އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ ޕާލަމެންޓް މެންބަރު އަދި މަޝްހޫރު ފިލްމީ ތަރި ހެމާ މާލިނީގެ ކާރުން އެހެން ކާރެއްގައި ޖެހި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ލިބިނު ޒަޚަމްތަކަށް ފަރުވާ ދިނުމަށްފަހު މިއަދު ޖައިޕޫރު ހޮސްޕިޓަލުން ހެމާ ދޫކޮށްލާފައިވާއިރު، އެ އެކްސިޑެންޓްގައި އަނިޔާއާއި ގެއްލުން ލިބުނު ފަރާތްތަކަށް ފައިސާގެ އެހީއެއް ފޯރުކޮށްދިނުމަށް ހެމާ ނިންމަވައިފި އެވެ.

އިންޑިއާގެ "ޑްރީމްގާލް"ގެ ނަމުން މަޝްހޫރު ފިލްމީތަރި އަދި މިހާރު އުމުރުން 66 އަހަރުގެ ޕޮލިޓީޝަން، މިއަދު ވަނީ ޖައިޕޫރުން ޗާޓަރޑް ޕްލައިޓެއްގައި މުމްބާއީއަށް ވަޑައިގެންފައެވެ. ހެމާ މުމްބާއީއަށް ދަތުރުކުރެއްވީ، އޭނާގެ އަންހެން ދަރިފުޅު އީޝާ ޑިއޯލްއާއެކުއެވެ.

މުމްބާއީގެ ޖުހޫގައި ހުންނަ ހެމާ މާލިނީގެ ގެ ކައިރީގައި ނޫސްވެރިންނާ ވާހަކަދައްކަމުން އީޝާ ޑިއޯލް ބުނީ، "އަނިޔާ ލިބުނު މީހުންނާއި އެ އާއިލާތަކަށް އަހަރެންގެ މަންމަ އެހީތެރިވެދޭނެ. މަންމަ އެމީހުންނަށް އެހީތެރިވަނީ، ސިޔާސީ ލީޑަރަކަށް ވީމައެއްނޫން، އެކަމަކު މަންމައަކީ ރަނގަޅު މީހަކަށް ވާތީ،" ކަމަށެވެ.

އެކްސިޑެންޓްގައި މަރުވި ހަތަރު އަހަރުގެ އަންހެން ކުއްޖާ -- ފޮޓޯ: ހިންދުސްތާން ޓައިމްސް

އިންޑިއާގެ ޕާލަމެންޓްގައި މަތޫރާ ތަމްސީލުކުރައްވާ ބީޖޭޕީގެ މެންބަރު ހެމާ މާލިނީގެ ކާރު ރާޖެސްތާންގެ ދައުސާ ކައިރިން ނޭޝަނަލް ހައިވޭގައި ގަޑިއަކު 60 ކިލޯ މީޓަރުގެ ބާރުމިނުގައި ދުއްވާފައި ދަނިކޮށް، އެ މަގުގެ އަނެއްކޮޅުން ދުއްވާފައި އައި މަރޫޓީ އަލްޓޯ ކާރެއްގައި ޖެހި އެކްސިޑެންޓް ހިނގީ، ހެމާގެ ކާރުގެ ޑްރައިވަރުގެ ފަރުވާކުޑަކަމުން ކަމަށް އެގައުމުގެ ފުލުހުން ވަނީ ބުނެފައި ވެއެވެ. އަދި އެކްސިޑެންޓާ ގުޅިގެން ހެމާގެ ކާރުގެ ޑްރައިވަރު މިހާރުވަނީ ހައްޔަރުކޮށްފައެވެ.

އިންޑިއާގެ ކުރީގެ މަޝްހޫރު ފިލްމީ ބަޠޮލާ އަދި މިހާރު ވެރިކަންކުރާ ޕާޓީއަށް ނިސްބަތްވާ ޕާލަމެންޓް މެންބަރު ހެމާ މާލިނީގެ ކާރު އެހެން ކާރެއްގައި ޖެހި އެކްސިޑެންޓްވެ ހެމާ ޒަޚަމްވެފައި. މި ހާދިސާގައި އަނެއް ކާރުގައި އިން 4 އަހަރުގެ ކުއްޖަކު ވަނީ މަރުވެފައި -- ފޮޓޯ: ބޮލީވުޑްޓެބްލޮއިޑް

އެ އެކްސިޑެންޓްގައި ހެމާގެ ކަނާތްފަރާތު ބުމަކައިރި ފަޅައިގެން ގޮސް، ނޭފަތުގެ ކަނާތްފަރާތުން ވެސް ކުޑަ ތަންކޮޅެއް ޒަޚަމްވެފައިވާ އިރު، މަރޫޓީ އަލްޓޯގައި ތިބި މީހުންގެ ތެރެއިން ހަތަރު އަހަރުގެ އަންހެން ކުއްޖަކު މަރުވެފައި ވާއިރު އެކުއްޖާގެ ބެލެނިވެރިންގެ އިތުރުން އެ އާއިލާގެ އިތުރު ތުއްތު ކުއްޖަކަށް ވެސް ސީރިއަސް ޒަހަމްތަކެއް ވަނީ ލިބިފައެވެ.

ތުއްތުކުއްޖާ މަރުވި ހާދިސާއާ ގުޅިގެން ހެމާ މާލިނީ އެކަމުގައި ފަރުވާކުޑަކޮށްފައި ވާކަމަށް ބުނެ ގިނަ ބަޔަކު ހެމާއަށް ފާޑުކިޔަމުންދާއިރު، ހެމާ ވިދާޅުވެފައި ވަނީ، އެ އެކްސިޑެންޓަކީ ވަރަށް ހިތާމަވެރިކޮށް ދިމާވި ކަމެއް ކަމަށާއި އެކަމާ ވަރަށް ދެރަވެ ކަންބޮޑުވާ ކަމަށެވެ. އަދި އެ ތުއްތު ކުއްޖާ މަރުވުމާ ގުޅިގެން އެ ކުއްޖާގެ އާއިލާއަށް ހަމްދަރުދީވެ ހެޔޮދުއާ ކުރާ ކަމަށާއި އެ އާއިލާއަށް ލިބުނު ހިތާމައާއި ގެއްލުން ތަސައްވަރު ކުރެވޭ ކަމަށްވެސް ހެމާ ވިދާޅުވެފައި ވެއެވެ.

އިންޑިއާގެ ކުރީގެ މަޝްހޫރު ފިލްމީ ބަޠޮލާ އަދި މިހާރު ވެރިކަންކުރާ ބީޖޭޕީއަށް ނިސްބަތްވާ ޕާލަމެންޓް މެންބަރު ހެމާ މާލިނީގެ މާސިޑީޒް ކާރު އަދި އެކާރުގައި ޖެހި އެކްސިޑެންޓްވި މަރޫޓީ އަލްޓޯ -- ފޮޓޯ: ބޮލީވުޑްޓެބްލޮއިޑް