މާލޭގެ މަގުތަކުގައި ހުރި ކާނުތަކަށާއި ބައެއް އެހެން ސަރަހައްދުތަކަށް މަދިރި ނައްތާލަން ބޭސް އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

ހައުސިން މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރު އަބްދުﷲ ޝަރީފް މިއަދު ސަން އަށް ވިދާޅުވީ، ފެން ހަރުލާފައި ހުންނަ ކާނުތަކާއި އެފަދަ އެހެން ތަކެއްޗަށް މަދިރި ނައްތާލާ ބޭސް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ކާނުތަކަށް އެބަ ބޭސް އަޅަން. ކާނުތަކުގައި ފެން ހަރުލާފައި ހުންނާތީ ބޭސް އަޅަނީ، ކާނުތައް އެކަންޏެއް ނޫން އެހެންތަންތަނަށްވެސް ބޭސް އެބައަޅަން،" ޝަރީފް ވިދާޅުވި އެވެ.

ބޭސް އެޅުމުގެ އިތުރުން މާލެ ފޮގް ކުރުމުގެ މަސައްކަތް ކޮންމެ ރެއަކު ކުރަމުން ދާ ކަމަށާއި އެގޮތުން ރޭ މާފަންނު ފޮގް ކޮށްފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

މިދުވަސްވަރު ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ޑެންގީ ހުން ކޮންޓްރޯލް ކުރުމަށްޓަކައި މަދިރި އުފެދޭ ތަންތަން ސާފުކުރުމާ ބެހޭ ގައުމީ ކެންޕޭނެއް މުޅި ރާއްޖޭގައި އިއްޔެ ވަނީ ފަށާފަ އެވެ.

އެ ކެންޕޭންގެ ދަށުން މިއަދު މާލޭގެ އެކިއެކި ސަރަހައްދުތަކަށް ކެންޕޭންގައި ބައިވެރިވާ މުއައްސަސާތަކުގެ ޓީމްތަކުން ޒިޔާރަތްކޮށް އެ ތަންތަނުގައި ސާފުކުރުމުގެ ކަންތައްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންގޮސްފައިވޭތޯ ބަލަމުން ގެންދާނެ އެވެ.

ގެންޑީ ހުން މިއަހަރު 475 މީހުންނަށް ޖެހިފައިވާއިރު ހަތަރު ހަތަރު މީހުން ވަނީ މަރުވެފަ އެވެ.