04 Jul 2015, 12:21
މައްކާ މުނިސިޕަލްޓީ އިން 70000 ފޭކް ޒަމްޒަމް ފުޅި ހޯދައިފި އެވެ. މައްކާގެ މުނިސިޕަލްޓީ އިން ވަނީ ފޭކް ފެން ޕެކް ކުރަމުން ދިޔަ ފެކްޓްރީ ހޯދައި އެތަން ބަންދުކޮށްފަ އެވެ. އަރަބި ބައެއް މީޑިއާތައް ބުނާ ގޮތުން އެ މައްސަލާގައި އޭޝިއާ ސަރަހައްދަށް ނިސްބަތްވާ ތިން މީހަކާއި އަރަބި މީހަކު ސައުދީ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެހެންނަމަވެސް މިއީ ކޮން ގައުމެއްގެ ބައެއް ކަަމެއް އަދި ނުބުނެ އެވެ.
ފޭކް ޒަމްޒަމް ފުޅުތައް މިހާރު ނައްތާލާފައިވާ ކަމަށް މައްކާގެ މުނިސިޕަލްޓީ އިން ވަނީ ބުނެފަ އެވެ. މައްކާގެ މުނިސިޕަލްޓީ އިން ފޭކް ޒަމްޒަމް ފުޅީގެ މައްސަލަ ބަލަން ފެށީ އުމްރާއަށް ގޮސްތިބޭ މީހުންނަށް ފޭކް ޒަމްޒަމް ފެން ވިއްކާ ކަމުގެ ޝަކުވާއަކާ ގުޅިގެންނެވެ. އެހެންނަމަވެސް މި އަހަރު ކުރީކޮޅު ވެސް ސައުދީގެ ހައްޖާ ބެހޭ މިނިސްޓްރީ އިން ވަނީ ފޭކް ޒަމްޒަމް ފެން ވިއްކާ ކަމުގެ ޝަކުވާ ލިބޭ ކަަމަށް ބުނެފަ އެވެ.
ހައްޖާ އާއި އުމްރާ އަށްދާ ފަރާތްތަކުން ޒަމްޒަމް ފެން ސީދާ ސައުދީ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ނެޝަނަލް ވޯޓާ ކޮމްޕެނީން ގަތުމަށް ވެސް އެ މިނިސްޓްރީ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އުމްރާ އަށް މީހުން ގެންދާ ހުރިހާ ކުންފުނިތަކުގެ ސަމާލުކަމަށް ފޭކު ޒަމްޒަމް ފެނުގެ ވާހަކަ ގެނެސްފައިވާ ކަމަށް ވެސް ހައްޖު މިނިސްޓްރީން ބުނެ އެވެ.