05 Jul 2015, 00:04
ހުން އައިސްގެން ޑޮކްޓަރަށް ދައްކަން ދާ މީހުންނަށް ޚާއްސަ ޑެސްކެއް އޭޑީކޭ ހޮސްޕިޓަލުގައި ގާއިމްކޮށްފި އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު އަފްއާލް 'ސަން' އަށް ވިދާޅުވީ އެ ޚިދުމަތް ފެށީ މިދުވަސްވަރަކީ ހަލުވި ކަމާއެކު ޑެންގީ ހުންފެތުރެމުންދާ ދުވަސް ވަރަކަށް ވާތީ ހޮސްޕިޓަލުން ހުމަށް ޚިދުމަތް ހޯދަމުންދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށެވެ.
އެގޮތުން ހުން އައިސްގެން ޑޮކްޓަރަށް ދައްކަން ދާ ފަރާތްތަކަށް ކިއުގައި ނުޖެހި ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް ލިބޭނެ ކަމަށްވެސް އަފްއާލް ވިދާޅުވި އެވެ.
"ހުންއައިސްގެން ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކުން އެ ޑެސްކަށް ދިއުމުން އެ ކޮޅުން އެމީހެއްގެ ބްލަޑް ސާމްޕަލް ނަގައި، ކުރަންޖެހޭ ކަންކަން ކުރާނެ،" އަފްއާލް ވިދާޅުވި އެވެ.
ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް އަދި ރޭގަނޑު 7:00 އިން 11:00 ޚިދުމަތް ދޭ އެ ޑެސްކް ހުންނަނީ އޭޑީކޭގެ ލޮބީގަ އެވެ. އަދި އެވަގުތުތަކުގައި ހުންއައިސްގެން އޭޑީކޭއަށް ދާ ފަރާތްތަކުން އެ ޑެސްކަށް ދިއުމަށް އައްފާލް ވަނީ އެދިވަޑައިގެންފައެވެ.
މިދުވަސްވަރަކީ އާއްމު ގޮތެއްގައި ޑެންގީ ހުން ފެތުރުން އިތުރުވާ ދުވަސްވަރަކަށް ވުމުން، އެކަމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަރިދަފުސް ރޯގާ އިތުރުވަމުންދާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށާއި ހުން އައިސް ރޯގާ ޖެހި ތިން ދުވަހަށް ވުރެ އިތުރުވާ ނަމަ ޑޮކްޓަރެއް ނުވަތަ ސިއްޙީ އެހީތެރިކަން ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.