05 Jul 2015, 12:52
ވ. ރަކީދޫގައި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލް މަރާލިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ އެ ކުއްޖާގެ މަންމަ އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރީއަތް ވަކީލަކު ހަމަ ނުޖެހިގެން ކެންސަލކޮށްފި އެވެ.
އިބްތިހާލު މަރާލިކަމުގެ ތުހުމަތުގައި އާފިޔާގެ މައްޗަށް ގަސްތުގައި ކުއްޖަކު މަރާލުމުގެ ދައުވާގެ އިތުރުން އަމުރަށް ނުކިޔަމަންތެރިތިވުމުގެ ދައުވާ ވެސް ދައުލަތުން ވަނީ އުފުލައިފަ އެވެ. އެ ދެ މައްސަލައިގެ ދެވަނަ ޝަރީއަތް ވެސް ތާވަލުކޮށްފައި ވަނީ މިއަދު 1 ޖަހާއިރަށެވެ.
އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި އާފިޔާގެ މައްޗަށް ދައުލަތުން އުފުލި އަމުރަށް ނުކިޔަމަންތެރި ވުމުގެ ދައުވާއަށް އޭނާ ވަނީ އިއުތިރާފުވެފަ އެވެ.
އަމުރަށް ނުކިޔަމަންތެރި ވުމުގެ ދައުވާއަށް ޖަވާބު ދާރީވަމުން އާފިޔާ ބުނީ އޭނާ އިބްތިހާލަށް އަނިޔާ ކުރި ކަމަށް އެއްވެސް މަޖުބޫރު ކަމެއް ނެތި އިއުތިރާފުވާ ކަމަށެވެ.
"އަޅުގަނޑުގެ އަމިއްލަ އަތުން ދަރިފުޅުގައިގައި ތެޅީ،" ކުރީ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ބިޑިއަޅުވާފައި އިން އާފިޔާ ދައުވާއަށް ޖަވާބުދާރީ ވަމުން ބުންޏެވެ.
އާފިޔާ ބުނީ އޭނާގެ މަންމަ ކައިރިން ދަރިފުޅު އޭނާގެ ކައިރިއަށް ބަދަލު ކުރި ދުވަހުން ފެށިގެން އަނިޔާ ކުރި ކަމަށާއި، އަނިޔާ ކުރީ "އެއީ ބައްޕަ ނެތް ކުއްޖަކަށް ވާތީ" ކަމަށެވެ. އާފިިޔާ ބުނީ އޭނާ ރުޅި އަންނަ ކޮންމެ ފަހަރަކު އިބްތިހާލަށް އަނިޔާ ކުރާ ކަމަށެވެ.
އިބްތިހާލަށް އަނިޔާ ކުރި ކަމަށް އާފިޔާ އިއުތިރާފުވުމުން ގާޒީ ވަނީ ތަކުރާރުކޮށް އޭނާ އާ ސުވާލުކޮށްފަ އެވެ. އެ ހުރިހާ ސުވާލަކަށް ވެސް އާފިޔާ ބުނީ "އަޅުގަނޑު އަނިޔާކުރިން" ކަމަށެވެ.
އެކި ދުވަސް މަތިން އިބްތިހާލު ގައިގައި ޖަހާ ހަދަންތޯ ދައުލަތުގެ ވަކީލު ސުވާލު ކުރުމުން އާފިޔާ ބުނީ އެކި ދުވަސް މަތިން ވެސް އަނިޔާ ކުރާ ކަމަށެވެ.
އަމުރަށް ނުކިޔަމަންތެރި ވުމުގެ ދައުވާއަށް އާއިފާ އިއުތިރާފުވުުމުން ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ އާފިޔާ ފުލުހުންނަށް ދިން ބަޔާން އެކަންޏެވެ.
އިބްތިހާލަށް ޖިންސީ ގޯނާ ކުރި މައްސަލާގައި، އާފިޔާގެ ދޮން ބައްޕަގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ އުފުލައިފަ އެވެ.