05 Jul 2015, 11:56
ފުރާވަރުގެ ކުދިންލައްވައި އައިއެސް އިން ސީރިއާގެ 25 މީހަކު މަރާލާ ވީޑިއޯއެއް އާއްމުކޮށްފިއެވެ.
އައިއެސް އިން ބުނީ އެ މީހުންނަކީ ހޮމްސް ސިޓީން ހައްޔަރުކުރި ސީރިއާ ސިފައިން ކަމަށެވެ.
އެ ވީޑިއޯގައި ފެންނަ ކުދިންނަކީ އުމުރުން ތޭރަ ސާދަ އަހަރުގެ ކުދިން ކަަމަށް ބީބީސީން ބުނެއެވެ.
ހޮމްސް ސިޓީ އައިއެސްގެ ބާރުގެ ދަށަށް ދިޔައީ މޭމަހު ފަހުކޮޅުއެވެ. އެހެންނަމަވެސް އެ ވީޑިއޯ ނަގާފައިވާ ތާރީޚެއް އެނގެން ނެތްކަމަށް ވެސް ބީބީސީން ބުނެ އެވެ. އެ މީހުންތައް މަރާލާފައި ވަނީ ވަށައިގެން މީހުން އެއްވެފައިވާ ސްޓޭޖެއް ކަހަލަ ތަނެއްގައެވެ. މަރާލި މީހުންނަށް އަނިޔާކޮށްފައިވާ ކަމަށް ބެލެވޭ ކަހަލަ ޝޮޓްތަކެއް ވީޑިއޯ އިން ވަނީ ދައްކާފައެވެ.
އައިއެސް އިން ދަނީ ސީރިއާގެ ސަރަހައްދުތަައް ހިފަމުންނެވެ. ސީރިއާގައި ކުރިއަށްދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން އައިއެސް އާއި ދެކެޅަށް އެކަށީގެންވާ ގޮތުގައި ހަނގުރާމަ ނުކުރެވޭ ކަމަށް ބައެއް ތަޖުރިބާކާރުން ބުނެއެވެ.
ސީރިއާގައި ބައްޝާރުލް އަސަދުގެ ސަރުކާރާއި ދެކޮޅަށް ކުރިއަށްދާ ދާޚިލީ ހަނގުރާމައިގައި މިހާތަނަށް 230000 ހާސް މީހުން މަރުވެފައިވާ ކަމަށް ބީބީސީން ބުނެއެވެ.