އިނގިރޭސި ލީގުގެ ތާވަލުގެ އެއްވަނާގައިވާ މެންޗެސްޓާ ޔުނައިޓެޑާ އެއް ޕޮއިންޓަށް ގާތަށް ޖެހިލުމަށް ލިބުނު ފުރުސަތު އާސެނަލް ނަގާލައިފި އެވެ.

އާސެނަލް އަށް ފުރުސަތު ގެއްލުނީ ސަންޑަލޭންޑާ ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރުވުމުންނެވެ. މިހެންވެ އެ ޓީމަށް 28 މެޗުން 57 ޕޮއިންޓް ލިބޭއިރު 28 މެޗުން މެންޗެސްޓާ އޮތީ 60 ޕޮއިންޓާއެކުގަ އެވެ.
ޑޭވިޑް ސިލްވާގެ ހަމައެކަނި ލަނޑުން މެންޗެސްޓާ ސިޓީ މޮޅުވުމުން އެ ޓީމު އޮތީ ތާވަލުގެ ތިން ވަނާގަ އެވެ. އެއީ 29 މެޗުން 53 ޕޮއިންޓާއެކުގަ އެވެ.

އިނގިރޭސި ލީގުގައި މިރޭ ކުޅޭނީ ވާދަވެރި ލިވަޕޫލް އާއި މެންޗެސްޓާ ޔުނައިޓެޑެވެ. މި މެޗު ފަށާނީ މިރޭ 9ޖަހާއިރު އެވެ. މެޗަށް ނުކުންނައިރު ލިވަޕޫލް ވަނީ ތާވަލުގެ ހަތް ވަނަ އަށް ވެއްޓިފަ އެވެ. އަދި މިރޭ ބަލިވެއްޖެނަމަ މި މަގާމު ދާއިމީވާނެ އެވެ.

ސްޕެނިޝް ލީގުގައި ރޭ ރެއާލް ޒަރަގޯޒާ އަތުން ޗެމްޕިއަން ބާސެލޯނާ މޮޅުވީ ސައީދޫ ކެއިތާގެ ލަނޑުންނެވެ. އަދި ވެލެންސިއާ ވަނީ ރެއާލް މަޔޯކާ 2-1 އިން ބަލިކޮށްފަ އެވެ. ބާސެލޯނާ އަށް މިހާރު 10 ޕޮއިންޓްގެ ލީޑެއް ލިބިފައިވާއިރު ދެ ވަނާގައިވާ ރެއާލް މެޑްރިޑް މިރޭ ކުޅޭނީ ރޭސިންއާ އެވެ.

އިޓާލިއަން ލީގުގައި ޓޭބަލުގެ ކުރީގައި އުޅޭ އޭސީ މިލާން ރޭ މޮޅުވީ ޔުވެންޓަސް އަތުން 1-0 އިންނެވެ. ލަނޑު ޖެހީ ގެނާރޯ ގަޓޫސޯ އެވެ. މިލާނަށް 61 ޕޮއިންޓް ލިބޭއިރު އެއް މެޗު މަދުން ކުޅެގެން 53 ޕޮއިންޓާއެކު ދެ ވަނާގައި އޮތީ ދިފާއީ ޗެމްޕިއަން އިންޓަމިލާނެވެ.