04 Jul 2015, 13:31
ޑެންގީ އިން ސަލާމަތް ވުމަށްޓަކައި ސަރުކާރުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭން މާލޭ ގެއެއް ސާފުކޮށް އެގެއިން ހަތް ލޮރީގެ ކުނި އުކާލައިފި އެވެ.
ހައުސިން މިނިސްޓްރީން އިއްޔެއިން ފެށިގެން ސާފުކުރަން ފަށާފައިވަނީ ތީމުގޭ ޕާކިން ޒޯނާއި ޖެހިގެން ދެކުނަށް ހުންނަގެ އެވެ. އެގެއަކީ ދައުލަތުން ބަދަލު ދީފައި ނަގާފައި އޮތް ފަޅު ގެއެކެވެ.
ހައުސިން މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު އަބްދުﷲ ޝަރީފް މިއަދު ސަން އަށް ވިދާޅުވީ، އެގެއަކީ ވަރަށް ކުރީންސުރެ އަޅާނުލެވިފައި ހުރި ގެއަކަށް ވުމުން ގިނަ އަދަދެއްގެ ކުނި އެ ގޭތެރޭގައި ހުރި ކަމަށެވެ. ރެއާއި ހަމައަށްވެސް ހަތް ލޮރީގެ ކުނި އެގެއިން އުކާލާފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ގޯތިތެތެރޭގައި ހުރި ކުނިތައް އުކާލުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ވަނީ ފަށާފައި - ސަން ފޮޓޯ: އަހުމަދު ޝަރުވާން
"ވަރަށް ގިނަ ކުނި. ރޭގައިވެސް ހަތް ވަރަކަށް ލޮރީގެ ކުނި އުކާލި އަދިވެސް އެތަން އެއްކޮށް ސާފުކޮށް ނުނިމޭ،" ޝަރީފު ވިދާޅުވި އެވެ.
މިއަދާއި މިރޭވެސް އެގެ ސާފުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރިއަށްގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ، އެގޭގައި ގިނަ އަދަދަކަށް ކުނި ހުރި ސަބަބަކީ އެ ސަރަހައްދުގައި އުޅޭ ފަރާތްތަކުން އެގެއަށް ކުނި އަޅަމުންދިއުމެވެ.
އެގޭތެރޭން ގިނަ އަދަދެއްގެ ކުނި ވަނީ އުކާލާފަ- ސަން ފޮޓޯ: އަހުމަދު ޝަރުވާން
މިދުވަސްވަރު ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ޑެންގީ ހުން ކޮންޓްރޯލް ކުރުމަށްޓަކައި މަދިރި އުފެދޭ ތަންތަން ސާފުކުރުމާ ބެހޭ ގައުމީ ކެންޕޭނެއް މުޅި ރާއްޖޭގައި މިއަދު ވަނީ ފަށާފައެވެ.