އިންޑިއާގެ މައިސޫރުގައި އުޅޭ ދިވެހީންނަށް އާސަންދައިގެ ޚިދުމަތް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

އާސަންދައިގެ މެނޭޖިން ޑިރެކްޓަރު މައުމޫން އަބްދުއްސަމަދު މިއަދު ސަން އަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އެދިވަޑައިގަތުމަކަށް އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

މައުމޫން ވިދާޅުވީ، އާސަންދައިގެ ޚިދުމަތް ދިނުމާ ބެހޭގޮތުން "މޯލްޑިވްސް ސްޓޫޑަންޓް އެސޯސިއޭޝަން މައިސޫރު (އެމްއެސްއޭއެމް)" ގެ ރައީސް މުހައްމަދު އަމާނުއްﷲއާ ވެސް ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެތަނުގެ ހޮސްޕިޓަލްތަކާ ވެސް ވާހަކަދައްކަމުން އަންނަ ކަމަށާއި އެންމެ ލަސްވެގެން ވެސް އޯގަސްޓު މަހުގެ ތެރޭގައި މައިސޫރަށް އާސަންދައިގެ ޚިދުމަތް ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ލަސްވެގެން ވެސް އޯގަސްޓު މަހުގެ ތެރޭގައި އާސަންދައިގެ ޚިދުމަތް މައިސޫރަށް ދެވޭނެ. އަޅުގަނޑުމެން މައިސޫރުގައި މި ޚިދުމަތްދޭނީ އެތަނުގައި ހުރި އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލް މެދުވެރިކޮށް،" މައުމޫން ވިދާޅުވި އެވެ.

މައިސޫރުގައި އާސަންދައިގެ ޚިދުމަތް ދިނުމަށް ތައްޔާރުވަމުން އަންނައިރު އިންޑިއާގެ ޓްރިވެންޑްރަމް، ބެންގަލޫރު، ކޮޗިން އަދި ޗެންނާއީ އިން ވެސް އާސަންދައިގެ ޚިދުމަތް ލިބެއެވެ.

"ރައީސް ޔާމީން ބޭނުންފުޅެއް ނުވޭ ސިއްހީ ޚިދުމަތް އެންމެ މިނެޓަކަށް ވެސް ލަސްވާކަށް. ރައީސް އެދިވަޑައިގަތުމުން ވަގުތުން އަޅުގަނޑު އެ މަސައްކަތް ފަށައިފިން. ސިއްހީ ދާއިރާ ރަނގަޅު ކުރުމަށް ރައީސް ކުރައްވަން ފެއްޓެވި މަސައްކަތުގެ ބޮޑުބައެއ މިހާރު ވަނީ ނިމިފައި. ދުނިޔޭގަ ނުހުންނާނެ ރާއްޖޭގައި މިދޭ ފެންވަރުގެ ހެލްތު އިންޝުއަރެންސްގެ ނިޒާމެއް،" މައުމޫން ވިދާޅުވި އެވެ.

އެމްއެސްއޭއެމްގެ ރައީސް އަމާނުﷲ ވިދާޅުވީ، މައިސޫރުގައި ދިރިއުޅޭ ދިވެހީންގެ އެދުމަށް އިޖާބަދިން ކަމަށްޓަކައި ސަރުކާރަށް ޝުކުރު ދަންނަވާ ކަމަށެވެ.

"މައިސޫރުގައި އުޅޭ ދިވެހިރައްޔިތުން މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ސަރުކާރުން މިވަނީ މިކަމަށް އިޖާބަދެއްވާފައި. އެކަމަށްޓަކައި މައިސޫރުގައި އުޅޭ ހުރިހާ ދިވެހީންގެ ފަރާތުން ސަރުކާރަށް ޝުކުރު ދަންނަވަން،" އަމާނުﷲ ވިދާޅުވި އެވެ.