04 Jul 2015, 17:11
ކަނޑުން ނަގާފައިވާ ކުނީގެ ބާވަތެއް ބޭނުން ކޮށްގެން މަޝްހޫރު ބޫޓު ކުންފުނި "އެޑިޑާސް" އިން ބޫޓެއް ތައްޔާރު ކޮށްފި އެވެ.
ދުނިޔޭގެ ކަނޑުތަކުގެ ތަޣައްޔަރުވުން ހުއްޓުވުމަށް އެކުލަވާލާފައިވާ އޯގަނައިޒޭޝަން "ޕާލޭ ފޮ ދަ އޯޝަން" އާ ގުޅިގެން އެޑިޑާސްއިން ތައްޔާރުކޮށްފައިވާ ބޫޓަކީ 'ޑީޕް ސީ ގިލް ނެޓުތަކެއް' ކަނޑުން ނަގައިގެން ތައްޔާރުކޮށްފައިވާ ބޫޓެކެވެ. ގިލް ނެޓު ބޭނުން ކޮށްގެން މަސްވެރިކަން ކުރުމަކީ ގާނޫނާ ހިލާފު އަމަލަކަށް ވާއިރު އެ ގޮތަށް މަސްވެރިކަން ކޮށްގެން ގިނަ ދާތަކެއް ވަނީ ކަނޑަށް އެޅިފައެވެ.
އެޑިޑާސް އިން ބުނާ ގޮތުގައި އެ ނެޓު ބޭނުން ކޮށްގެން ތައްޔާރުކުރި ބޫޓުުތަކުގެ އަރިމަތީގައާއި މަތީގައި ބޭނުން ކޮށްފައި ހުންނާނީ ގިލް ނެޓް އެވެ. އަދި ބޫޓުގެ ފޫ ތައްޔާރުކޮށްފައިވަނީ ސަސްޓެއިނެބަލް ކުޝަނިން މެޓީރިއަލް އިންނެވެ.
ބޫޓަށް ބޭނުންވާ ނެޓު ހޯދުމަކީ އުނދަގޫކަމެއް ކަމަށްވާއިރު އެކަމުގައި "ދަ ސީ ޝެޕާޑް ކޮންޒަވޭޝަން ސޮސައިޓީ" އިން ބޮޑެތި އެހީތެރިކަމެއް ފޯރު ކޮށްދީފައިވާ ކަމަށް އެޑިޑާސް އިން ބުންޏެވެ.
ހަފިންޓަން ޕޯސްޓަށް ދިން އިންޓަވިއުއެއްގައި އެޑިޑާސްގެ ސްޕޯކްސްޕާސަން ވިދާޅުވީ، ކަނޑަށް އެޅިފައިވާ ކުނި ބޭނުންކޮށްގެން އުފެއްދި އެ ބޫޓަކީ ވިއްކުމަށް ތައްޔާރު ކުރި ބޫޓެއް ނޫން ކަމަށެވެ. ނަމަވެސް އެއީ ތިމާވެއްޓަށް ކުރަމުންދާ ގެއްލުންތައް ކުޑަކޮށް އެކަންތައްތަކާމެދު މީހުން ހޭލުންތެރި ކުރުމަށް ކުރާ ކަމެއް ކަމަށް އޭނަ ވިދާޅުވި އެވެ.