04 Jul 2015, 13:42
އުދައަރައި ރަށް ގިރުމުގެ މައްސަލަ ހއ. އަތޮޅު ވަށަވަށަފަރަށް އިންތިހާ އަށް ބޮޑުވެފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
އެ ރަށު ކައުންސިލްގެ ނާއިބު ރައީސް މުހައްމަދު ނާއިފު މިއަދު ސަން އަށް ވިދާޅުވީ ރަށުގެ ހުޅަނގުފަރާތުން 100 ނޫނީ 150 ވަރަކަށް ފޫޓު ގިރައިގެން ގޮސްފައިވާ ކަމަށާއި އެ ސަރަހައްދުން ބޮޑު ފުނަ ވަލެއް ވެސް އެއްކޮށް ކަހަލަ ގޮތަކަށް މޫދަށް ގޮސްފައިވާ ކަމަށެވެ.

ވަށަފަރު ގިރަނީ --
އޭނާ ވިދާޅުވީ ކުރީގައި ބުނާ ގޮތަށް އެއްކޮޅުން ގިރަންޏާ އަނެއްކޮޅުން ވޮޑޭނެ ކަމަށް ބުންޏަސް މިހާރު ވޮޑޭތަން ނުފެންނަ ކަމަށާއި މުޅިން ވެސް ފެންނަނީ ގިރާތަން ކަމަށެވެ.

ވަށަފަރު ގިރަނީ --
އަދި އޭނާ ވިދާޅުވީ އާބާދީގައި 900 މީހުން ދިރިއުޅޭ ރަށުގެ ރައްޔިތުން އަންނަނީ އެ މައްސަލައަށް ހައްލެއް ލިބޭތޯ ރަށުފެންވަރުގައި ތަފާތު ފިޔަވަޅުތައް އަޅަމުން ކަމަށެވެ. އެ ގޮތުން، މީގެ އަހަރުތަކެއް ކުރީއްސުރެން ފެށިގެން ކުނި ނައްތާލުމުގެ ރަނގަޅު ނިޒާމެއް ރަށުގައި ގާއިމުކޮށް އެދެވޭ ގޮތެއްގައި ކުނި ނައްތާލަމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރަށު ގޮނޑުދޮށުން ވެލިނެގުމާއި މޫދަށް ކުނިއެޅުން މުޅިން ހުއްޓާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އަދިވެސް ރަށް ގިރުމުގެ މައްސަލަ އަށް ހައްލު ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަށަފަރު ގިރަނީ --
ނާއިފު ވިދާޅުވީ ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، ބަނދަރު ކޮނެގެން ނަގާ ވެލި ރަށުގެ ގިރާ ސަރަހައްދަށް އަޅަމުން އަންނަ ކަމަށެވެ. ބަނދަރު މަޝްރޫއުއާ އެކު ގޮނޑުދޮށުގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަސް އެ ކަމުން ވެސް މުޅި މައްސަލަ އަށް ހައްލު ލިބޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ވަށަފަރު ގިރަނީ --
ގުދުރަތީގޮތުން ލިބިފައިވާ، ސާފު މޫދާއި ރީދި ދޮންވެލި ތުނޑި ފަތުރުވެރިންނަށް ވިއްކައިގެން މާލީ ނަފާ ހޯދަމުން އަންނަ ވަށަފަރު ރައްޔިތުންނަކީ، ރަށުގެ ވެށި ހިމާޔަތްކޮށް ބެލެހެއްޓުމަށް ނުހަނު އިސްކަމެއްދޭ ބައެއް ކަމަށް ރަށު ކައުންސިލުން ބުންޏެވެ.