ރާއްޖެ އަށް އެތެރެކޮށް ވިއްކާ ޑޮކްޓަރީ ބޭހުގެ ފެންވަރު ބެލުމުގެ ގޮތުން ޓެސްޓްތަކެއް ހަދަން ފަށައިފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނީ ރާއްޖޭގައި ވިއްކާ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމުގެ ގޮތުން ބޭހުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު މޮނީޓާ ކުރުމަށާއި ބޭސް ޓެސްޓް ކުރުމުގެ މަސައްކަތް އެ އޮތޯރިޓީ އިން ފަށާފައިވާ ކަމަށެވެ.

"ފުރަތަމަ މަރުޙަލާގައި ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކުރުމަށް ޓަކައި އެޝެންޝަލް މެޑިސިން ލިސްޓުގައި ހިމެނޭ ބޭހުގެ ތެރެއިން އެންމެ އާންމުކޮށް ބޭނުން ކުރާބޭސް ޓެސްޓްކުރެވޭނެ،" އެމްއެފްޑީއޭ އިން ބުންޏެވެ.

އާންމު ބޭސްތަކުގެ އިތުރުން ބޭހުގެ ރައްކާތެރިކަމާއި ފެންވަރާ މެދު ޝައްކު އުފެދޭ ބޭސްތައް ވެސް ޓެސްޓު ކުރެވޭނެ ކަމަށް އެމްއެފްޑީއޭ އިން މައުލޫމާތުދެ އެވެ. އެގޮތުން ރާއްޖެ އަށް ބޭސް އެތެރެކުރާ ޕޯޓްތަކާއި ފާމަސީ ތަކުގެ އިތުރުން ގުދަންތަކާއި ސިއްޙީ ހިދުމަތްދޭ މަރުކަޒުތަކުން ސާމްޕަލް ނަގައި ޓެސްޓް ކުރުމަށް ވަނީ ނިންމާފައިކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.