ބޮޑުތަކުރުފާނު މަގު މާޒިޔާ ދަނޑު ސަރަހައްދުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަޚަމްވި ދެމީހުންގެ ތެރެއިން 19 އަހަރުގެ ޒުވާނާގެ ހާލު ވަރަށް ސީރިއަސް ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

އޭނާ އެކްސިޑެންޓްވުމުން ފުރަތަމަ ގެންގޮސްފައި ވަނީ އައިޖީއެމްއެޗަށެވެ. ނަމަވެސް ބޮލަށް ގެެއްލުންވެ ނާރުގެ ޑޮކްޓަރަކަށް ދެއްކުމަށް އައިޖީއެމްއެޗުން ލަފާ ދިނުމުން ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.

"އޭޑީކޭ އަށް ބަދަލުކުރީ ނާރުގެ ޑޮކްޓަރެއް އައިޖީއެމްއެޗުގައި ނެތުމުން،" އާއިލާއިން ބުންޏެވެ.

ރޭ އެކްސިޑެންޓްގައި ޒަޚަމްވި 19 އަހަރުގެ ޒުވާނާގެ މޫނުގެ ކަށިތަށް އެއްކޮށް ފުނޑު ފުނޑުވެފައި ވާ ކަމަށް ޑޮކްޓަރާ ހަވާލާދީ އާއިލާއިން ބުންޏެވެ.

އޭޑީކޭގެ މެނޭޖިންގެ ޑިރެކްޓަރ އަހުމަދު އައްފާލު ވިދާޅުވީ އެ ޒުވާނާގެ ބޮލުގެ އޮޕްރޭޝަނެއް މިއަދު ކޮށަފައިވާ ކަމަށާއި އެ އޮޕަރޭޝަން ކާމިޔާބު ކަމަށެވެ. އެހެންނަމަވެސް އަދިވެސް އޭނާގެ ހާލު ސީރިއަސް ކަމަށް އައްފާލް ވިދާޅުވި އެވެ.

އޭނާގެ އާއިލާއިން ބުނީ ރާއްޖޭން ބޭރަށް ގެންދިއުމަށް ޑޮކްޓަރުގެ ހުއްދައަށް އެދުމުން އޭނާގެ ހާލަތަށް ބަލައި ހުއްދަ ދީފައި ނުވާކަމަށެވެ.

"ޑޮކްޓަރުގެ ހުއްދަ ނެތި ބޭރަށް ނުދިއުމަށްވެސް ޑޮކްޓަރު ވަނީ ލަފާދީފައި. އަދި މީގެ ކުރިން އެގޮތަށް ހުއްދަ ނުދެނީސް ގެންދިޔަ ދެމީހުން މަރުވެފައި ވާކަމަށް ޑޮކްޓަރު ބުނި. އެހެންވެ ބޭރަށް ނުގޮސް މަޑުކޮށްލީ،" އާއިލާއިން ބުންޏެވެ.

ރޭ ހިނގި އެކްސިޑެންޓުގައި 19 އަހަރުގެ ޒުވާނާގެ އިތުރުން 22 އަހަރުގެ މީހަކު ވެސް ޒަޚަމްވި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު 'ސަން' އަށް ވިދާޅުވީ އެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތް 22 އަހަރުގެ ޒުވާނާގެ ހާލު ރަގަނޅު ކަމަށެވެ.

މަންޒަރު ދުށް މީހަކު 'ސަން' އަށް ބުނީ ރޭ އެކްސިޑެންޓްވި ތިން ސައިކަލްގެ ތެރެއިން އެއް ސައިކަލްގައި އިން މީހާ ފިލާފައިވާ ކަމަށެވެ.