05 Mar 2011, 22:05
ޤާހިރާ : މިއަހަރުގެ މެދެއްހާ ހިސާބު ބޭއްވުމަށް ހަމަޖެހިފައިވާ މިސްރުގެ ރިޔާސީ އިންތިޚާބަށް ކޭންޕޭން ކުރެއްވުމުގެ މަސައްކަތް އެޤައުމުގެ ކުރީގެ ޚާރިޖީ ވަޒީރު އަދި ޢަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް ޑޮކްޓަރ ޢަމްރު މޫސާ ފައްޓަވައިފިއެވެ.
ޢުމުރުން 74 އަހަރުގެ ޢަމްރު މޫސާ ރިޔާސީ ކޭންޕޭން ފެއްޓެވުމުގެ ގޮތުން ފުރަތަމަ ދެއްކެވި ވާހަކަފުޅުގައި އިސްކަންދެއްވީ އިޖްތިމާޢީ ޢަދާލަތާއި މިސްރުގެ މުއްސަނދިންނާއި ފަގީރުންގެ މެދުގައިވާ ބޮޑުތަފާތުތައް ކުޑަކުރުމުގެ ޕްލޭންތަކެއްގެ މައްޗަށެވެ.
މިގޮތުން މިސްރުގެ އާބާދީގެ ބޮޑު ބައެއް ކަމަށްވާ ފަގީރުންނަށް ޤައުމުގެ އިޤްތިސާދުން ލިބޭފާއިދާ މިހާރަށްވުރެ އެތަށް ގުނައެއް އިތުރުކުރެވޭނެ ގޮތްތަކަކާބެހޭ ގޮތުން އޭނާ ވާހަކަ ދެއްކެވިއެވެ.
މިމޭރުމުން ވާހަކަ ދައްކަވަމުން ވޭތުވެދިޔަ ދިހަވަރަކަށް އަހަރު މިސްރުގެ އިޤްތިސާދު ބިނާވެފައިއޮތީ މަދުބަޔަކު މުއްސަނދިކޮށް ގިނަބަޔަކު ފަގީރު ކުރުމުގެ އުސޫލުތަކެއްގެ މައްޗަށް މޫސާ ވިދާޅުވިއެވެ.
މޫސާއަކީ މިސްރުގެ މައްޗަށް އެމެރިކާ ހިންގަމުން ގެންދިޔަ ނުފޫޒަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. އަދި ފަލަސްތީނުގެ ޙައްޤުތަކަށް އަޑުއުފުއްލަވައި އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްރާއީލުން ހިންގާ ޓެރަރިޒަމްގެ ޢަމަލުތައް ކުށްވެރިކުރައްވާ ބޭފުޅެކެވެ.
މުބާރަކްގެ ދުވަސްވަރު މިސްރުގެ ޚާރިޖީ ވަޒީރުކަމުން މޫސާ ދުރުކުރެވުނީ މިސަބަބުތަކާ ގުޅިގެން ކަމަށް އެދުވަސްވަރު އަޑުއަރާފައިވެއެވެ. މޫސާ އިއްޔެ ވަނީ މިސްރުގެ ޚާރިޖީ ސިޔާސަތުގެ އެންމެ ބޮޑު މައްސަލައަކީ ބޮޑެތި ޤައުމުތައް ރުއްސުން ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. މިއީ އެމެރިކާއަށް އިޝާރާތް ކުރައްވައި މޫސާ ވިދާޅުވި ވާހަކަފުޅެއް ކަމަށް މުރާސިލުން ބުނެއެވެ.
މިސްރުގެ ރިޔާސަތާ ކުރިމަތިލައްވާނެ ކަމަށް ބެލެވޭ ޑޮކްޓަރ މުޙައްމަދުލްބަރާދްޢީ އަށްވުރެ ޢަމްރު މޫސާގެ މަޤްބޫލުކަން ރައްޔިތުންގެ މެދުގައި ބޮޑުކަމަށް ޚިޔާލު ހޯދުމުގެ ސަރވޭތަކުން ދައްކައެވެ.
މިސްރުގެ ދަސްތޫރަށް ދިމުޤްރާތީ އިސްލާހްތައް ގެނައުމަށްފަހު މިއަހަރުގެ މެދެއްހާ ހިސާބު ބަރުލަމާނީ އިންތިޚާބާއި ރިޔާސީ އިންތިޚާބު ބޭއްވުމަށް ވަގުތީ ސަރުކާރުން ގެންދަނީ ތައްޔާރުވަމުންނެވެ. (އަލްޖަޒީރާ)