ކަނޑަށް ވެއްޓިފައިވާ ޓްރާންސް މޯލްޑިވިއަން އެއާވޭސް(ޓީއެމްއޭ)ގެ ސީޕްލޭން އޮތް ސަރަހައްދުން 17 ލަގެޖް ފޮށި ނަގައިފިއެވެ.

އިއްޔެ އިން ފެށިގެން އެބޯޓު އޮތް ސަރަހައްދަށް ސިފައިން ފީނަމުން ދާއިރު ސަން އަށް އެނގިފައިވާގޮތުގައި މިއަދު ވަނީ ޓޫރިސްޓުންގެ 17 ލަގެޖް ފޮށި ނަގާފައެވެ. އިއްޔެ ނެގީ އެއް ދަބަހާއި ދެ ފޯނެވެ.

"އަދިވެސް އެސަރަހައްދުގައި ލަގެޖް އެބަހުރި، ސިފައިން މާދަންވެސް ފީނާނެ،" ސަރުކާރުގެ އޮފިޝަލަކު ވިދާޅުވިއެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ކަނޑުގެ 38 މީޓަރު އަޑީގައި އޮތް އެ ބޯޓު ފެނުން މައްޗަށް ނެގުމަށްޓަކައި މިހާރު ވަނީ ވާޖަހައިފަ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އަދުނާން މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ ބޯޓު ނެގުމުގެ މަސައްކަތް އިއްޔެ އިން ފެށިގެން ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެބޯޓް ނެގޭނެ ވަކި އިރެއް ދައްނަވަން އަދި ނޭނގޭ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު 5:30 އެހާކަންހާއިރު ޅ. ކުރެއްދޫ އައިލެމްޑު ރިސޯޓާ ދެ މޭލު ބޭރަށް ވެއްޓުނު އެ ބޯޓުގެ ދެ ކަނދު ފިޔަވައި އެހެން ބައިތައް ވަނީ އަޑިއަށް ގޮސްފަ އެވެ.

ފަސިންޖަރުންނާއި ކުރޫއިން ސަލާމަތް ކުރުމަށް އެ ސަރަހައްދަށް ކުރެއްދޫ ރިސޯޓުގެ ލޯންޗު ދިޔަ އިރު، ބޯޓުގެ މައިގަނޑު އޭރު އަޑިއަކަށް ނުދެ އެވެ. ފަސިންޖަރުންނާއި ކުރޫއިން ސަލާމަތް ކުރިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ހުރިހާ ލަގެޖުތަކާ އެކު ބޯޓު ވަނީ ކަނޑު އަޑިއަށް ގޮސްފަ އެވެ.

ބޯޓް ވެއްޓުނީ އޭގައި ދަތުރު ކުރަމުން ދިޔަ 11 ފަސިންޖަރުންނާއި ތިން ކުރޫއިންނާ އެކު އެވެ. އެ އެންމެން ވެސް ވަނީ ސަލާމަތް ކޮށްފަ އެވެ.

އެ ބޯޓު ވެއްޓެން މެދުވެރިވި ސަބަބު ޓީއެމްއޭއިންނާއި ކަމާ ގުޅޭ ފަރާތްތަކުން މިހާރު ތަހުގީގު ކުރަމުންދާ އިރު އެ ހާދިސާގެ ތަފްސީލެއް ނުދެއްވަ އެވެ.