްކަތުގެ ބޮޑުބައެއް ވަނީ ނިމިފައި ކަމަށް އޭނާ ވިދާޅުވި އެވެ.
ދެވަނަ ފިޔަވަހީގެ ދަށުން މާލޭގެ ތިން ސަރަހައްދެއްގައި ޕަމްޕަ ސްޓޭޝަން ގާއިމު ކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށް މިނިސްޓްރީން ވަނީ ކުރިން ބުނެފައެވެ. އޭގެ މަސައްކަތްވެސް އަވަސް މުސްތަގުބަލެއްގައި ފެށޭނެ ކަމަށް ފަޒުލް ވިދާޅުވި އެވެ.
މޭ މަހު އެމްޑަބްލިއުއެސްސީ އާ ހަވާލުކުރެވުނު އެ މަސައްކަތް ނިންމުމަށް މިނިސްޓްރީން ދީފައިވަނީ ހަތް މަހުގެ މުއްދަތެކެވެ. ޑިސެމްބަރު މަހަށް ނިންމުމަށް ހަވާލު ކޮށްފައިވާއިރު އޭގެ ކުރިން ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފަޒުލް ވިދާޅުވިއެވެ.
މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތަށް ސަރުކާރުގެ ބަޖެޓުން ވަނީ 14.1 މިލިިއަން ރުފިޔާ ހަރަދު ކޮށްފައެވެ.