މާލޭގެ އެއްގަމަގު ތޮއްޓާއި ސަހަރާތަކުގެ ފާރުގައި ކުލަ ލުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން މިއަދު ފަށައިފި އެވެ.

ހައުސިން މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު އަބްދުﷲ ޝަރީފް މިއަދު ސަން އަށް ވިދާޅުވީ، މިއަދު ފަށަގެން ކުރިއަށް ގެންދާ އެމަސައްކަތަކީ މާލޭގެ އެއްގަމު ތޮށިގަނޑު ސާފުކުރުމާއި އެތަންތަނުގައި ކުލަލުމުގެ މަސައްކަތް ކަމަށެވެ. ތޮށިގަނޑުގެ އިތުރުން މާލޭގެ ސަހަރާތަކުގެ ފާރުތަކުގައިވެސް ކުލަ ލުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިނިވަން 50 އާއި ގުޅިގެން މާލޭގެ ބޭރު ތޮށި އެއްކޮށް އަޅުގަނޑުމެން މިދަނީ ސާފުކޮށް ޕެއިންޓް ކުރަމުން، މުޅި މާލެ ވަށާ. ސަހަރާތަކާވެސް އެކު،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ހައުސިން މިނިސްޓްރީން ތޮށިގަނޑުގައި ކުލަލުމުގެ މަސައްކަތް ކުރާއިރު ބައެއް ފަރާތްތަކުން އެ ތޮށިގަނޑުގައި އިސްތިހާރު ތަތްކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެއީ ގާނޫނީ ގޮތުންވެސް މަނާކަމެއް ކަމަށެވެ.

ހައުސިން މިނިސްޓްރީން ވަނީ މިނިވަން 50 އަށް މާލެ ޒީނަތްތެރި ކުރުމުގެ ގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި މާ އިންދުމާއި ފެން އަރުވާ ވަޑާން ބެހެއްޓުން ފަދަ މަޝްރޫތައް ކުރިއަށްގެންދިއުމަށް ނިންމާފައެވެ.