ވިއެނާ (ޖުލައި 4): އީރާނުގެ ނިއުކްލިއަ މައްސަލަ ހައްލުކުރުމުގެ ދާއިމީ އެއްބަސްވުމަކާ ހަމައަށް އަދި ނުދެވުނު ނަމަވެސް ނިއުކްލިއަ މައްސަލައިގައި އީރާނާއި ދުނިޔޭގެ ބާރުތަކާ ދެމެދު އުފެދިފައިވާ ޚިލާފްތައް މިހާރަށްވުރެ ކުޑަވެފައިވާ އެއްވެސް ވަގުތެއް ނާންނަކަމަށް އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް ވިދާޅުވެއްޖެ އެވެ.

ޖެނީވާގައި ކުރިޔަށްދާ ވާހަކަތަކުގެ އަރިމަތީގައި ދެއްވި ބަޔާނެއްގައި ޒަރީފް ވިދާޅުވީ، ވާހަކަތައް ކާމިޔާބު ކުރުމަށް އީރާނަށް ދެވެންއޮތް އެންމެ ބޮޑު ދުލެއްދެމުން ގެންދާކަމަށާއި ނަމަވެސް ނިއުކްލިއަ މައްސަލައިގައި އީރާނުން ހުރަސް ނުކުރުމަށް އެންމެ ކުރީއްސުރެ ކަނޑައަޅާފައިވާ ރެޑްލައިން އީރާނުން ހުރަސް ނުކުރާނެ ކަމުގައެވެ.

ޒަރީފް ވިދާޅުވީ، އަދިވެސް ދެފަރާތުގެ ދެމެދުގައި ބައެއް ޚިލާފްތައް އެބަހުރި ކަމަށާއި ނަމަވެސް އެއްބަސްވުމަކާހަމައަށް ދިޔުންތޯ ނޫނީ ހަރުކަށިކަން ދޫނުކޮށް އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެގޮތުގައި ބޭއްވުންތޯ މިދެކަމުންކުރެ ކަމެއް ބޮޑެތި ބާރުތަކުން އިޚްތިޔާރު ކުރަންޖެހޭ ވަގުތު އައިސް ޖެހިފައިވާ ކަމުގައެވެ.

ރިޕޯޓްތައް ބުނާގޮތުން އެމެރިކާގެ ހަރުކަށި ވިސްނުން ގެންގުޅޭ ޔަހޫދީ ޖަމާއަތްތަކާއި އަދި އެމެރިކާގެ ނުފޫޒުގަދަ ފަރާތްތަކުން އެއްބަސްވުމަކާ ހަމައަށް ދިޔުމާ ދެކޮޅަށް އެމެރިކާ ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރަމުން ގެންދެއެވެ.

އީރާނުގެ ނިއުކްލިއަ މައްސަލައިގައި އެއްބަސްވުމަކާ ހަމައަށް ދިޔުމަށް އޮބާމާގެ ސަރުކާރުން ބޭނުންވިޔަސް މިކަމާދެކޮޅަށް އޮބާމާގެ ސަރުކާރަށް ގިނަގުނަ ފިއްތުންތަކެއް ކުރިމަތިވެއެވެ. މިފިއްތުންތައް ކުރިމަތިކުރާ ފަރާތްތަކުގެ ތެރޭގައި ސައޫދީ އަރަބިޔާއާއި ޔޫއޭއީ ވެސް ހިމެނޭ ކަމަށްވެއެވެ.

އީރާނުގެ ނިއުކްލިއަ މައްސަލައިގައި އެމެރިކާއާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން ހަރުކަށިކަން ކުރިޔަށް ނެރުނުނަމަވެސް ޗައިނާއާއި ރަޝިޔާ މިއާ މުޅިން ޚިލާފެވެ. މިދެގައުމުން ބޭނުންވަނީ އެއްބަސްވުމަކާ ހަމައަށް ދިޔުމަށެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީވެސް ވަނީ އީރާނުގެ ނިއުކްލިއަ މައްސަލައިގައި އީރާނާއި ދުނިޔޭގެ ބާރުތަކާ ދެމެދު އުފެދިފައިވާ ޚިލާފްތައް ވަރަށް ބޮޑަށް ކުޑަވެއްޖެ ކަމަށާއި އަދި ވާހަކަތަކުން ކުރިއެރުން ލިބެމުންދާކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. (ރޮއިޓާސް)