05 Jul 2015, 11:44
ޑެންގީ ހުމުގެ ސަބަބުން ސްކޫލްތައް ބަންދުކޮށްފައިވާއިރު އަދިވެސް ބައެއް ސްކޫލްތަކުގައި އިތުރު ހަރަކާތްތައް ކުރިއަށް ގެންދާތީ އެކަން ހުއްޓުވުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އަންގަން ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު މިއަދު ސަން އަށް ވިދާޅުވީ، މިދުވަސްވަރު ސުކޫލްތައް ބަނދުކޮށްފައިވީ ނަމަވެސް ބައެއް ސްކޫލްތަކުގައި އެޑިއުކޭޝަންގެ ހުއްދަނެތި އިތުރު ހަރަކާތްތައް ހިންގަމުންދާތީ އެސްކޫލްތަކަށް ގުޅައިގެން އެކަން ހުއްޓުވަމުން އަންނަ ކަމަށެވެ.
"އެކަހަލަ ރިޕޯޓްތައް ލިބުނީމަ ސްކޫލްތަކަށް ގުޅައިގެން އެކަންތައްތައް ހުއްޓުވުމަށް އަޅުގަނޑުމެން އެބަ ބާރު އަޅުވަން،" ޝަފީއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ބައެއް ކަހަލަ ހަރަކާތްތައް ހިންގުމަށް އެމިނިސްޓްރީން ވެސް ހުއްދަ ދީފައިވާ ކަމަށެވެ. އެގޮތުން ވެސް ހުއްދާދީފައިވާނީ އެއް ފަހަރާ ގިނަ ކުދިންތަކެއް ބައިވެރިނުކޮށް ކުރިއަށްގެންދާނެ، ގުރުއާން މުބާރާތް ފަދަ ހަރަކާތްތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"އާންމުކޮށް މި ހިންގާ އިތުރު ހަރަކާތްތައް ހިންގުމުގެ ހުއްދައެއް ދީފައެއް ނޯންނާނެ،" ޝަފީއު ވިދާޅުވިއެވެ.
ސްކޫލްތައް ބަންދުކުރި ނަމަވެސް ޖީސީއީ އޯލެވެލް އިމްތިހާން ހަދާ ކުދިންނަށް ކިޔަވައިދޭނެ ޚާއްސަ ގޮތްތަކެއް ވަނީ ހަމަޖައްސާފައެވެ.
ޑެންގީ ހުމުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މިދިޔަ ބުދަ ދުވަހުން ފެށިގެން ސްކޫލްތަކުގެ ކިޔެވުން ނުބާއްވާ ގޮތަށް ސަރުކާރުން ނިންމާފައި ވަނީ ވަކި މުއްދަތެއް ނެތް ގޮތަކަށެވެ.