އަންކަރާ (ޖުލައި 5) : ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ބިޔަ އަދި ލަގްޒަރީ ރިޔާސީ ގަނޑުވަރުގެ ގޯތި ތެރޭގައި އެގަނޑުވަރުގެ ބޮޑުމިނާ އަދި ހައިބަތާ އެއްވަރުގެ ބޮޑު އަދި ރީތި މިސްކިތެއް ބިނާކޮށް އިފްތިތާހް ކޮށްދެއްވައިފި އެވެ.

ހަތަރު މުންނާރު ލާފައި އަދި އިސްލާމީ އެންމެ ފަހުގެ ޚިލާފަތް ކަމަށްވާ ތުރުކީގެ އުޘްމާނީ ޚިލާފަތުގެ ޒަމާނުގައި ތަރައްގީވެގެން ދިޔަ އިސްލާމީ އިމާރާތްތައް ކުރުމުގެ ޑިޒައިންތަކާ އެއްގޮތަށް ބިނާކުރި މިމިސްކިތުގައި އެއްފަހަރާ 3000 މީހުންނަށް ދަތިކަމަކާނުލައި މިސްކިތުގެ އެތެރޭގައި ނަމާދު ކުރެވެ އެވެ. އުރުދުޣާންގެ ގަނޑުވަރު ވެސް ބިނާކޮށްފައިވަނީ އުޘްމާނީ ޚިލާފަތުގެ ޒަމާނުގައި ތަރައްގީކުރި އިސްލާމީ ޑިޒައިންތަކާ އެއްގޮތަށެވެ. އިއްޔެ އިފްތިތާޙް ކުރި މިމިސްކިތް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ތުރުކީ ބޮޑުވަޒީރު އަހްމަދު ދާވޫދު އައި ސަރުކާރާއި ދައުލަތުގެ އިސްވެރިންނާއި އެގައުމުގެ އިސް އިސްލާމީ ދަންނަބޭކަލުން ބައިވެރިވެ ވަޑައިގެންނެވި އެވެ. އުރުދުޣާނަކީ ތުރުކީގެ އިސްލާމީ ޝަޚްސިއްޔަތު ވަރުގަދަކޮށް ތުރުކީގެ އިސްލާމީ ތާރީޚާއި ހަޟާރަތު އަލުން ދިރުވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ބޭފުޅެކެވެ. މިމިސްކިތުގެ ބޮޑުމިނުގައި 5175 އަކަމީޓަރު ހުރެ އެވެ.

އުރުދުޣާނަކީ އޭނާ ތުރުކީގެ އިސްލާމީ ޝަޚްސިއްޔަތު ދިރުވައި އާލަ ކުރުމަށް ކުރައްވާ މަސައްކަތްތަކާ ގުޅިގެން އެގައުމުގެ އިލްމާނީ ފިކުރުގެ މީހުންގެ ފަރާތްތަކުން ބޮޑެތި ފާޑުކިޔުންތަކެއް ރައްދުވަމުންދާ ބޭފުޅެކެވެ. ނަމަވެސް ތުރުކީގެ އިލްމާނީ ފިކުރުމުގެ ލީޑަރުން ވަނީ އުރުދުޣާންގެ ކުރިމަތީގައި ސިޔާސީ ގޮތުންނާއި އެނޫން ގޮތްގޮތުން މުޅިން ބަލިކަށިވެ އިނދަޖެހިފަ އެވެ.

ތުރުކީގެ ބާރުގަދަ މީހާ ގެ ގޮތުން އުރުދުޣާން އެގައުމުގެ ސިޔާސީ މަސްރަހުކޮންޓްރޯލް ކުރައްވާތާ 13 އަހަރު ވެފައިވާ އިރު އިލްމާނީ ފިކުރުގެ ޕާޓީތަކާއި އިލްމާނީ ލީޑަރުން އުޅުއްވަނީ އުރުދުޣާންއާ ވާދަކުރެއްވޭ ވަރަށް ވުރެ ހުރިހާ ގޮތަކުން ވެސް ފަހަތުގަ އެވެ. އުރުދުޣާންގެ ރިޔާސީ ގަނޑުވަރުގައި 1000 ކޮޓަރި ހުރެ އެވެ. ޖަލްސާކުރާ މާލަންތަކާއި އެނޫންވެސް އެކިވަރުގެ ހޯލްތަކާ އަދި ބޮޑެތި ޑައިނިން ރޫމްތަކުގެ 150 ތަން ހުރެއެވެ. އަދި މީގެއިތުރުން ކުދި ބައެއް މިސްކިތްތައް ވެސް ގަނޑުވަރުގައި ހުރެ އެވެ.

އަންކަރާގެ އެންމެ ރީތިހިސާބުގައި ހުންނަ މިގަނޑުވަރަކީ ދުނިޔޭގެ އެންމެ ބޮޑެތި އަދި އެންމެ ރީތި ގަނޑުވަރުތަކުގެ ތެރޭގައި ހިމެނޭ ގަނޑުވަރެކެވެ. މިގަނޑުވަރު ބިނާކުރުމަށް 615 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދު ކޮށްފައިވެ އެވެ.

(ރޮއިޓާސް)