ރިޔާޒް (ޖުލައި 4): ހައްޖުވެރިންނަށާއި އުމުރާވެރިންނަށް ޚާއްސަކޮށްގެން މަދީނާގައި ބައިނަލްއަގްވާމީ ފެންވަރުގެ އެއާޕޯޓެއް ހުޅުވައިފިއެވެ.

މި އެއާޕޯޓް ހުޅުވީ ހައްޖު މޫސުމުގައި ހައްޖުގެ އަޅުކަން އަދާކުރުމަށާއި ރަމަޟާންމަހުގެ ފަހުދިހައިގައި މައްކާއަށް ޒިޔާރަތްކުރާ ހައްޖުވެރިންނާއި އުމުރާވެރިން މަދީނާއަށް ޒިޔާރަތްކުރާތީ މަދީނާއަށް ދަތުރުކުރާ މީހުންގެ އަދަދު އާދަޔާ ޚިލާފަށް އިތުރުވަމުން ދިޔުމުގެ ސަބަބުން ޖިއްދާ އެއާޕޯޓާއި ތާއިފްގެ އެއާޕޯޓަށް ކުރިމަތިވާ ތޮއްޖެހުން ކުޑަކުރުމުގެ ގޮތުންކަމަށް ސައޫދީ ސަރުކާރުން ބުނެއެވެ. މިއެއާޕޯޓްގެ ކެޕޭސިޓީއަކީ އަރަކު 8 މިލިޔަން މީހުންނަށް ޚިދްމަތް ދިނުމުގެ ކެޕޭސިޓީއެވެ.

މައްކާގެ ހަރަމްފުޅު ބޮޑުކުރުމަށާއި މައްކާގައި ހިންގާ އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫޢުތަކާ މުނާސަބު މިންވަރަށް އެ މުގައްދަސް ރަށުގެ ޚިދްމަތްތައް ރަނގަނޅުކޮށް މައްކާއަށްދާ ހައިވޭތައް ތޮއްޖެހުން ކުޑަކުރުމަށްވެސް މަދީނާގައި ބައިނަލްއަގްވާމީ އެއާޕޯޓެއް ހުޅުވުން މުހިއްމުކަމަށް ސައޫދީ މަސްއޫލުވެރިން ވިދާޅުވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު މަދީނާގައި އިފްތިތާޙް ކުރި މިއެއާޕޯޓަކީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ތިބާހް ކުންފުނިން ބިނާކުރި އެއަރޕޯޓެކެވެ. މިއީ ތުރުކީގެ ކުންފުންޏަކާއި ސައޫދީ ކުންފުންޏެއް ގުޅިގެން އުފައްދާފައިވާ ކުންފުންޏެއް ކަމަށްވެއެވެ. މަދީނާގައި އެއާޕޯޓެއް ބިނާކުރި ނަމަވެސް މައްކާގައި އެއާޕޯޓެއް ބިނާނުކުރާ ސަބަބަކީ މައްކާމަތިން އުދުހުމަކީ މަތިންދާބޯޓުތަކަށް ރައްކާތެރިކަމަކަށް ނުވެފައި ސައޫދީ ހުރިހާ އެއާޕޯޓްތަކަކީވެސް އެއާޕޯޓްތައް ހިންގުމަށް ބޭނުންވާ ފަންނީ ހުރިހާ ކަމެއްގައި ޣައިރު މުސްލިމުން ހަރަކާތްތެރިވާ އެއާޕޯޓް ތަކަކަށްވާއިރު މައްކާއަކީ ޣައިރު މުސްލިމުން އެރުން ހުއްދަ ސިޓީއަކަށް ނުވާތީއެވެ.

މައްކާގައިވާ ކަޢުބަތުﷲ ގެފުޅަކީ ދުނިޔޭގެ ބިމުގެ މަރުކަޒެކެވެ. ގެފުޅުގެ ކައިރީގައިވާ މައްކާގެ ޖައްވުގައި އާދަޔާ ޚިލާފު މެގްނެޓިކް ބާރެއް ހުރެފައި މައްކާގެ މަތީގައި އެއާޕޮކެޓްތައް ގިނަކަމުން ސިވިލްއޭވިއޭޝަނާބެހޭ ބައިނަލްއަގްވާމީ ޖަމްއިޢްޔާއިންވަނީ މައްކާގެ މަތިން އުުދުހުމަކީ މަތިންދާ ބޯޓުތަކަށް ރައްކާތެރި ކަމެއްނޫންކަމަށް ކަނޑައަޅާފައެވެ.

ކޮންމެ އަަހަރެއްގެވެސް ހައްޖު މޫސުމުގައާއި އެނޫން މަސްތަކުގައި 20 މިލިޔަނާއި 23 މިލިޔަނާ ދެމެދުގެ އަދަދަކަށް މައްކާ އަށާއި މަދީނާއަށް ހައްޖުވެރިންނާއި އުމުރާވެރިން ޒިޔާރަތްކުރާ ކަމަށްވެއެވެ. މިހާ ގިނައަދަދެއްގެ މީހުން ހަމައެކަނި ޖިއްދާގެ މަގުން މައްކާއަށް ދާންޖެހުމަކީ ޖިއްދާއާއި މައްކާ ހައިވޭއަށް ބާރުބޮޑުވެ ތޮއްޖެހުމަށް މެދުވެރިވާ ސަބަބެކެވެ.

މަދީނާގައި ބައިނަލްއަގްވާމީ އެއާޕޯޓެއް ހުޅުވުމަކީ މިކަމަށްވެސް ލުއިކަން އަންނާނެ ކަމެއްކަމަށް ވެއެވެ.

މައްކާއަކީ ސައޫދީ އަރަބިޔާގައި ތިންވަނައަށް އެންމެ ބޮޑު ސިޓީއެވެ. (ސައޫދީ މީޑިޔާ)