މަންޒަރު ދުށް ފަރާތަކުން ބުނި ގޮތުގައި ޓްރާންސް މޯލްޑިވިއަން އެއާވޭސް(ޓީއެމްއޭ)ގެ DHC-6-300 ފްލައިޓް އެދުވަހު ކަނޑަށް ޖެއްސީ ވަރަށް ބާރު ދުވެލީގައި އައިސްފަ އެވެ. އޭނާ ގަބޫލު ކުރާގޮތުގައި ބޯޓް އެހާ ބާރު ސްޕީޑެއްގައި އައިސް ޖެއްސީ ކޮންމެވެސް މައްސަލައެއް ކުރިމަތިވެގެންނެވެ.

"ހީވަނީ އިންޖީނެއް ފެއިލް ވެގެންހެން، ވަރަށް ބާރަށް އައިސް ބޯޓް ޖެއްސީ،" އޭނާ ބުންޏެވެ.

ޅ. ކުރެއްދު އާ ދެ މޭލު ބޭރަށް އެ ބޯޓް ވެއްޓުނު ހާދިސާގައި މީހަކަށް ގެއްލުމެއް ނުވިނަމަވެސް އެ ބޯޓުގެ ދެ ކަނދު ފިޔަވައި އިތުރު ބައިތައް ވަނީ ބޯޓް ވެއްޓުނުތާ 10 ވަރަކަށް މިނެޓްގެ ތެރޭގައި ކަނޑު އަޑިޔަށް ގޮސްފަ އެވެ. އެ ބޯޓު ދުއްވަން ތިބީ ބޭރުގެ ދެ ޕައިލެޓުންނާއި ދިވެހި ކުރޫ އެކެވެ. އޭގެ އިތުރުން 11 ޓޫރިސްޓު ބޯޓުގައި ތިއްބެވެ.

11 ޕަސިންޖަރުންނާ އެކު ދަތުރުކުރަމުން ދިޔަ ޓީއެމްއޭގެ ސީޕްލޭން ވެއްޓިފައި --- ސަން ފޮޓޯ

ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން ބުނި ގޮތުގައި އެ ހާދިސާ ހިނގީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން އިމަޖެންސީގައި ޖައްސަން އުޅުމުގެ ތެރޭގަ އެވެ. ތަފްސީލެއް ހާމައެއް ނުކުރެ އެވެ. އެނގޭހާ ވެސް އެއްޗަކީ ބޯޓް ޖެއްސުމުގެ ތެރޭގައި ކަނދު ބިންދައިގެން ގޮސްފައިވާ ކަމެވެ.

އެރޯނޯޓިކަލް އިންޖީނިއަރު (ފްލައިޓްތަކުގެ އިންޖީނިއަރުން)ގެ މައުލޫމާތާ އެކު މި ރިޕޯޓުގައި މި ލިޔަނީ އެފަދަ ހާދިސާތައް ހިނގަން މެދުވެރިވެދާނެ ބައެއް ސަބަބުތަކުގެ މައްްޗަށެވެ.

ފުލައިޓް ޖައްސަން އުޅުމުގެ ތެރެއިން:

ތަފާސް ހިސާބްތަކަށް ބަލާ އިރު ރާއްޖޭގައި ބޯޓް ފަހަރަށް އެންމެ ގިނަ މައްސަލަތައް ދިމާވަނީ ޓޭކްއޮފް(ނައްޓާލުން) އާއި ލޭންޑިން(ޖެއްސުމުގެ)ގެ ތެރެއިންނެވެ.

އެރޯނޯޓިކަލް އިންޖީނިއަރަކު ވިދާޅުވި ގޮތުގައި އެއްވެސް ޓެކްނިކަލް މައްސަލައެއް ބޯޓަށް ދިމާނުވިނަމަވެސް ބޯޓް ކަނޑުގައި ޖެއްސޭ ގޮތަކުން ހިތާމަވެރި ހާދިސާއެއް ހިނގުން ގާތެވެ. ވަކި ސުޕީޑެއްގައި ލޭންޑް ނުކުރެވިއްޖެ ނަމަ ނުވަތަ ލޭންޑް ކުރާ ވަގުތު ފްލައިޓް ލޮނުގަނޑުގައި ޖެހޭ ގޮތަކުން އެފަދަ ހާދިސާއެއް ހިނގުން ގާތް ކަމަށް އޭނާ ވިދާޅު އެވެ.

"އަސްލުވާ ގޮތަކީ ޓޭކް އޮފް އަދި ލޭންޑިންގައި ކުރޫއިންނަށް ވެސް އެންމެ ގިނަ މަަސައްކަތެއް ކުރަން ޖެހޭ ވަގުތަކީ، ބޯޓުގައި ދަތުރުކުރާ އިރު ގިނަ ވަގުތު މިހޭދަކުރަންޖެހެނީ ކުރޫޒްގައި، އެހެންވީމާ މާ ބޮޑު މަސައްކަތެއް ނުޖެހޭނެ. ހަމައެކަނި ޖެހޭނީ އިންސްޓުރޫމަންޓު މޮނީޓާކޮށް ބޯޓް ލެވަލްގައި ހިފަހައްޓާ ވަރަށް ކުދި ކުދި އިމްޕުޓް ޕައިލެޓް ދޭން މިޖެހެނީ،" އެރޯނޯޓިކަލް އިންޖީނިއަރު ވިދާޅުވި އެވެ.

ގިނަ ތަޖުރިބާކާރުން ގަބޫލް ކުރާގޮތުގައި މިފަހަރުގެ ހާދިސާގައި ބޯޓް ވެއްޓެން މެދުވެރިވި ސަބަބަކީ ފުލައިޓް ޖެއްސުމުގެ ތެރޭގައި ހެދުނު ގޯހަކަށް ވުންގާތެވެ.

ފްލައިޓް ޖެއްސުމުގެ ތެރޭގައި މީގެ ކުރިން ވެސް ރާއްޖޭގައި އެފަދަ ހާދިސާތައް ހިންގާފައި އެބަހުއްޓެވެ. އެގޮތުން 2004 ވަނަ އަހަރު މޭމަހު 17 ވަނަ ދުވަހު ޓީއެމްއޭގެ ސީޕްލޭނެއް ހުޅުލޭ ސީވޯލްގައި ޖެހި ތިން މީހަކަށް ސީރިއަސް ޒަހަމްތަކެއްވި އެވެ. އެފަހަރު ވެސް ބޯޓަށް ވަރަށް ބޮޑަށް ގެއްލުންވި އެވެ.

"އެއް ފަހަރު ހާދިސާއެއް ހިނގި ބޯޓް ޖެއްސިއިރު ލެވަލް ނުވެގެން، އެހެންވެ ކުޑަކޮށް އަރިއަޅާލާފައި އިނީމާ އެންމެ ފުރަތަމަ ވިންގު ޓިޕް[ފިޔަގަނޑު] ޖެހުނީ ލޮނުގަނޑުގައި. އެހެންވެ ކޮންޓުރޯލް ގެއްލޭނެ، އެހެންވީމާ ބޯޓުގައި ޓެކްނިކަލް ކަމެއް ނެތިވެސް ޕައިލެޓަށް ކުރެވޭ ކަމަކުން ވެސް އެކްސިޑެންޓެއް ހިނގާފާނެ." އިންޖިނިއަރު ވިދާޅުވި އެވެ.

އިންޖިއިން ފެއިލްވުން:

ބޯޓް ވެއްޓެން މެދުވެރިވާ އަނެއް ސަބަބެއް ކަމަށް ބެލެވެނީ އޭގެ އިންޖީނު ފެއިލް ވުމެވެ. ބޯޓެއްގައި ދެ އިންޖީނު ހުންނަ އިރު އެއް އިންޖީނު ފެއިލްވުމަކީ ހިނގާ ކަމެއް ނަމަވެސް ދެ އިންޖީނު އެކީ ފެއިލް ވުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް ތަޖުރިބާ ކާރުން ބުނެ އެވެ. އަދި މިހާތަނަށް ރާއްޖޭގައި އެކަން ހިނގާފައެއް ވެސް ނެތެވެ.

އިންޖީނިއަރުން ވިދާޅުވާ ގޮތުގައި އިންޖީންއެއް ފެއިލް ވުމަކީ ވެސް ބޯޓު ވެއްޓެން ދިމާވެދާނެ ސަބަބެއް ނޫނެވެ. އެއީ އެއް އިންޖީނު ފެއިލް ވެއްޖެ ނަމަ ރައްކާތެރިކަމާ އެކު ބޯޓް ޖެއްސޭނެތީ އެވެ. ބޯޓްތައް ޑިޒައިން ކުރެވިފައި ހުންނަނީ އެއް އިންޖީނު ފެއިލް ވިޔަސް ޖެއްސޭ ގޮތަށެވެ. އެކަމަށް ޕައިލެޓުންނަށް ހާއްސަ ތަމްރީނުތަކެއް ވެސް ދެ އެވެ.

"ޕައިލެޓުން ވެސް މިތިބެނީ ޓުރެއިންކޮށްފައި އެއް އިންޖީނު ފެއިލްވުމުން އަނެއް އިންޖީނުގައި ފުލައި ކޮށްދޭން، އެމީހުންނަށް އެތިބެނީ ޓުރެއިނިން ވެސް ދީފައި، އެހެންވީމާ ހޭންޑްލް ކުރެވޭނެ،" ރާއްޖޭގައި މިވަގުތު ތިބި އެންމެ ކުޅަދާނަ އެއް ފުލައިޓް އިންޖީނިއަރު ވިދާޅުވި އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުން ފްލައިޓު ދަތުރުކުރަމުންދަނިކޮށް ދެ އިންޖީނު އެކީ ފެއިލްވި ނަމަވެސް ފުލައިޓު ކުއްލިއަކަށް ތިރިއަކަށް ނުވެއްޓޭނެ އެވެ. ފުލައިޓް ފަރުމާ ކުރެވިފައި ހުންނަ ގޮތުން ދެ އިންޖީނު ފެއިލްވުމުން ވެސް ރައްކާތެރިކަމާ އެކު ޖެއްސުމުގެ ފުރުސަތު ލިބިގެންވެ އެވެ. ކެޕްޓަންގެ ކުޅަދާނަ ކަމުން އެހާލަތުގައި ވެސް ބޯޓް ސަލާމަތާ އެކު ލޮނުގަނޑަށް ޖެއްސޭނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

"ދެ އިންޖީނު ނިވުނަސް ބޯޓުގެ ސްޕީޑް އިންނާނެ ދެއްތޯ، އެހެންވީމާ ދެ އިންޖީނު ފެއިލްވިޔަސް ކުއްލިއަކަށް ބޯޓެއް ނުވެއްޓޭނެ، އެހެންވީމާ މަޑުމަޑުން ދާނީ،" އޮފިޝަލް ވިދާޅުވި އެވެ.

ސިވިލް އޭވިއޭޝަން ގަވައިދު ބުނާގޮތުން ބޯޓެއް ފުރުމުގެ ކުރިން ކެޕްޓަން އިންސްޕެކްޝަންތަކެއް ހަދަންޖެހެ އެވެ. އެގޮތުން ބޯޓުގެ "ވޯކް ރައުންޑް" އާއި "އޮއިލް ލެވަލް" ފަދަ ކަންކަން ބަލަން ޖެހެ އެވެ. އެގޮތަށް ބެލިއްޖެ ނަމަ އެފަދަ ހާދިސާއެއް ހިނގުން ދުރެވެ.

ކޮންޓުރޯލް ކޭބަލް ކެނޑުން

ބޯޓެއް ދުއްވަނީ މެކޭނިކަލް ކޭބަލްއިން ކޮންޓުރޯލް ކޮށްގެނެވެ. ފްލައިޓުގެ ހުރިހާ ކޮންޓުރޯލެއް އޮންނަނީ އެކޭބަލް އާއި ގުޅިފަ އެވެ. އެހެންކަމުން ކޮންޓުރޯލް ކޭބަލެއް ކެނޑިއްޖެ ނަމަ އެފުލައިޓެއް ކޮންޓުރޯލް ކުރަން ކުރެވޭނެ މާބޮޑު ކަމެއް ޕައިލެޓަކަށް ނޯންނާނެ ކަމަށް ތަޖުރިބާ ކާރުން ބުނެ އެވެ. އެހެންކަމުން އެހާލަތަކީ މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގާފާނެ ސަބަބެކެވެ.

ކޮންޓުރޯލް ކޭބަލް ކެނޑުނަ ނުދިނުމަށް ޓަކައި ވެސް އޭވިއޭޝަން ދާއިރާގައި ހުންނަނީ ހާއްސަ އުސޫލުތަކެއް ކަނޑައަޅަފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑުއެއް ފިޔަވަޅަކީ ކޮންމެ ފުލައިޓަކުން ވެސް އަހަރު އެއްފަހަރު އެ ކޭބަލް އާ ކުރުމެވެ.

އަލިފާނުގެ ހާދިސާ އެއް ހިނގުން

ރާއްޖެއިން ބޭރުގައި ހިނގި ހާދިސާއެއްގައި ފުލައިޓެއްގައި އަލިފާން ރޯވެފައި ---

ބޯޓެއްގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގުމަކީ ވަރަށް ނާދިރު ކަމެއް ނަމަވެސް އިލެކްޓްރިކް ޝޯޓެއް ވެގެން އަލިފާނުގެ ހާދިސާއެއް ހިނގައިފާނެ އެވެ. އެފަދަ ހާދިސާތަކުން ސަލާމަތްވުމަށް މަތިންދާ ބޯޓު ތެރޭގައި "ފަޔާ އެކްސްޓިންގުއިޝާ" ނަމަކަށް ކިޔާ ވަސީލަތެއް ގާއިމްކޮށްފައިވެ އެވެ. އެވަސީލަތް ބޭނުން ކުރުމަށް ޕައިލެޓުން ތިބެނީ ޓުރެއިންކޮށްފައި ކަމުން ފަސޭހަކަމާ އެކު އަލިފާން ނިވާލެވެ އެވެ.

މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު އެބޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގި ކަމުގެ މައުލޫމާތެއް ލިބިފައެއް ނެތެވެ. ނަމަވެސް އެއީވެސް ބޯޓް ވެއްޓުމަށް ދިމާވެދާނެ ސަބެބެކެވެ.

އިސްވެ މިފާހަގަކުރީ މިފަދަ ހާދިސާއެއް ދިމާވެދާނެ ކަމަށް އެދާއިރާގެ ތަޖުރިބާކާރުން ދެކޭ ގޮތެވެ. ޓީއެމްއޭ އިން އެކަމާ ގުޅޭ ގޮތުން އެއްޗެއް ހާމަ ނުކުރާއިރު ކަމާ ބެހޭ ފަރާތްތަކުން މިހާރު ދަނީ އެކަން މެދުވެރިވި ސަބަބު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ކަނޑަށް ވެއްޓޫނު ސީ ޕްލޭންގެ ކަނދު ރަށަކަށް އަރުވަނީ-- ސަން ފޮޓޯ

މި މައްސަލަ ތަހުގީގް ކުރެވޭގޮތް

ބޯޓެއް ވެއްޓިއްޖެ ނަމަ ތަހުގީގު ކުރާ ފަރާތްތަކުން އެންމެ ފުރަތަމަ ހޯދާ އެކައްޗަކަށް ވަނީ "ކަޅުފޮށި" އެވެ. ސަބަބަކީ އޭގެ ޒަރީޔާއިން ބޯޓަށް ވީގޮތް އެނގޭތީ އެވެ. ނަމަވެސް މިފަދަ ބޯޓްތަކުގައި ކަޅު ފޮއްޓެއް ނުހުރެ އެވެ.

" ނަވާރަ ފަސިންޖަރުންނަށް ވުރެ ކުދި ފްލައިޓުތަކުގައި "ކަޅު ފޮށި" ނުހުރޭ، އެހެންވީމަ ސީޕްލޭނަކު ނުހުންނާނެ." ތަޖުރިބާކާރަކު ވިދާޅުވި އެވެ.

އެހެން ކަމުން މިހާދިސާ ހިނގާފައިވާ ގޮތް ބެލުމަށް ތަހުގީގް ކުރިއަށް ގެންދެވޭނެ ގޮތަކީ ބޯޓް ދުއްވަންތިބި ޕައިލެޓުންގެ އިންޓަވިއު އާއި ފުލައިޓް ވެއްޓުންތަން ފެނުން މީހުންގެ ބަހަށް ބެލުމަށް ފަހު އެވެ. ހަމަ އެއާ އެކު ބޯޓް ކަނޑުން ނެގުމަށް ފަހު އިންސްޕެކްޝަނެއް ހެދުމުން ބޯޓް ވެއްޓުމުގެ ކުރިން ޓެކްނިކަލް މައްސަލައެއް ދިމާވެފައިވޭތޯ ބެލޭނެ އެވެ.

ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު އާންމުކޮށް ފުލައިޓް ވެއްޓޭ ސަބަބުތައް:

  1. ޕައިލެޓް ކުށުން: ފްލައިޓެއް ވެއްޓުމަށް ދިމާވާ މައްސަލަތަކުގެ ތެރެއިން ގިނަ ފަހަރަށް ބޯޓް ވެއްޓެން ދިމާވަނީ ޕައިލެޓަށް ކުރެވޭ ކުށެއްގެ ސަބަބުންނެވެ. މޫސުމަށް އަންނަ ބަދަލު ރަނގަޅަށް ބަލާލުމާ ނުލާ ނުވަތަ މެކޭނިކަލް މައްސަލައެއް ބަލާލުމަށް އޮޅުމުގެ ސަބަބުން ޕައިލެޓް އަށް ކުށް ކުރެވެ އެވެ.

  1. މެކޭނިކަލް މައްސަލަ: ފްލައިޓް އެކްސިޑެންޓްތަކުގެ 22 ޕަސެންޓަކީ މެކޭނިކަލް މައްސަލައިގެ ސަބަބުން ދިމާވާ ހާދިސާތަކެވެ. "މެކޭނިކަލް އެރާސް"ގެ ސަބަބުން ސިސްޓަމް ފެއިލް ވުމަށް މަގުފަހި ވެ އެވެ. ސިސްޓަމް ޑިޒައިނިންގައި ހުރި މައްސަލައެއްގެ ސަބަބުން މެކޭނިކަލް އެރާއެއް ދިމާވެދާނެ އެވެ.
  1. މޫސުން: 12 ޕަސެންޓް އެކްސިޑެންޓްތައް ވަނީ މޫސުން ގޯސްވުމާ ގުޅިގެންނެވެ. ބޯޓް ދުއްވަމުން ދާއިރު ވިދާ ގުގުރާ ކަމަށްވާ ނަމަ ސިސްޓަމް ފެއިލް ވުމަކީ އެކަށީގެންވާ ކަމެކެވެ.

ނިސްބަތުން ރާއްޖެ އަކީ ވައިގެ އެކްސިޑެންޓްތައް މަދު ގައުމެކެވެ. ސަބަބަކީ ރާއްޖޭގެ ސިވިލް އޭވިއޭޝަނުން ހަދާފައި ހުންނަ އުސޫލްތައް ހަރުދަނާ ކަމާއި އެއާލައިންތަކުން އެކަންތައްތަކަށް އަމަލު ކުރަމުން ދިއުމެވެ. މިހާދިސާ އިން މީހުން ސަލާމަތް ކުރެވުމަކީ ވެސް އޭގެ އެއްހެއްކެވެ.

ސިވިލް އޭވިއޭޝަން ގަވައިދު ބުނާ ގޮތުން ސީޕްލޭން މޫދަށް ޖެއްސުމުގެ ކުރިން ފްލައިޓުގައި ތިބި މީހުން ބަލައި ގޮސް 200 ފޫޓު ދުރުގައި ދޯންޏެއް އޮނަންޖެހެ އެވެ. އެހެން ކަމުން ސީޕްލޭން ޖެއްސުމުގެ ތެރޭގައި ކަމެއް ހިނގިޔަސް އަވަހަށް އެހީގެ އަތެއް ފޯރުކޮށްދެވެ އެވެ.

ތަޖުރިބާ ކާރުން ގަބޫލް ކުރައްވާ ގޮތުގައި މިހާދިސާގައި ވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެންމެން ސަލާމަތް ކުރެވުނީ ބޯޓް ވެއްޓުނު ވަގުތު އެސަރަހައްދަށް ލޯންޗެއް ދިއުމުންނެވެ.

މިހާރު ކުރިއަށް އެދަނީ އެ ބޯޓް ނެގުމުގެ މަސައްކަތެވެ. އިއްޔެއާ ހަމައަށް 17 ލަގެޖު ފޮއްޓެއް ވަނީ ނަގައިފަ އެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އަދުނާން މުހައްމަދު ވިދާޅުވީ އެބޯޓް ނެގޭނެ ވަކި އިރެއް ވިދާޅުވުމަށް އަދި ނޭނގޭ ކަމަށެވެ.

މައުލޫމާތު ދިން ތަޖުރިބާ ކާރުންގެ ބަހަށް ބަލާއިރު އެ ފަރާތްތަކަށް ބޮޑަށް ބެލެވޭ ގޮތުގައި ޓީއެމްއޭގެ މިބޯޓް ވެއްޓެން ދިމާވި މައްސަލައަކީ ޖައްސަން އުޅުމުގެ ތެރޭގައި ހިނގި ކަމަކަށް ވުން ގާތެވެ.